05 May 2011, 13:33
ދުވަސް ނުފުރާ ވިހައިފައިވާ ކަމަށް ބެލެވޭ ތުއްތު އަންހެންކުއްޖަކު ޓްރެކް ސަރަހައްދުން މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.
މިއަދު މެންދުރު 1:00 ޖަހާއެހާކަންހާއިރު އެ ތުއްތު ކުއްޖާ ފެނިފައިވަނީ ޓްރެކް ސަރަހައްދަށް ފަތަން ގޮސް އުޅުނު ފުލުހެއް ކަމަށްވާ ލާންސްކޯޕްރަލް މުހައްމަދު ޝާހިދަށެވެ. އޭނާ ބުނީ، ބެލެވޭ ގޮތުގައި އެއީ ދުވަސްނުފުރާ ވިހައިފަ އޮތް ކުއްޖެއް ކަމަށާއި އެކުއްޖާގެ މަހާއެކު ފޫޅު ދަނޑި ވެސް އޮތް ކަމަށެވެ.
އޭނާ ބުނީ، ކުއްޖާ ފެނުމުން ފުރަތަމަ ހީކުރީ ބުދެއް ކަމަށެވެ. ނަމަވެސް، ކަށަވަރު ކުރުމަށް ނެގިއިރު ލޭ ފައިބަމުންދިއުމާ ގުޅިގެން އެއީ މަރުވެފައި އޮތް ކުއްޖެއްކަން ކަށަވަރުވި ކަމަށެވެ. އެކުއްޖާ ފެނުނީ މޫދު އަޑިން ކަމުގައިވީ ނަމަވެސް، މަސްގަނޑާ އެކު ފޫޅުދަނޑި އޮތީ ކޮތަޅު ތެރޭގައި ކަމަށް ވެސް އޭނާ ބުންޏެވެ. އެހެންކަމުން، އެއީ ކޮތަޅަކަށްލާ އެއްލައިލައިފަ އޮތް ކުއްޖެއް ކަމަށް ބެލެވެ އެވެ.
"އަޑީގައި ކުއްޖާ އޮތީ ބޯކޮޅު ވަތަށް ވާގޮތަކަށް. އެކުއްޖާގެ މަސް އޮތީ ވަލުގައި އޮޅިފައި ކޮތަޅާއެއްކޮށް. ކުއްޖާ އޮތީ ބޭރުގައި،"
ޝާހިދު ބުނީ، ނެގިއިރު ވަރަށް ތާޒާކޮށް އޮތް އެ ތުއްތު ކުއްޖާގެ ކަކުލާއި ދެއަތުން ޒަހަމްތަކެއް ފެންނަން ހުރި ކަމަށެވެ. އެހެންކަމުން އެކުއްޖާއަށް އޮތީ މަރާލައިފަ ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.
"ހީވަނީ އެކުއްޖާ މަރައިލައިފަހެން އޮތީ. އަތުގެ ތިން ތަނެއްގައި ހުރި ވަޅި އަޅައިފަ. ދެން ކަކުލުގައާ އެއްކޮށް. މިއަދުހެން ބޮޑަށް ލަފާކުރެވެނީ ]އެއްލައިލައިފަ އޮތީ[. އެއީ ކުއްޖާ ނެގީމަ އަތުންވެސް ފައިންވެސް ކޮންމެވެސް ވަރަކަށް ލޭ ބޭރަށް އައިސް އައިސް ހުރީ." ޝާހިދު ބުންޏެވެ.
ސަންގެ ނޫސްވެރިން ޓްރެކް ސަރަހައްދަށް ދިޔައިރު ކުއްޖާ އޮތީ ތޮށިގަނޑު މަތީ ބާއްވައިފަ އެވެ. އޭރު ކުއްޖާގެ ގައި މަތީ އޮތީ ރަތް ކުލައިގެ ޕްލާސްޓިކް ކޮތަޅެއް އަޅައިފަ އެވެ. ހަށިގަނޑުން ކޮންމެވެސް ވަރަކަށް ލޭ ފައިބަމުންވެސް ދިޔަ އެވެ.
ފުލުހުންގެ ފޮރެންސިކް ޓީމެއް އެ ސަރަހައްދަށް ގޮސް ވަނީ އެކުއްޖާ ކުޑައިރުކޮޅެއް ފަހުން ގެންގޮސްފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެކުއްޖާ މިހާރު އޮތީ އައިޖީއެމްއެޗުގައި ކަމަށާއި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ. އަދި އިތުރު ތަފްސީލު ފަހުން ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޓްރެކް ސަރަހައްދުން ރިޕޯޓްކުރީ: ހުސެއިން ހަސަން
http://www.youtube.com/watch?v=xhQFELlSNn8