18 Apr 2016, 10:28
އާޖެންޓީނާ ތަރި ލިއޮނެލް މެސީގެ 500 ވަނަ ގޯލު ފެނުނު މެޗުގައި ވެލެންސިއާ އަތުން ބަލިވެ، ބާސެލޯނާ އިތުރު ހާސްކަމެއްގެ ތެރެއަށް ވެއްޓިއްޖެ އެވެ.
ބާސާގެ ކޭމްޕް ނޯގައި ރޭ ކުޅުނު ސްޕެނިޝް ލީގު މެޗުގައި ވެލެންސިއާ އަތުން ބާސާ ބަލިވީ 2-1 ލަނޑުންނެވެ.

ސްޕެނިޝް ލަލީގާގައި ބާސާއާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ވެލެންސިއާ ކާމިޔާބުކުރީ 2-1 ލަނޑުން --- ފޮޓޯ: އޭޕީ
އެ ނަތީޖާއާއެކު ކުޅުނު 33 މެޗުން ލިބުނު 76 ޕޮއިންޓާއެކު ސްޕެނިޝް ލަލީގާގެ އެއް ވަނައިގައި ބާސާ އޮތްއިރު، ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވެސް ކުޅުނު 33 މެޗުން ލިބިފައިވަނީ 76 ޕޮއިންޓެވެ. ބާސާއަށް ލީގުގެ ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ތިން ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ކުޅުނު 33 މެޗުން ލިބިފައިވަނީ 75 ޕޮއިންޓެވެ. ވެލެންސިއާ އޮތީ ކުޅުނު 33 މެޗުން ލިބުނު 40 ޕޮއިންޓާއެކު ލީގުގެ 11 ވަނައިގައެވެ.
ރޭގެ މެޗުގެ އަށް ވަނަ މިނެޓުގައި ބާސާއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ލުއިސް ސުއަރޭޒް ނަގައިދިން ހުރަސް، ހުސްކޮށް ހުރި ލިއޮނެލް މެސީ ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި އެ ބޯޅަ ލިބުނީ ވެލެންސިއާގެ ކީޕަރު ޑިއެގޯ އަލްވޭސް އެވެ.
މެޗުގެ 13 ވަނަ މިނެޓުގައި ވެސް ބާސާއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ބާސާއަށް ލިބުނު ހިލޭ ޖެހުމަކުން އަންދްރޭސް އިނިއެސްޓާ ނަގައިދިން ހުރަހުން ބްރެޒިލް ތަރި ނޭމާ އުފެއްދި ހަމަލާ ވެލެންސިއާގެ ކީޕަރު ޑިއެގޯ އަލްވޭސް ވަނީ މަތަކޮށްފަ އެވެ.
މެޗުގެ 26 ވަނަ މިނެޓުގައި ބާސާ ކޮޅަށް ލަނޑެއް ވަނެވެ. އެ ލަނޑަކީ ބާސާގެ ކްރޮއޭޝިއާ މިޑްފީލްޑަރު އިވާން ރަކިޓިޗްގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށްވެފައި ވަނިކޮށް، ބާސާއަށް ނަތީޖާ ހަމަހަމަކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. އިނިއެސްޓާ ދިން ބޯޅައަކުން މެސީ އުފެއްދި ހަމަލާގެ ހުރަހަކަށްވީ ވެލެންސިއާގެ ކީޕަރު ޑިއެގޯ އަލްވޭސް އެވެ.
މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ވެލެންސިއާއިން ވަނީ ލީޑު ފުޅާކޮށްފަ އެވެ. ޑެނީ ޕަރޭހޯ ދިން ބޯޅައަކުން ވެލެންސިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސެންޓި މިނާ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ލަނޑުން ވެލެންސިއާ ކުރީގައި އޮވެގެންނެވެ.

ސްޕެނިޝް ލަލީގާގައި ބާސާއާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ވެލެންސިއާ ކާމިޔާބުކުރީ 2-1 ލަނޑުން --- ފޮޓޯ: އޭޕީ
މެޗުގައި ބާސާއިން ޖެހި ލަނޑު ފެނިގެންދިޔައީ މެޗުގެ 63 ވަނަ މިނެޓުގައެވެ. ޔޯޑީ އަލްބާ ދިން ބޯޅައަކުން އެ ލަނޑު ކާމިޔާބުކޮށްދިނީ މެސީ އެވެ. އެއީ އޭނާ ބާސާއަށް ކާމިޔާބުކޮށްދިން 450 ވަނަ ލަނޑެވެ. އަދި ކެރިޔަރުގައި އޭނާ ކާމިޔާބުކުރި 500 ވަނަ ލަނޑެވެ.
މެޗުގެ 76 ވަނަ މިނެޓުގައި ބާސާއަށް ނަތީޖާ ހަމަހަމަކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ރަކިޓިޗް ފޮނުވާލި ހަމަލާ، ވެލެންސިއާ ގޯލުގެ ތިރީ ކަނަށް އަމާޒުވާން ދަނިކޮށް ކީޕަރު ޑިއެގޯ އަލްވޭސް ވަނީ މަތަކޮށްފަ އެވެ.
މެޗު ނިމެން ދަނިކޮށް، ބާސާ އަދި ވެލެންސިއާއަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ވެލެންސިއާގެ ޕަކޯ އަލެސާއަށް ލިބުނު ހުސް ފުރުސަތު ބޭނުން ނުކުރެވުނު އިރު، ބާސާގެ ޖެރާޑް ޕީކޭ އަށް ލިބުނު ހުސް ފުރުސަތުން އެފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
ސްޕެނިޝް ލަލީގާގައި ރޭ ގްރަނޭޑާ އަތުން 3-0 ލަނޑުން އެތުލެޓިކޯ މެޑްރިޑް ވަނީ މޮޅުވެފަ އެވެ. މެޗުގައި އެތުލެޓިކޯގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ކޮކޭ އާއި، ފެނާންޑޯ ޓޮރޭސް އަދި އެންޖެލް ކޮރޭއާ އެވެ.