18 Apr 2016, 10:46
އެކަމަނާއަކީ ޚުދު އަރަހުށި މާތްاللّـه سبحانه وتعالىއެކަމަނާގެ ކާވެނިފުޅު ޢަޤްދުކޮށްދެއްވައި ޝަރަފުވެރިކުރެއްވި ބޭކަނބަލެކެވެ. އިސްލާމްދީނުގެ ވަރަށް މުހިންމު އަސާސީ ދެމަޤްޞަދެއް ޙާޞިލުކުރެއްވުމުގައި މެދުވެރިއެއްކަމުގައި ލެއްވުމުގެ ޝަރަފު އެކަމަނާގެ ނަސީބުފުޅުގައި ލިޔުއްވައިފައިވާ ބޭކަނބަލެކެވެ. އޭގެތެރެއިން އެއްކަމަކީ ޖާހިލީ ޢަޞަބިއްޔަތުގެ މައްޗަށް ބިނާވެފައިއޮތް ނަސްލީ ބޮޑާކަން ނައްތައިލެއްވުމެވެ. އިސްލާމީ ނަޒަރިއްޔާ ޤަބޫލުކުރާ އިސްލާމީ ފިކުރާއި، އިސްލާމީ ޝަޚްޞިއްޔަތުގެ ވެރި މުސްލިމުންނަކީ ހަމަހަމަ ބައެއްކަން ބަޔާންކުރެއްވުމެވެ. އެކަކު އަނެކަކާ ކުފޫހަމަވާ ބައެއްކަން އެންގެވުމެވެ. އަނެއްކަމަކީ ޖާހިލީ ޒަމާނުގައި އެހެންމީހުންގެ ދަރީން ތިމާގެ ދަރީންކަމުގައި ހަދައި، ތިމާގެ އުފަން ދަރީންނަށް ލިބިގެންވާ ޝަރުޢީ އަދި ޤާނޫނީ ޙައްޤުތައް އެފަދަ މީހުންނަށް ދިނުމުގެ ސަބަބުން ދީނީގޮތުންނާއި އިޖްތިމާޢީގޮތުން ލިބެމުންދިޔަ ބޮޑެތި ގެއްލުންތަކުން މުޖްތަމަޢު ސަލާމަތްކުރެއްވުމެވެ.
+ + + + + +
ނަންފުޅާއި ނަސަބުފުޅު
އެކަމަނާއަކީجحش بن رئابގެ ދަރިކަނބަލެކެވެ.رئابއަކީمضرވަންހައިގެ ފަޚުރުވެރި ދަރިކޮޅެއްކަމުގައިވާأسد بن خزيمةވަންހައިގެ ބޭކަލެކެވެ. އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمގެ މާތް ނަސަބުފުޅާއިرئابގެ ނަސަބުފުޅާ ގުޅެނީخزيمة بن مدركةއާ ހަމައިންނެވެ.
رئابއޭނާގެ ޤަބީލާއާ ވަކިވެވަޑައިގެން އަމިއްލަފުޅު ވަޒަން ދޫކޮށްލައްވައި މައްކާގައި ދިރިއުޅުއްވާން ފެއްޓެވީ އޭނާގެ ޤަބީލާގައި ހިނގި ދާޚިލީ ތަޅާފޮޅުމެއްގެ ތެރޭގައެވެ. އެކަމާ ހިތްޕުޅުހަމަޖެހިވަޑައިނުގެން އެ މާހޫލާ ދުރަށް ވަޑައިގެންނެވުމަށްޓަކައެވެ. އޭނާ މައްކާގައި އުޅުއްވަން ފެއްޓެވީأميّةވަންހައާ އެކުވެރިކަމުގެ ގުޅުން އުފައްދަވައި، އެވަންހައިގެ ޙަލީފެއްގެ ގޮތުގައެވެ.رئابގެ ދަރިކަލުންجحشއަކީ މައްކާގައި ޤަދަރުހުރި ބޭކަލެކެވެ. އޭނާ ކާވެނިބައްލަވައިގެންނެވީ އެޒަމާނުގައި މައްކާގެ އެންމެ ޤަދަރުހުރި ރައީސަކު ކަމުގައި ހިމެނިވަޑައިގެންނެވިعبد المطّلب بن هاشمގެ ދަރިކަނބަލުންأميمة بنت عبد المطّلبއާއެވެ. އެހެންކަމުންالسّيّدة زينب بنت جحش رضى اللّـه عنــهاއަކީ އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمއާ ދެބީނުންގެ ދެދަރި ބޭކަނބަލެކެވެ. އެކަމަނާއަކީسيّد الشّهداء حمزة بن عبد المطّلبرضى اللّـه عنــهއާއި،عبّاس بن عبد المطّلب رضى اللّـه عنــهއަށް ބޮޑުބޭބެ ވިދާޅުވާ ބޭކަނބަލެކެވެ.السّيّدة صفيّة بنت عبد المطّلبرضى اللّـه عنــهاއަކީ އެކަމަނާގެ މައިފުށުގެ ބޮޑުދައިތާފުޅެވެ.
