އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ރޭ އާސެލްނަލް ކުޅުނު މެޗުން 1-1 ލަނޑުގެ ނަތީޖާއަކުން އެއްވަރުވުމުން މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގް ކާމިޔާބުކުރުމުގެ ފުރުސަތު އެޓީމަށް ގާތްގަނޑަކަށް އެއްކޮށް ގެއްލިއްޖެ އެވެ.

ރޭ ޕެލްސްއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗު އެއްވަރުވެފައިވާއިރު އެ ޓީމު އޮތީ 60 ޕޮއިންޓާ އެކު ތާވަލުގެ ހަތަރު ވަނައިގައެވެ. ހަމަ އެއަދަދަށް ޕޮއިންޓް ލިބިގެން ގޯލުގެ ތަފާތުން ކުރީގައި އޮތީ މެންޗެސްޓާ ސިޓީއެވެ. އެހެންކަމުން އާސެނަލަށް މިފަހަރުގެ ލީގު ލިބެން އޮތީ އެޓީމަށް ކުރިއަށް އޮތް ފަސް މެޗު ކާމިޔާބުކޮށް، ލީގު ތާވާވަލުގައި އެޓީމުގެ ކުރީގައި އޮތް ތިން ޓީމު ހުރިހާ މެޗަކުން ބަލިވެގެންނެވެ.

ރޭގެ މެޗުން އާސެނަލް އެއްވަރުވުމުން އެ ޓީމަށް ވަނީ ތިން ވަނައަށް އަރަން ލިބުނު ފުރުސަތު ގެއްލިފައެވެ. އެހެން ކަމުން ލީގުގައި ކުރިއަށް އޮތް ފަސް މެޗު ކާމިޔާބް ކޮށްގެން ވެސް އާސެނަލް އަށް ތާވަލުގެ އެއްވަނަ އަށް އެރުމަކީ ނާދިރުކަމެކެވެ.

"އާސެނަލް އަށް ލީގް ލިބުމުގެ ފުރުސަތު އެވަނީ މުޅިން ބަންދު ވެފަ. ދެން ވިސްނުން ބަހައްޓަން ޖެހޭނީ ކުރިއަށް އޮތް ޗެމްޕިއަންސް ލީގުން ޖާގައެއް ލިބޭތޯ،" އާސެނަލްގެ ކުރީގެ ލެޖެންޑް ތިއެރީ އޮންރީ ބުންޏެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އެޓީމުން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަ ކުޅުނުއިރު، ފުރަތަމަ ހާފްގެ އިތުރު ވަގުތުކޮޅުގައި ޑެނީ ވެލްބެކް ތަނަވަސް ކޮށްދިން ފުރުސަތެއްގައި އެލެކްސިސް ސަންޗޭޒް ވަނީ އާސެނަލްއަށް ލީޑުނަގައިދީފައެވެ.

މެޗުގެ ދެވަނަ ހާފްގައި ވެސް އާސެނަލްއަށް ގޯލްޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެގެން ގޮސްފައިވާއިރު ކްރިސްޓަލް ޕެލަސް އިން ވެސް ވަނީ އާސެނަލްގެ ގޯލަށް ނުރައްކާ ކުރުމަށް މަސަތްކަތް ކޮށްފައެވެ.

އެ މެޗުގައި ކްރިސްޓަލް ޕެލަސް އިން ނަތީޖާ އެއްވަރު ކުރި ގޯލު މެޗުގެ 81 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބް ކޮށްދިނީ އާސެނަލްގެ ކުރީގެ ތަރި އެމެނުއަލް އަޑަބަޔޯ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޔަނިކް ބޮލައިސީ އެވެ.