18 Apr 2016, 12:06
ލަންޑަން (އޭޕްރިލް 18): ބްރިޓިޝް އެއާވޭސްގެ ފްލައިޓެއް އިނގިރޭސިވިލާތުގެ ހީތްރޯ އެއާޕޯޓުގައި ޖައްސަން އުޅެނިކޮށް ޑްރޯނެއް ކަމަށް ލަފާ ކުރެވޭ އެއްޗެއްގައި ޖެހިއްޖެ އެވެ.
އެހާދިސާގައި ފްލައިޓަށް ވެސް އަދި ފްލައިޓުގައި ދަތުރުކުރި 132 ފަސިންޖަރުންނަށް ވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް، އެއާޕޯޓެއް ކައިރީ ޑްރޯން ދުއްވުމަކީ ފަސް އަހަރާ ގާތް ކުރާ ވަރުގެ ޖަލު ހުކުމެއް އަންނާނެ ކުށެއް ކަމުން ހީތްރޯގެ އޭވިއޭޝަން ފުލުހުން ވަނީ ހާދިސާ ތަހުގީގު ކުރުމުގެ މަސައްކަތް ފަށައިފަ އެވެ.
"އަޅުގަނޑުމެންގެ ފްލައިޓް ވަނީ ގެއްލުމެއް ނުލިބި އެއާޕޯޓުގައި ޖައްސާފައި. އަދި އަޅުގަނޑުމެންގެ އިންޖިނިއަރުން ވަނީ ފްލައިޓްގެ ހާލަތު ބެލުމަށް ފަހު އިތުރު ދަތުރުތައް ކުރަން ހުއްދަ ދީފައި،" ބްރިޓިޝް އެއާވޭސްގެ ތަރުޖަމާނަކު ވިދާޅުވި އެވެ.
ފަހަކަށް އައިސް އެފަދަ ހާދިސާތައް ގިނަ ވުމުގެ ސަބަބުން ދެން އެއާޕޯޓަށް "ޑްރޯން ހަމަލާއެއް" ދޭން މާގިނަ ދުވަހެއް ނުނަގާނެ ކަމަށް ބުނެ ބްރިޓިޝް އެއާލައިން ޕައިލަޓްސް އެސޯސިއޭޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އިނގިރޭސިވިލާތުގެ އެއާ ސޭފްޓީ އޭޖެންސީއަކުން ވަނީ ޑްރޯންތައް ފްލައިޓްތަކާ ވަރަށް ގާތުން އުދުއްސާފައިވާ 23 ފަހަރެއް ރިކޯޑު ކުރެވިފައިވާ ކަމަށް މިދިޔަ އަހަރުގެ އޭޕްރިލް މަހުން އޮކްޓޯބަރު މަހާ ހަމައަށް ރިކޯޑު ކުރެވިފައިވާ ކަމަށް ބުނެފަ އެވެ. (އޭއެފްޕީ)