السّيّدة زينب بنت جحشދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمނަބީކަމާއިގެން ފޮނުއްވުމުގެ ތިރީހަކަށް އަހަރު ކުރީން، މާތްވެގެންވާ މައްކާގައެވެ. އެކަމަނާއަކީ އެޒަމާނުގެ ޤުރައިޝުވަންހައިގެ އަންހެނުން އެކަމަނާއަށް ހަހުރަކުރާ ބޭކަނބަލެކެވެ. އެކަމަނާގެ ބުރުސޫރަފުޅު ރީތިކަމުންނެވެ. ވިސްނުންފުޅު ތޫނުކަމުންނެވެ. ޚުލުޤުފުޅު މާތްކަމުންނެވެ. އުޅުއްވުންތެރިކަމާހުރެއެވެ. މަސައްކަތްތެރިކަމުގެ ތެރެއަށް ވެދެވަޑައިގެން އިންނަވާވަރުންނެވެ. ދީލަތިފުޅުކަމުންނެވެ.جحش بن رئابއާއިأميمة بنت عبدالمطّلبއާ ދެކަނބަލުންނަކީ މައްކާގެ ފޯރުންތެރި މުއްސަނދީންނެވެ. އެދެކަނބަލުންގެ ގެކޮޅަކީ މައްކާގައި އެދުވަސްވަރުހުރި އެންމެ ބޮޑު، އެންމެ ފައްކާ އެއްގެއެވެ. އެދެކަނބަލުންގެ ބޭފުޅުންނަކީ މައްކާގައި އެންމެ ނިޢުމަތުގައި އެންމެ ކުލުނުވެރިކަމުގައި ބޮޑުފުޅުވި ބޭފުޅުންނެވެ.السّيّدة أميمةއެކަމަނާގެ ބޭފުޅުން ތަރްބިޔަތުކުރެއްވީ ނުހަނު ހަރުދަނާގޮތުގައެވެ. ޤަދަރުކުރެވޭ މާތް ހުރިހާ ސިފަތަކެއް އެކަމަނާގެ ބޭފުޅުންގެ ގައިކޮޅުގައި ލައްވައިދެއްވައި ފުރިހަމަކޮށްދެއްވުމާ އެކުގައެވެ. އެހެންކަމުން އިސްލާމްދީނުގެ ނަބިއްޔާ ނަބީކަމަށް ގޮވާލެއްވުމާއެކު، އެހުރިހާ ބޭބޭކައުކަނބަލުން އިސްލާމްދީން ޤަބޫލުކުރެއްވިއެވެ.
އިސްލާމްވެވަޑައިގަތުން
السّيّدة زينب بنت جحش رضى اللّـه عنــهاއިސްލާމްވެވަޑައިގަތީ އެކަމަނާގެ ބޭބޭފުޅުعبد اللّـه بن جحش رضى اللّـه عنــهގެ ދީނަށް ގޮވައިލެއްވުމުގެ ސަބަބުންނެވެ.عبد اللّـه بن جحشއަކީ އެންމެކުރީބައިގައި އިސްލާމްވެވަޑައިގެން އިސްލާމްދީން ފަތުރުއްވަން ހިންމަތްކުރެއްވި ބޭކަލެކެވެ. އިތުރު ސާހިބާއަށްޓަކައި ފިދާވެވަޑައިގަންނަވަން އަބަދު ތައްޔާރަށް ހުންނެވި ބޭކަލެކެވެ. މައްކާގައި އިސްލާމީ ދަޢުވަތު ފެތުރޭންފެށުމާއެކު ޤުރައިޝުވަންހައިގެ ބޮޑުން ރުޅިގަދަވެ އަލިފާން ގުޅަވަރުތަކަކަށްވިއެވެ. އިސްލާމްދީން ޤަބޫލުކުރާ މީހުންނަށް އެކިބާވަތުން އަނިޔާކުރަމުން ގެންދިޔައެވެ. އެއްބަޔަކު އަލިފާންގަނޑުގެ މަތީގައި އުޑުތިލަމަތީން ބައިތިއްބިއެވެ. އަނެއްބަޔަކު ބަރަހަނާކޮށް ދޮންވެފައި ހުންނަ ހިލަތަކުގެ ތެރޭގައި ދަމައިކޫއްތައި ހެދިއެވެ. އަނެއްބަޔަކު ގަދަ އަވީގައި ބައިތިއްބައި ދޮންވެފައިހުންނަ ހިލަ، މޭމައްޗަށް އެރުވިއެވެ. އަނިޔާވެރިކަމުގެ ބާބުން ޤުރައިޝުން އުކި ޞަފުޙާތަކުގެ ވާހަކަތައް ކުރުކޮށްލައި އެއްޖުމުލައަކުން ދަންނަވާނަމަ، އިސްލާމްދީން ޤަބޫލުކުރާ މީހުންނަށް ޤުރައިޝުން ނުކުރަނީ މިވެނި އަނިޔާއެކޭ ބުނާނެ އެއްވެސް އަނިޔާއެއް އެއުރެން ދޫކޮށެއް ނުލައެވެ.
