ބްރެޒިލިއާ (އޭޕްރިލް 18): ބްރެޒިލްގެ ރައީސާ، ޑިލްމާ ރޫސެފްގެ މައްޗަށް ކޮށްފައިވާ ހިޔާނާތުގެ ތުހުމަތަކާ ގުޅިގެން އޭނާ މަގާމުން ދުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ބްރެޒިލްގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެއިން ތާއިދު ކޮށްފި އެވެ.

ރޫސެފް މަގާމުން ދުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް މަޖިލީހުގެ 367 މެމްބަރުން ވޯޓު ދެއްވި އެވެ. އަދި އެއާ ދެކޮޅަށް ވޯޓު ދެއްވީ 167 މެމްބަރުންނެވެ.

މަޖިލީހުގެ ތިރީގޭގެ ތާއިދާ އެކު ދެން މައްސަލަ ބަލާނީ މަޖިލީހުގެ މަތީގެ ކަމަށްވާ ސެނެޓުންނެވެ. ސެނެޓުން މައްސަލަ ބަލަމުންދާ އިރު ރޫސެފް ރައީސް ކަމުން ސަސްޕެންޑު ކުރެވޭނެ ކަމަށް ބެލެވެ އެވެ. އަދި ސެނެޓުން ކުރިއަށް ގެންދާ ޝަރީއަތުން ރޫސެފްގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ، އޭނާ މަގާމުން ދުރުކުރެވޭނެ އެވެ. އެ މައްސަލަ އިސްތިއުނާފު ކުރުމަށް ރޫސެފް އަށް ދޭނީ ދެ ފުރުސަތެވެ.

ދެހާސްސާދަ ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރެއްވުމުގެ ގޮތުން ބްރެޒިލްގެ ހީނަރުވެފައިވާ ބަޖެޓާ ބެހޭ ގޮތުން އޮޅުވާލެއްވި ކަމަށް ރޫސެފްގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް އޭނާ ވަނީ އިންކާރު ކުރައްވައިފަ އެވެ. އަދި އިދިކޮޅު ޕާޓީން މިހާރު މަސައްކަތް ކުރަމުން ދަނީ "ބަޣާވާތަކުން" ސަރުކާރު ވައްޓާލަން ކަމަށް ވިދާޅުވެފަ އެވެ. (ބީބީސީ)