ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން ދޫކުރަން ނިންމާފައިވާ 50 މިލިއަން ރުފިޔާގެ "އެސްއެމްއީ" ލޯން ލިބޭ ފަރާތްތައް މިމަހުގެ ތެރޭގައި ކަނޑައެޅިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު މިއަދު ސަން އަށް ވިދާޅުވީ އެލޯނަށް 445 ފަރާތަކުން އެދިފައިވާއިރު މިހާރު ކުރަމުން އަންނަ މަސައްކަތަކީ އިވެލުއޭޓް ކުރުމުގެ މަސައްކަތް ކަމަށާއި އުންމީދަކީ ވީހާވެސް އަވަހަކަށް އެފައިސާ ދޫކުރުން ކަމަށެވެ.

"މިހާރު އިވެލުއޭޝަން މަސައްކަތް ދަނީ ކުރިއަށް. އަޅުގަނޑުމެން މިބަލަނީ މިމަސް ނިމުމުގެ ކުރިން ލޯން ލިބޭ ފަރާތްތައް އިއުލާން ކުރެވޭތޯ،" ތައުފީގު ވިދާޅުވިއެވެ.

އެ ލޯނު ދޫކުރެވޭނީ ކިތައް ފަރާތަށްތޯ ނިންމާވާނީ އިވެލުއޭޓް ކުރުމަށްފަހުއެވެ. ޖުމުލަ ދޫކުރާނީ 50 މިލިއަން ރުފިޔާއަށްވާވަރަށެވެ.

އެސްއެމްއީ ލޯނަށް އެދޭ އަމިއްލަ ފަރުދަކަށް އެންމެ ގިނަވެގެން 500،000 ރުފިޔާ ދިނުމަށް ނިންމާފައިވާއިރު ގިނަ ބަޔަކު ހިއްސާވާ ވިޔަފާރިތަކަށް ދޫކުރަން ނިންމާފައި ވަނީ ގިނަވެގެން 1.5 މިލިއަން ރުފިޔާ އެވެ.

ލޯން ދޫކުރާ ދާއިރާތަކުގެ ތެރޭގައި ފަތުރުވެރިކަމާއި ދަތުރުފަތުރާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ކޮންސްޓްރަކްޝަން ދާއިރާއާއި ކޯޕަރޭޓިވްތަކާއި ހިދުމަތްދޭ ފަރާތްތަކާއި ވޭސްޓްމެނޭޖްމަންޓް ދާއިރާ ހިމެނެ އެވެ.