އެނުސިޔާނު ޙާލަތުގައި އިސްލާމްދީނުގެ ނަބިއްޔާ މުސްލިމުންނަށް އިރުޝާދު ދެއްވަމުން ގެންދެވީ ކެތްތެރިވެވަޑައިގެންނެވުމަށެވެ. ޤުރައިޝުންގެ އަނިޔާވެރިކަން ހައްދުފަހަނަޅައިދިއުމުން މުސްލިމުންނަށް ހަބުޝްކަރަޔަށް ހިޖްރަކުރަން އެންގެވިއެވެ. އެދުވަސްވަރު ޙަބަޝާގެ ވެރިޔަކަށް ހުންނެވީ ނަޖާޝީأصمحةއެވެ. އޭނާ އޭނާގެ ރައްޔިތުންނަށް ނުހަނު އޯގާވެރިއެވެ. އޭނާގެ ވެރިކަން ހިނގާ ހިސާބުގައި ޢަދުލުއިންސާފު ޤާއިމުކުރެއްވިއެވެ. އޭނާގެ ވެރިކަމުގެ ދަށުގައި ތިބޭ ބިދޭސީންވެސް ޙިމާޔަތްކުރައްވައި ރައްކާތެރިކުރެއްވިއެވެ.
މަދީނާއަށް ހިޖްރަކުރެއްވުން
ކައުސާހިބާصلّى اللّـه عليه وسلّمމުސްލިމުންނަށް ހިޖްރަކުރުމުގެ ހުއްދަދެއްވި ދެވަނަ މަންޒިލަކީ މަދީނާއެވެ. މަދީނާގައި އިސްލާމްދީން ފެތުރެންފަށައި މުސްލިމުންނަށް އަންޞާރުންގެ ޙިމާޔަތްލިބޭނެ މަގު ފަހިވުމުންނެވެ.
عبد اللّـه بن جحشرضى اللّـه عنــهއަކީسيّد المرسلين،صلّى اللّـه عليه وسلّمގެ އިރްޝާދަށް ތަބާވެވަޑައިގެން އެންމެކުރީކޮޅުގައި މަދީނާއަށް ހިޖްރަކުރެއްވި ބޭކަލުންކުރެ އެއްބޭކަލެކެވެ. އެކަލޭގެފާނުގެ އަރިހުގައި ޢާއިލާގެ ހުރިހާ މެމްބަރުން ގެންދެވިއެވެ. އެ ޤާފިލާގައިأبو أحمد بن جحشއާއި،زينب بنت جحشއާއި،حمنة بنت جحشއާއި،أمّ حبيبة بنت جحشއާއި،محمّد بن عبد اللّـه بن جحشބައިވެރިވެވަޑައިގެންނެވިއެވެ.أبو أحمد بن جحشއަކީ ލޯފަން ބޭކަލެކެވެ. ނަމަވެސް އެކަލޭގެފާނަކީ ޢަރަބީން އެފަދަ ޝާޢިރުންނާމެދު ފަޚުރުވެރިވާ ކުޅަދާނަ ޝާޢިރުންކުރެ އެއްބޭކަލެކެވެ. މުސްލިމުންގެ ހިޖްރައިގެ ސަބަބުތަކާއި ޤުރައިޝުންގެ އަނިޔާވެރިކަން ބަޔާންކުރައްވައި އެކަލޭގެފާނު ހައްދަވައިފައިވާ ޤަޞީދާއަކީ ޢަރަބި އަދަބިއްޔާތުގެ ފަޚުރެއްކަމުގައި ބެލެވޭ ޅެންމުތުގެ ގިލަފަތިތަކުގެ ތެރެއިން އެންމެ އަގުބޮޑު އެއްގިލަފައްޗެވެ. އެކަލޭގެފާނު މަޝްހޫރުވެވަޑައިގެންފައިވަނީشاعر الإسلامގެ ލަޤަބުފުޅުންނެވެ.بنى جحشގައި ހިމެނިވަޑައިގަންނަވަނީ ހައްތާވެސްالسّابقون الأوّلونގެ މުޤައްދަސް ޖަމާޢަތުގެ މެމްބަރުންނެވެ.السّيّدة حمنة بنت جحش رضى اللّـه عنــهاއަކީ މުސްލިމުންގެ އެންމެފުރަތަމަ ސަފީރުمصعب بن عمير رضى اللّـه عنــهގެ އަނބިކަނބަލުންނެވެ.السّيّدة أمّ حبيبة رضى اللّـه عنــهاއަކީعشرة المبشّرةގެ މުޤައްދަސް ޖަމާޢަތުގެ އެއްމެމްބަރެއްކަމުގައިވާعبدالرّحمن بن عوف رضى اللّـه عنهގެ އަނބިކަނބަލުންނެވެ.
