އެކްވެޑޯ އަށް މިއަދު ހެނދުނު އައި ބާރު ގަދަ ބިންހެލުމުގައި ގިނަ އަދަދެއްގެ މީހުން ޒަހަމްވެ، މަރުވި މީހުންގެ އަދަދު 233 އަރައިފި އެވެ. ބިން ހެލުމުގައި ޒަހަމްވި މީހުންގެ އަދަދު އުޅެނީ 588 ވުރެ ގިނަ އެވެ.

އޮފިޝަލުންނާ ހަވާލާ ދީ ހަބަރުތައް ބުނާ ގޮތުން، އެ ގައުމުގެ ދެކުނު އައްސޭރި އަވަށަށް 7.8 ގެ ބާރުމިނުގައި އައި ބިން ހެލުމުގެ ސަބަބުން ގިނަ އަދަދެއްގެ މުދަލާއި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ވެ މިހާރު އެ ގައުމުގެ ހަ ޕްރޮވިންސެއްގައި ވަނީ ކުއްލި ހާލަތު އިއުލާނު ކޮށްފަ އެވެ.

ހަމައެއާއެކު، އާބާދީގައި 16 މިލިއަނެއްހާ މީހުން ދިރިއުޅޭ އިކުއެޑޯގެ ރައްޔިތުން މުސީބާތުގެ ވަގުތުގައި ހަމަހިމޭން ވުމަށް އެ ގައުމުގެ ރައީސް ރަފައެލް ކޮރިއާ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

އެ ގައުމުގެ ނައިބު ރައީސް ޖޯޖް ގްލާސް އާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުން، ބިންހެލުމުގެ ސަބަބުން ޒަހަމްވި މީހުންގެ އަދަދު އަދި ކަށަވަރު ނުވެ އެވެ. އަދި މަރުވި މީހުންގެ އަދަދު އިތުރުވުން ވެސް އެކަށީގެންވާ ކަމަށް ނައިބު ރައީސް އާ ހަވާލާދީ ހަބަރުތައް ބުނެ އެވެ.

ބިންހެލުން އައި ސަރަހައްދުގައި ތާށި ވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އެ ގައުމުގެ ފުލުހުންނާއި އެހެން ފަރާތްތައް ގުޅިގެން އަންނަނީ ކުރަމުންނެވެ.