18 Apr 2016, 12:18
މި ސަރުކާރުގެ ކުރިމަތީގައި ނުވަތަ ސަރުކާރުގެ ވިސްނުމުގައި މާލެ މީހުންނާއި މާލެނޫން މީހުން ނޫޅޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ގއ. ދެއްވަދޫ ބަނދަރު ރަސްމީކޮށް ހުޅުވުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ހިންގާ ތަރައްގީގެ މަޝްރޫތަކުގެ ފައިދާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ކުރާނެ ކަމަށެވެ.
"މާލޭ ސަރަހައްދުގައި ޖާގަ އިތުރު މިކުރަނީކީ މާލޭ ސަރަހައްދުގެ މީހުންނަށް އެކަންޏެއް ނޫން. އަޅުގަނޑުގެ ކުރިމަތީގައި އަޅުގަނޑުގެ ސަރުކާރުގެ ވިސްނުމުގައި މާލޭ މީހުންނާ މާލޭ ނޫން މީހުންނެއް ނޫޅޭ. އަޅުގަނޑުމެނަކީ ދިވެހިރާއްޖެ." ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހި ރާއްޖޭގައި އުޅޭ އެންމެންނަކީ އެއް ނަސްލެއްގެ، އެއް ދީނަކަށް ނިސްބަތްވާ ބައެއް ކަމަށާއި އެކަމުގައި އެއްވެސް ތަފާތެއް ނުހުންނާނެ ކަމަށެވެ.
އެގޮތުން މުޅި ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަމަޖެހިފައި އޮތް އިރު، މާލޭ ސަރަހައްދުގައި ހިންގާ ތަރައްގީގެ މަޝްރޫތަކަކީ އެހެން ރަށްރަށުގެ ޒުވާނުންނަށް ވެސް އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ހުޅުވާލާ ފުރުސަތުތަކެއް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
"މާލޭ ސަރަހައްދުތަކުގައި ހުރި މަޝްރޫތަކަކީ ރާއްޖޭގެ ހުރިހާ ޒުވާނުންނަށް ހުރި ފުރުސަތުތައް. އެއީ އަޅުގަނޑުމެން ފަހިކޮށްދޭ ފުރުސަތުތައް އޭގެ ބޭނުން ހިއްޕަވާ. އެކި ރިސޯޓްތަކުގައި އުފެދެމުން އަންނަ 1000 އަށް ވުރެ ގިނަ ވަޒީފާތަކުގެ ބޭނުން ޒުވާނުން ހިއްޕަވާ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ހުރިހާ ވަޒީފާތަކަށް ޒުވާނުން ކެރިގެން ކުރިމަތިލާން ޖެހޭ ކަމަށާއި އެ ފުރުސަތުތަކުގެ ބޭނުން ދިވެހިންނަށް ނުހިފި ބޭރު މީހުންގެ އަތްމައްޗަށް ދޫކޮށްލައްވަން އެމަނިކުފާނު ބޭނުންފުޅު ކަމަށެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރުން ވައުދުވެފައިވާ ތަރައްގީގެ މަޝްރޫތައް ފުރިހަމަކޮށް ދިވެހިންނަށް އޭގެ އެންމެ އެކަށޭނަ ފައިދާ މި ސަރުކާރުން ލިއްބައިދޭނެ ކަމަށެވެ.