18 Apr 2016, 10:37
ވާހަކަ ދެއްކުންތެރިކަމުގެ ފަންނުގައި ކުޅަދާނަ ދަރިންތަކެއް އުފެއްދުމަށާއި ދަރިވަރުންގެ ބަސްމޮށުންތެރިކަން ކުރިއަރުވައި ރާއްޖޭގެ ތައުލީމީ އިދާރާތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމަށް ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ސްޓޫޑަންޓް ޔޫނިއަން އިން އިސްނަގައިގެން ބާއްވަމުން އަންނަ ބަހުސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމްއެންޔޫގެ ދަރިވަރުންގެ ގުޅުމުން އެ މުބާރާތް ފުރަތަމަ ބާއްވާފައިވަނީ 2014 ވަނަ އަހަރުއެވެ. އެއް އަހަރުގެ މެދުކެނޑުމަކަށްފަހު މިއަހަރު އަލުން އެ މުބާރާތް ބާއްވަން ނިންމާފައިވަނީ ވެސް އެމްއެންޔޫގެ ޔުނިވާސިޓީގެ ފެކަލްޓީތަކަށާއި ރާއްޖޭގެ ކޮލެޖް އަދި ޔުނިވާސިޓީތަކަށް ހުޅުވާލައިގެންނެވެ.
އެންމެ ފަހުން ބޭއްވި މުބާރާތުގެ އެއްވަނަ ހޯދާފައިވަނީ، އެމްއެންޔޫގެ ފެކަލްޓީ އޮފް އާޓްސް އެވެ.
މިއަހަރުގެ ބަހުސް މުބާރާތް އިންތިޒާމު ކުރުމުގައި އެންމެ އިސްކޮށް އުޅުއްވާ، ދަރިވަރުންގެ ގުޅުމުގެ ނައިބު ރައީސް ހުޝާމް އިބްރާހިމް ވިދާޅުވީ، މިއީ ރާއްޖޭގެ ތައުލީމީ އިންސްޓިޓިއުޓްތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު މުބާރާތް ކަމަށެވެ.
އެ މުބާރާތުގައި ބައިވެރުމުގެ ވަކި އުމުރުފުރައެއް ނެތެވެ. އަދި މުބާރާތް ކުރިއަށްދާނެ ގޮތް އިނގިގެންދާނީ މުބާރާތުގައި ބައިވެރިވާން ހުށަހަޅާ އިދާރާތަކުގެ އަދަދުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މުބާރާތުގެ މައުލޫމާތު މިހާރު ރާއްޖޭގެ ތައުލީމީ އިދާރާތަކަށް ފޮނުވާފައިވާ ކަމަށް ވެސް ހުޝާމް ވިދާޅުވި އެވެ.
އެންމެ ފަހުން ބޭއްވި ބަހުސް މުބާރާތް ސްޕޮންސާ ކޮށްދެއްވާފައިވަނީ، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިންނެވެ. ނަމަވެސް މިއަހަރުގެ މުބާރާތް ސްޕޮންސާ ކޮށްދިނުމަށް އަދި އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިނުވާ ކަމަށް ސްޓޫޑަންޓް ޔޫނިއަން އިން ބުނެއެވެ.
މިއަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހައެއް އަދި ހަތް ވަނަ ދުވަހު، އެމްއެންޔޫގެ އޮޑިޓޯރިއަމް ގައެވެ. އަދި ފޯމް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ، މިމަހުގެ 25 ވަނަ ދުވަހުގެ 1:00 ގެ ކުރިންނެވެ.