05 May 2011, 14:09
އެއާޕޯޓްސް ކޮމްޕެނީގެ ވަޒީފާގައި ތިއްބައި ޖީއެމްއާރަށް ބަދަލުކުރި ގިނަ އަދަދެއްގެ މުވައްޒަފުންގެ ތެރެއިން 18 މުވައްޒަފަކު ކުއްލި ގޮތަކަށް ވަޒީފާ އިން ވަކިކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ޖީއެމްއާރުގެ ބެގޭޖް ޑިޕާޓްމަންޓާއި އެތަނުގެ ސެކިއުރިޓީ ބައިގާ މަސައްކަތް ކުރާ 18 މުވައްޒަފަކު މި މަހުގެ ހަތަރު ވަނަ ދުވަހާއި ހަ ވަނަ ދުވަހު ވަޒީފާ އިން ވަކިވާނެކަން އަންގާފައި ވަނީ މި މަހުގެ ފުރަތަމަ ދުވަހު ކަމަށް ޖީއެމްއާރުގެ ބެގޭޖް ޑިޕާޓްމަންޓްގައި މަސައްކަތް ކުރަމުން އައި އަހުމަދު ނާޒިމް ބުންޏެވެ.
ނާޒިމް ބުނީ ޖީއެމްއާރުން އެގޮތަށް ކަންތައް ކުރުމުން ކުއްލިއަކަށް ރަނގަޅު ވަޒީފާއެއް ނުހޯދޭނެތީ ވަޒީފާ އިން ވަކިވާ 18 މީހުން ވެސް ތިބީ ގޮތް ހުސްވެފައި ކަމަށެވެ.
"އަޅުގަނޑުމެން މި މައްސަލަ މިހާރު ވާނީ ލޭބަ ޓްރައިބިއުނަލަށް ވެސް ހުށައަޅާފައި، ނަމަވެސް މައްސަލަ ނިމުމުގެ ކުރިން އަޅުގަނޑުމެންގެ ވަޒީފާ މާދަމާ އެބަ ގެއްލޭ،" ނާޒިމް ބުންޏެވެ. އޭނާ ބުނީ ލޭބަ ޓްރައިބިއުނަލަށް ހުށައެޅި މައްސަލަ، ވަޒީފާ ގެއްލުމުގެ ކުރިން ނުނިމޭނެތީ އެކަން ހުއްޓުވައި ދިނުމަށް ވަގުތީ އަމުރެއް ނެރެދިނުން އެދި ލޭބަ ޓްރައިބިއުނަލަށް ހުށައެޅި ކަމަށެވެ.
ވަގުތީ އަމުރެއް ނެރެދިނުން އެދި ލޭބަޓްރައިބިއުނަލަށް ހުށައެޅި މައްސަލައިގެ ޖަވާބު އިއްޔެ ދީފައިވާ އިރު މައްސަލަ ހުށައެޅި ފޯމުގައި ނެރެދެންވީ އަމުރެއް ސާފުނުވާތީ އަމުރަށް އެދުނު ފޯމް ބާތިލު ކޮށްފައިވާ ކަމަށް ބުނާ، ޓްރައިބިއުނަލްގެ ސިޓީގެ ކޮޕީ ސަން އަށް ވަނީ ލިބިފަ އެވެ.
"އަޅުގަނޑުމެން މިފަދަ ކަމެއް ކުރި މިއީ ފުރަތަމަ ފަހަރު، އެހެންވީމަ އެ މައްސަލަ ހުށައެޅުނީ ރަނގަޅަށް ނޫންކަމުގައި ވެދާނެ. އެހެން ނަމަވެސް މައްސަލަ ހުށައަޅާ ފޯމުގައި އޮންނަނީ ވެސް މައްސަލަ ހުށައަޅާ ސަބަބު ލިޔަން، ނެރެންވީ އަމުރު ލިޔާކަށް ނޯވޭ،" ނާޒިމް ބުންޏެވެ.
އޭނާ ބުނީ 18 މީހުންގެ ފަރާތުން ހުށައެޅި މައްސަލައިގައި ނެރެދޭން އެދުނު އަމުރު ސާފުނުވާކަން ލޭބަ ޓްރައިބިއުނަލުން ކުރިން އެންގެވި ނަމަ އެހެން ބައެއްގެ އެހީގައި ނަމަވެސް އެކަން ރަނގަޅު ކުރާނެ ކަމަށެވެ. ނަމަވެސް ވަޒީފާ ގެއްލޭނެ ކަމަށް ޖީއެމްއާރުން ބުނެފައިވާ ދެ ތާރީހުގެ ތެރެއިން އެއް ތާރީހު އައިސް ޖެހުނު ފަހުން ޖަވާބު ދިނުމުން މިހާރު އެކަމަށް އެއްވެސް މަގެއް ފެންނަން ނެންކަމަށް ވެސް އޭނާ ބުންޏެވެ.
ޖީއެމްއާރު އިންޓަނޭޝަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑުން އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންނާ އެކު ވެފައިވާ އެއްބަސްވުންތަކުގައި ވަޒިފާއާ ބެހޭ ގާނޫނާ ހިލާފު ކަންތައްތަކެއް ހުރިކަން ފާހަގަކޮށް އެ ކުންފުންޏަށް ލޭބަރިލޭޝަން އޮތޯރިޓީން މިދިޔަ ޖެނުއަރީ މަހު ފޮނުވާފައިވާ ސިޓީއެއްގެ ކޮޕީއެއް ސަން އަށް ވަނީ ލިބިފަ އެވެ.
ނާޒިމް ބުނީ ލޭބަރިލޭޝަންސް އޮތޯރިޓީން އެސިޓީ ފޮނުވި ފަހުން ވެސް ޖީއެމްއާރުން އޭނާ އާއި އޭނާއާ އެކު ވަޒީފާ އިން ވަކިވާނެކަމުގެ ނޯޓިސް ދީފައިވާ އަނެއް 17 މީހުންގެ އެއްބަސްވުންތަކަށް މިހާތަނަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަމަށެވެ.
އެކަމާ ގުޅިގެން ޖީއެމްއާރުން މިއަދު ބުނީ ވަޒީފާ އިން ވަކިކުރި ކަމަށް އެބުނާ 18 މީހުންނަކީ އެކުންފުންޏަށް ތިން މަސް ދުވަހަށް ކޮންޓްރެކްޓް އުސޫލުން ގެނެސްފައިވާ ބައެއް ކަމަށެވެ. އަދި އެމީހުންނާ އެކު ވެފައިވާ ތިން މަސް ދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން އެމީހުންގެ ވަޒީފާ ގެއްލޭނެކަން ވަޒީފާ އަށް އައި އިރުވެސް އެނގޭނެ ކަމަށް ވެސް ޖީއެމްއާރުން ބުންޏެވެ.
"ބެގޭގް ހޭންޑްލާސް އަކީ އަޅުގަނޑުމެން ސީޒަނަލްކޮށް ނަގާ ބައެއް. އެމީހުންނަކީ ތިން މަސް ދުވަހުގެ ކޮންޓްރެކްޓެއްގައި ނެގި ބައެއް. ދެން އެމީހުންގެ ކޮންޓްރެކްޓް ހަމަވުމުން އާކުރުމާއި ނުކުރުން އެއީ ކުންފުނީގެ އިހުތިޔާރުގައި ވާކަމެއް." ޖީއެމްއާރުގެ މީޑިޔާ ކޯޑިނޭޓަރު ވިދާޅުވި އެވެ.