18 Apr 2016, 12:45
ދުނިޔޭގެ ބާޒާރުގައި ހުރި ތެލުގެ ސްޓޮކު އިތުރުވެ، ތެލުގެ އަގު ދަށް ވަމުން ދާތީ ތެޔޮ އުފެއްދުން ވަގުތީ ގޮތުން ހުއްޓާލުމާ ބެހޭގޮތުން، އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމުތަކުގެ ވެރިން ބޭއްވި ބައްދަލުވުން، އެއްބަސްވުމަކަށް ނާދެވި، ނިންމާލަން ޖެހިއްޖެ އެވެ.
ގަތަރުގެ ވެރިރަށް ދޯހާގައި ކުރިޔަށް ދިޔަ ބައްދަލުވުމުގައި އޯޕެކްގެ ގިނަ މެމްބަރު ގައުމުތަކަކުން ބައިވެރިވި އެވެ. އެ ބައްދަލުވުމުގައި ބައެއް މެމްބަރުތަކުން ބުނީ، މިދިޔަ 18 މަސް ދުވަހުގެ ތެރޭގައި ތެލުގެ އަގު ދަށަށް ގޮސްފައި ވާތީ، ތެޔޮ އުފައްދާ މިންވަރު މަދު ކުރުމުގެ ގޮތުން އެ އުފެއްދުން ވަގުތީ ގޮތުން ހުއްޓާލުމަށް ހުށަހަޅާ ކަމަށެވެ.
ތެލުގެ އަގު ދަށްވަމުން ދަނީ، މާކެޓުގައި ސާފު ނުކުރާ ތެލުގެ ސްޓޮކު، ނުވިކޭ ވަރަށް އިތުރުވެފައި ހުރުމުންނެވެ. ތެލުގެ އަގު ހަމައަކަށް ދެން އެޅުވޭނީ، ތެޔޮ ޕްރޮޑަކްޝަން ދަށްކޮށް، ސްޓޮކުތަކުގައި މިހާރު ހުރި ތެޔޮ ވިކުމުންނެވެ.
ބައްދަލުވުން ކުރިޔަށް ދާ ގަތަރުގެ ހަކަތައާ ބެހޭ ވަޒީރު މުހައްމަދު ބިން ސޯލިހު އަލް ސާދާ ވިދާޅުވީ، އެފަދަ ނިންމުމެއް ނިންމުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. އެހެންކަމުން މި ބައްދަލުވުން ނިމިފައި ވަނީ، ތެޔޮ އުފެއްދުން ވަގުތީ ގޮތުން ހުއްޓާލުމާ ބެހޭގޮތުން ވަކި ގޮތަކަށް ނުނިންމަ އެވެ.
ދުނިޔޭގެ ތެލުގެ ބާޒާރަށް ދިމާވެފައިވާ މި ހާލަތާ ގުޅިގެން، ސައުދީ އަރަބިއްޔާ، ރަޝިއާ، ގަތަރު އަދި ވެނެޒުއޭލާއިން މިދިޔަ ފެބްރުއަރީ މަހު ބުނެފައިވަނީ، އެހެން ގައުމުތަކުން ވެސް އަމަލު ކުރަން އެއްބަސްވާ ނަމަ، ތެޔޮ އުފެއްދުން ވަގުތީ ގޮތުން ހުއްޓާލާނެ ކަމަށެވެ.
ދުނިޔޭގެ ބާޒާރުގައި މިދިޔަ ހަފްތާގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ 43 ޑޮލަރުގަ އެވެ.