ދައުލަތުގެ ފައިސާ ގެއްލެނީ، ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވެގެން އެކަނި ނޫން ކަމަށާއި، ދައުލަތަށް ލިބޭ އެންމެ ބޮޑު ގެއްލުމަކީ ތަރައްގީގެ ފުރުސަތުތަކުގެ ބޭނުން ނުކޮށް ދޫކޮށްލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ގއ. ދެއްވަދޫގެ ބަނދަރާއި އައިސް ޕްލާންޓު ހުޅުވުމަށްފަހު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ ތަރައްގީގައި ބޭނުންކުރެވޭނެ 10 އަހަރު ގެއްލިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ފަހު ދައުރުގެ ފަސް އަހަރު ހޭދަ ކުރަން ޖެހުނީ، އޭރު ރާއްޖެއަށް އައި ސިޔާސީ އޮއިވަރަކާ ދެކޮޅަށް މަސައްކަތް ކޮށް، ރައްޔިތުން އެކަމުން ސަލާމަތް ކުރުމުގައި ކަމަށެވެ. އަދި އެކަމުގެ ތެރެއިން ރާއްޖޭގެ ތަރައްގީއަށް މަސައްކަތް ކުރުމުގެ ފުރުސަތު ގެއްލިގެން ދިޔަ ކަމަށާއި، މުޅި ރާއްޖެއިން އުމްރާނީ ތަރައްގީ އެދުވަސްވަރު ފޮހެވިގެން ދިޔަ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.އަބަދުވެސް [ރައީސް މައުމޫންގެ ފަހު ފަސް އަހަރު] މަސްއޫލުވެގެން އުޅެން ޖެހުނީ ރާއްޖޭގައި ކޮންމެވެސް ހައްގެއް ގެއްލިގެން، ކޮންމެވެސް ފަރަންޖީއަކު ވާހަކަ ދައްކައިގެން އެއަށް ޖަވާބުދާރީ ވުމަށް،

ރައީސް މައުމޫނުގެ ފަހު ފަސް އަހަރަށް ފަހު، ރާއްޖެއަށް އައީ ހަލަބޮލި ފަސް އަހަރު ކަމަށާއި، އެ ދައުރުގައި ވެރިކަން ބަދަލުވެގެން ދިއުމުން، ބޭރުގެ ފަރާތްތަކަށް މުހިންމު ވީ ރާއްޖޭގެ ރައްޔިތުންނަށް ވުރެ ބޮޑަށް، ވެރިކަން ބަދަލުވެގެން ދިޔަ ގޮތް ބެލުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ ހަޔާތުން މުޅިއަކު 10 އަހަރު ގެއްލިގެން ގޮސްފައިވާ ކަމަށާއި، އަދަދުން ބަލާ ނަމަ އެއީ ބިލިޔަނުން ގުނައިލެވޭ ވަރުގެ ބޮޑު ގެއްލުމެއް ކަމަށެވެ.

"ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވެގެނެއް ނޫން، ދައުލަތުން ފައިސާ ގެއްލެނީކީ. ހިފަން އޮންނަ ފުރުސަތުގެ ބޭނުން ނުހިފައި ދޫކޮށްލުން، އެއީދައުލަތަށް ލިބޭ އެންމެ ބޮޑު ގެއްލުމަކީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ފުރުސަތުގެ ބޭނުން ހިފި ނަމަ މިއަދު ޒުވާނުން އާމްދަނީ ހޯދާނެ އެތައް ވަސީލަތްތަކެއް ހުންނާނެ ކަމަށެވެ.

"މިއަދު ޕޯޑިއަމް ކުރިމަތީގައި ވާހަކަ ދައްކަމުން، ގެއްލުނު 10 އަހަރުގެ ބަދަލުގައި ރައްޔިތުންނަށް ކޮށްދެވޭނީ ކޮން ކަމެއްތޯ ހިތާ ހިތާ ސުވާލު ކުރަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.