ޑޮލަރުގެ އަގު ބޮޑުވެ، ތަކެތީގެ އަގު އުފުލެމުންދާ މައްސަލައާ ގުޅޭ ގޮތުން މާލޭގައި ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ގައުމީ ދިފާއީ ބާރުން ނުކުންނަ ހިސާބަށް ކަންތައްތައް ގޮސްފައިނުވާ ކަމަށާއި ފުލުހުންނަށް މާލޭގެ ހާލަތު ކޮންޓްރޯލްކުރެވޭނެ ކަމަށް ނޭޝަނަލް ސެކިއުރިޓީގެ އެޑްވައިޒަރު އަދި ކްރައިމް ޕްރިވެންޝަން ކޮމެޓީގެ ޗެއާމަން އަމީން ފައިސަލް ވިދާޅުވެއްޖެ އެވެ.

ނަމަވެސް އަމީން ވިދާޅުވީ މާލޭގައި މިހާރު އެކުރަމުން އަންނަނީ މުޒާހަރާ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށާއި އެއީ ރަށުތެރޭގައި ހަމަނުޖެހުން ހިންގުމަށް ހިންގާ "ވައިލެންޓް މޮބެއް" ކަމަށެވެ.

"ދިވެހި ޒުވާނުންނަކީ އެހާ ވިޔާނުދާ ބައެއް ނޫން. މިކަމަކީ މުޒާހަރާގެ ނަމުގައި މަދު ބަޔަކު އެމީހުންގެ އަމިއްލަ ފައިދާ އަކަށްޓަކައި އެމީހުންގެ ނަން ބޭނުންކުރަން ނުކެރިގެން، ނޫނީ އެމީހުންގެ ނަން ބޭނުންކުރުމުން ނުކުންނާނެ ބަޔަކު ނުވެދާނެތީ ކުރަމުންދާ ކަމެއް ކަމަށް،" އަމީން ވިދާޅުވި އެވެ.

މުޒާހަރާގެ ނަމުގައި މާލޭގައި މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ކުރިއަށް ގެންދާ ހަމަނުޖެހުންތަކުގެ ސަބަބުން އާއްމު ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުން އަންނަ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

"މިކަމަކީ ބަޔަކު މާކުރިއްސުރެ ރާވައިގެން ސިޔާސީ ބޭނުމެއްގައި ކުރަމުން އަންނަ ކަމެއް. ތަކެތީގެ އަގުބޮޑުވަމުން ގެންދާ ވާހަކަ ދައްކާއިރު ވިޔަފާރިވެރިންގެ ތެރެއިން ވަކި ބަޔަކު ތަކެތީގެ އަގު ބޮޑު ކުރަމުން އެބަގެންދޭ،" އަމީން ވިދާޅުވި އެވެ.

މުޒާހަރާތަކުގައި ބައެއް އާއްމުންނަށާއި ފުލުހުންގެ އިތުރުން މީސްމީހުންގެ މުދަލަށާއި ތަކެއްޗަށް ގެއްލުން ދެމުން ގެންދަނީ އެ މުޒާހަރާތަކުގައި ބައިވެރިވާ، ކުށްވެރިން ކަމަށް އަމީން ވިދާޅުވި އެވެ.

"މުޒާހަރާތަކުގައި ގިނައިން ބޭނުންކުރަމުންދަނީ އެފަދަ ކުށްތައް ކުރަމުން ގެންދާ ކުދިން. ފުލުހުން ގެންދަނީ އެފަދަ ކުދިން ހޯދައި އެމީހުން ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުން،" އަމީން ވިދާޅުވި އެވެ.

ޒުވާނުންގެ މުޒާހަރާތަކުގައި ޒުވާނުންގެ އިތުރުން ސަރުކާރާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ވެސް އަންނަނީ ބައިވެރިވަމުންނެވެ. ފުލުހުން ބުނީ ހަތަރު ރޭ މަތިން މާލޭގައި ކުރި މުޒާހަރާތަކާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ފުލުހުން ހައްޔަރު ކުރި ނަމަވެސް މިހާތަނަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ހައްޔަރުގައި ތިބީ ރޭ ހައްޔަރުކުރި 10 މީހަކާ އެކު ޖުމްލަ 24 މީހުން ކަމަށެވެ.

މާލޭގައި ކުރަމުން އަންނަ މުޒާހަރާތައް ފުލުހުންނަށް ކޮންޓްރޯލް ނުކުރެވޭ ނަމަ ސިފައިން ނެރެގެން ވެސް ކޮންޓްރޯލް ކުރުމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ސަރަނގު އާދަމް މަނިކު އިއްޔެ ވަނީ ފުލުހުންނަށް ގޮވާލައްވައިފަ އެވެ.

ސިލްސިލާ މުޒާހަރާ މިރޭ ވެސް ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މުޒާހަރާ އިންތިޒާމް ކުރާ ފަރާތުން ބުންޏެވެ.