ޑޮކްޓަރުކަން ކިޔަވަންދާ އިރު އެ ކޮލެޖަކީ މެޑިކަލް ކައުންސިލްގެ ޝަރުތުހަމަވާ ކޮލެޖެއްކަން ޔަގީން ކުރުމަށް އިލްތިމާސްކޮށްފި އެވެ.

ޑޮކްޓަރުން ރެގިއުލޭޓްކޮށް ބަލަހައްޓާ، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ރައީސް ޑރ. އަބްދުﷲ އަފީފު ސަން އަށް ވިދާޅުވި ގޮތުގައި ކިޔަވަންދާ ކޮލެޖަކީ މެޑިކަލް ކައުންސިލް އިން ބުނާ ޝަރުތުތައް ހަމަވާ އަދި އިންޓާންޝިޕް ޕްރޮގުރާމުގެ ފުރުސަތު އޮތްތަނެއްތޯ ބެލުމަށް އިލްތިމާސްކުރާ ކަމަށާއި އެ ޝަރުތުތައް ހަމަނުވާ ކޮލެޖުތަކުން ކިޔަވައިގެން އައުމުން ރާއްޖޭގައި މަސައްކަތް ކުރުމުގެ ފުރުސަތު ނޯންނަ ކަމަށެވެ.

ކޮލެޖެއް ކަނޑައެޅުމުގެ ކުރިން އެތަނަކީ ރަނގަޅު ޕުރޮގުރާމެއް ހިނގާތަނެއްތޯ އަދި އެތަނަކީ މެޑިކަލް ކައުންސިލިން އިން ގަބޫލް ކުރާތަނެއްތޯ ބެލުމަށް ޑރ. އަފީފު އިލްތިމާސް ކުރެ އެވެ.

ދުނިޔޭގެ އެކިގައުމުތަކުގެ މެޑިކަލް ކޮލެޖްތަކުގައި ކިޔަވައިދިނުމުގެ ސުޓައިލް ތަފާތު ކަމަށާއި އެގޮތުން ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި އެ ގައުމުގެ ދަރިވަރުންނަށް ހަދާފައިވާ ޕްރޮގުރާމްތަކާއި ގައުމުން ބޭރު ކިޔަވާ ކުދިންނަށް ހަދާފައި ހުންނަ ޕްރޮގުރާމްތަކާއި ތަފާތު ކަމަށް އަފީފު ވިދާޅުވި އެވެ.

"އެގައުމަކީ ކިތަންމެ މޮޅު ޑޮކްޓަރުން އުފައްދާ ގައުމެއް ކަމަށް ވިނަމަވެސް ފޮރިން ސްޓޫޑެންޓުންނަށް އެ ފުރުސަތު ނުލިބޭ ތަންތަން އެބަހުރި، އެކަހަލަ ތަންތަނުގައި އިންޓާންޝިޕުގެ ފުރުސަތުވެސް ނުލިބޭ." އަފީފު ވިދާޅުވި އެވެ.

ދިގު މުއްދަތަކަށް ބަލާ ކަމަށްވާ ނަމަ ރާއްޖޭގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ ބޮޑުބައެއް އެއީ ދިވެހިން ކަމުގައިވާން ޖެހޭ ކަމަށާއި ހާއްސަކޮށް އަތޮޅުތެރޭގައި މަސައްކަތް ކުރާ ޑޮކްޓަރުންނަކީ އެއަތޮޅަކަށް ނުވަތަ އެ ރަށަކަށް ނިސްބަތްވާ ބަޔަކަށް ވާން ޖެހޭ ކަމަށް އަފީފު ވިދާޅުވި އެވެ. ޑޮކްޓަރުން އުުފެއްދުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ދޭތެރޭ ހިތްހަމަ ޖެހޭ ކަމަށް ވެސް އަފީފު ވިދާޅުވި އެވެ.