18 Apr 2016, 10:12
ސަރުކާރުން ހުޅުވާލާ ގެދޮރުވެރިކުރުމުގެ ޕްރޮގުރާމުތަކަށް ޕެންޝަން ފައިސާ ބޭނުން ކުރެވޭނެ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި އެ ބިލުގައި ބުނެފައި ވަނީ ޕެންޝަން ސުކީމުގެ ބައިވެރިންނަށް އަމާޒުކޮށްގެން ޕެންޝަން ފަންޑުގައިވާ ފައިސާ ގެދޮރުވެރިކުރުމުގެ ޕްރޮގުރާމުތަކަށް ކޮލަޓަރަލައިޒު ކުރެވޭނެ ސުކީމެއް ޕެންޝަން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ހިންގޭނެ ކަމަށެވެ. އަދި އެފަދަ ސުކީމެއް ހިންގުމަށް ޓަކައި ކަމާ ބެހޭ ފަރާތްތަކާ އެކު އެއްބަސްވުންތަކާއި އެގްރީމެންޓުތައް ކުރެވޭނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.
ފަލާހު ހުށަހެޅުއްވި އިސްލާހުގައި ޕެންޝަން ގާނޫނަށް ވަނީ އިތުރު ބާބެއް ވެސް އިތުރު ކުރުމަށް ހުށަހަޅުއްވައިފަ އެވެ. އެ ބާބަކީ ޕެންޝަން ފައިސާ ކޮލަޓަރަލައިޒު ކުރުމުގެ ބާބެވެ.
އިސްލާހުގައި ބުނެފައި ވަނީ އިމާރާތްކޮށް ނިންމާ އަދި އާއްމުކޮށް ހުޅުވާލައިގެން ވިއްކާ ގެދޮރު ގަތުމަށް ޓަކައި ބޭނުންވާ ޑައުންޕޭމަންޓުގެ ފައިސާ އެމީހެއްގެ ޕެންޝަން ފަންޑުގައި ހުންނަ ފައިސާއިން ޕެންޝަން ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ކޮލަޓަރަލައިޒު ކުރެވިގެންދާނެ ކަމަށެވެ. އިސްލާހުގައި ބުނެފައި ވަނީ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ހިނދަކު ކޮލަޓަރަލައިޒުކުރެވޭ ފައިސާ އަކީ ލޯނު ނެގި ފަރާތުން ލޯނު އަނބުރާ ނުދެއްކޭ ހާލަތުގައި ކޮލަޓަރަލް ގަބޫލުކުރާ ނުވަތަ ލޯނު ދޫކުރާ ފަރާތުގެ މަންފާއަށް ބެހެއްޓޭ ފައިސާއެއް ކަމަށެވެ.
އިސްލާހުގައި ބުނެފައި ވަނީ ޕެންޝަން ގާނޫނުގެ ދަށުން ކޮލަޓަރަލް ކުރެވޭ ފައިސާ އަކީ ހަމައެކަނި ޑައުންޕޭމަންޓަށް ބޭނުންވާ ފައިސާ ކަމަށެވެ. އެހެންކަމުން ލޯނުގެ އިންޓުރެސްޓަކަށް ނުވަތަ އެހެން ކަމަށް އެ ފައިސާ ބޭނުން ނުކުރެވޭނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.
އިސްލާހު މަޖިލީހަށް ހުށަހަޅުއްވަމުން ފަލާހު ވިދާޅުވީ ރައްޔިތުންނަށް މިވަގުތު އެންމެ ބޮޑަށް ކުރިމަތިވެފައިވާ މައްސަލައަކީ ގެދޮރުގެ ދަތިކަން ކަމަށެވެ. އެހެންކަމުން ސަރުކާރުން ބިލު ހުށަހެޅުމުގެ ބޭނުމަކީ ސޯޝަލް ހައުސިން ސުކީމުގެ ފަރާތުން ހައްލެއް ހޯދައިދިނުން ކަމަށެވެ. ޕެންޝަން ގާނޫނު ފަރުމާ ކުރެވިފައި ވަނީ ރިޓަޔާމަންޓް ބެނިފިޓު އުސޫލެއް ހިންގުމަށް ކަމަށް ބިލު ހުށަހަޅުއްވަމުން ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ އޭނާ މަޖިލީހަށް ހުށަހެޅުއްވި އިސްލާހުގެ ސަބަބުން ޕެންޝަން ގާނޫނުގެ އުސޫލުތަކާއި މަގުސަދު ތައާރަޒު ނުވާނެ ގޮތެއްގެ މަތީން ސުކީމުގެ ބައިވެރިންނަށް ގެދޮރު ގަތުމުގައި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.