جحش بن رئابގެ ޢާއިލާގެ ހުރިހާ މެމްބަރުން އެއްފަހަރާ މަދީނާއަށް ހިޖްރަކުރެއްވުމުން މައްކާގައިހުރި އެޢާއިލާގެ ގެ މުޅީން ހުސްވެ، ގެ ފަޅުވިއެވެ. ކުރިންވެސް ދެންނެވިފަދައިން އެގެއަކީ އެޒަމާނުގެ މައްކާގައިހުރި އެންމެ ރީތި އެއްގެއެވެ. އެގެއެއްގައި މާތްاللّـهއަށް އަޅުކަންވެވެމުންދިޔަ ގެޔެކެވެ. އެކަލާނގެ އިސްމުފުޅު ޒިކުރުވެމުންދިޔަ ގެޔެކެވެ. ކީރިތި ޤުރްއާން ކިޔެވެމުން، ދިރާސާކުރެވެމުންދިޔަ ގެޔެކެވެ. އެގޭގެ އަހުލުވެރީން މަދީނާއަށް ހިޖްރަކުރެއްވުމުން މައްކާގެ ރައީސްأبو سفيانއެގެޔަށް ވެރިވެވަޑައިގެންނެވިއެވެ. އެ ޚަބަރު ލިބިވަޑައިގެންނެވުމުންعبد اللّـه بن جحشرضى اللّـه عنــهއެކަމާ ވަރަށްދެރަފުޅުވިއެވެ. ކައުސާހިބާصلّى اللّـه عليه وسلّمގެ އަރިހަށް ވަޑައިގެން ޝަކުވާކުރެއްވިއެވެ. ވިދާޅުވިއެވެ. އޭ މާތްاللّـهގެ ރަސޫލާއެވެ!أبو سفيانއަޅުގަނޑުމެންގެ ގެޔަށް ވެރިވެވަޑައިގެންފިއެވެ." ކައުސާހިބާصلّى اللّـه عليه وسلّمގެ ފިދާއީ ނުހަނު އަސަރާއެކު އެހެންވިދާޅުވުމުން އިތުރު ސާހިބާ ޖަވާބު ދެއްވިއެވެ.
(اَلاَ تَرْضَى يَاعَبْدَ اللَّـهِ اَنْ يُعْطِيَكَ اللَّـهُ بِهَا دَارًا فِى الْجَنَّةِ خَيْرًامِنْهَا)
"އޭعبد اللّـهއެވެ! މާތްاللّـهއެއަށްވުރެ މާފުރިހަމަ ގެޔެއް ސުވަރުގެއިން ދެއްވުމަށް ކަލޭގެފާނު ރުހިވަޑައިނުގަންނަވަނީތޯއެވެ؟"
عبد اللّـه بن جحشޖަވާބު އެރުއްވިއެވެ. "ނޫނެކެވެ! އަޅުގަނޑު އުފަލާއެކު ޤަބޫލުކުރަމެވެ." ކައުސާހިބާ ޙަދީޘު ކުރެއްވިއެވެ. "ޔަޤީންކުރައްވާށެވެ! ކަލޭގެފާނަށް ސުވަރުގެއިން އެއަށްވުރެ މާފުރިހަމަ ގެޔެއް ލިބިވަޑައިގަންނަވާނެއެވެ."
(ނުނިމޭ)