18 Apr 2016, 12:40
ތެހެރާން (އޭޕްރިލް 18): އަށް އަހަރުގެ މެދުކެނޑުމަކަށް ފަހު އެއާ ފްރާންސުގެ ފްލައިޓެއް ފުރަތަމަ ފަހަރަށް އީރާނުގައި ޖައްސައިފި އެވެ.
ދެހާސް އަށް ވަނަ އަހަރު އެއާ ފްރާންސުން އީރާނަށް ވައިގެ ދަތުރު ކުރުން ހުއްޓާލީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމުގެ ސަބަބުން އެގައުމާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނެވެ. ނަމަވެސް، އީރާނުން ދުނިޔޭގެ ބޮޑެތި ބާރުތަކާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން، އިރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަނީ މީގެ ތިން މަސް ކުރިން އުވާލައިފަ އެވެ.
އެއާފްރާންސުގެ އޭއެފް738 އިން އީރާނަށް މިއަދު ދަތުރު ކުރެއްވީ ފްރާންސުގެ ޓްރާންސްޕޯޓު މިނިސްޓަރު، އަލައިން ވިދާލީސް އާއި އެގައުމުގެ 15 ޑެލިގޭޓުންނެވެ. އެބޭފުޅުން އީރާނުގެ ވެރިރަށް ތެހެރާނުގައި ދެ ދުވަސް ހޭދަ ކުރައްވާނެ އެވެ.
އީރާނަށް ވަޑައިގަތުމަށް ފަހު މިނިސްޓަރު ވިދާލީސް ވަނީ "ފްލައިޓްތައް އަނެއްކާ ވެސް ފެށުމުން ފަހުރުވެރިވާ" ކަމަށާއި ދެގައުމުގެ މެދުގައި ޕާޓްނާޝިޕްތައް ހެދުމަށް ދެގައުމުގެ މެދުގައި ދަތުރުފަތުރު ކުރުން މުހިއްމު ކަމަށް ވިދާޅުވެފަ އެވެ.
ފްރާންސުގެ އިތުރުން އިޓަލީ އާއި އޮސްޓްރިއާ އާއި ޖަރުމަނާއި އިނގިރޭސިވިލާތުން އީރާނަށް ދަތުރު ކުރުން ހުއްޓާލާފައިވާ އެއާލައިންތަކުން ދަނީ މި އަހަރުގެ ތެރޭގައި އީރާނަށް ދަތުރުތައް އަނެއްކާ ވެސް ފެއްޓުމަށް ރާވަމުންނެވެ. (އޭއެފްޕީ)