18 Apr 2016, 12:03
ބެޑްމިންޓަން އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ އާއި އެ އެސޯސިއޭޝަނުގެ އިންތިހާބު ތިން ވަނަ ފަހަރަށް ލަސްކޮށްފި އެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން ނެރުނު އިއުލާނެއްގައި ބުނީ އަހަރީ އާންމު ޖަލްސާ އާއި އާ ދައުރަކަށް ހިންގާ ކޮމިޓީ އިންތިހާބުކުރުމަށް ބާއްވާ ޖަލްސާ ލަސްކުރަން ޖެހުނީ ހޯމް މިނިސްޓްރީ އިން އޮބްޒާވަރުން ހަމަނުޖެހުމުން ކަމަށްށެވެ.
އެންމެ ފަހުން ވެސް ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބް ލަސްކުރަން ޖެހުނީ ހޯމް މިނިސްޓްރީން އޮބްޒާވަރުން ހަމަނުޖެމުން ކަަން ފާހަގަ ކޮށްލެވެ އެވެ. ނަމަވެސް އެ އެސޯސިއޭޝަނުގެ ޖެނަރަލް ސެކެޓްރީ މުހައްމަދު ރިޝާން މިއަދު 'ސަން' އަށް ވިދާޅުވީ ހޯމް މިނިސްޓްރީގެ ފަރާތުން އެ އެސޯސިއޭޝަންގެ އިންތިހާބު ބޭއްވުމަށް ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް އަބަދުވެސް ހޯމް މިނިސްޓްރީގެ އެއްބާރުލުން ލިބޭ. އިންތިހާބު ލަސްކުރަން ޖެހެނީ ކޮންމެ ވެސް ސަބަބަކާ ހުރެ އޮބްޒާވަރުންނަށް ހާޒިރުވެވޭ ގޮތް ނުވުމުން،" ރިޝާން ވިދާޅުވި އެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުގެ އިންތިހާބު ބާއްވާނެ ތާރީހެއް ފުރަތަމަ އިއުލާންކުރުމަށް ފަހު އެ އިންތިހާބު ފަސްކުރީ އެ އެސޯސިއޭޝަންގެ ހިންގާ ގަވައިދާ ހިލާފަށް އަތޮޅު ތަކުގައި ހަރަކާތްތެރިވަމުން އަންނަ ބެޑްމިންޓަން ކޮމިޓީތަކަށް ވޯޓު ދިނުމުގެ ހައްގު ގެއްލޭ ގޮތަށް އިންތިހާބު ބާއްވަން އުޅޭ ކަމުގެ ޝަކުވާ ހޯމް މިނިސްޓްރީ އަށް ލިބުމާ ގުޅުގެން އެ މިނިސްޓްރީގެ އެދުމުގެ މަތިންނެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުގެ އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ ފާއިތުވި އަހަރުގައި ހިންގާފައިވާ ހުރިހާ ހަރަކާތްތަކުގެ ރިޕޯޓް މިދިޔަ މަހުގެ ތިން ވަނަ ދުވަހުގެ ކުރިން އެ އެސޯސިއޭޝަނަށް ހުށަހަޅައި 2016 ވަނަ އަހަރާ ހަމައަށް ފީދައްކާފައިވާ އެސޯސިއޭޝަންގެ މެމްބަރުންނަށް އެކަންޏެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުގެ އިންތިހާބުގައި ކުރިއަށް އޮތް ހަތަރު އަހަރު އެ އެސޯސިއޭޝަނުގެ ރައީސްކަމަށް ވާދަކުރައް ވަނީ މިހާރުގެ ވެސް ރައީސް މޫސާ ނާޝިދު އާއި ހަސަން ރިޔާޒެވެ. ނައިބް ރައީސްކަމަށް ކުރިމަތިލާފައި ވަނީ އަހްމަދު ޝާކިރު އާއި މަމްދޫން ރަޝީދު އެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުގެ ހަޒާންދާރަކަށް ކުރިމަތިލާފައި ވަނީ މުހައްމަދު ސައީދު އާއި މޫސާ ރަމީޒެވެ. ހަޒާންދާރުގެ މަގާމަށް މުޙައްމަދު ސައީދު އާއި މުސާ ރަމީޒް ކުރިމަތިލިއިރު އެގްޒެކްޓިވް ކޮމެޓީއަށް ކުރިމަތިލާފައި ވަނީ ހުސައިން އާތިފް އާއި ހާރިޘް މުޙައްމަދު އާއި އަލީ އަބްދުލް ކަރީމް އާއި އިބްރާހީމް އާސިފް އެވެ. އެގްޒެކްޓިވް ކޮމެޓީގެ އަންހެން މެންބަރުން ތަމްސީލްކުރާ މެންބަރު ކަމަށް ކުރިމަތިލާފައި ވަނީ ޒެނީޝާ ޝާހިދު އާއި ރަހީމާ އާދަމެވެ.