ބެޑްމިންޓަން އެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާ އާއި އެ އެސޯސިއޭޝަނުގެ އިންތިހާބު ދެ ފަހަރުމަތިން ލަސްކުރުމަށް ފަހު އަނެއްކާ ވެސް މާދަމާ ބޭއްވުމަށް އެ އެސޯސިއޭޝަނުން ނިންމައިފި އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން ނެރުނު އިއުލާނެއްގައި ބުނީ އަހަރީ އާންމު ޖަލްސާ އާއި އާ ދައުރަކަށް ހިންގާ ކޮމިޓީ އިންތިހާބުކުރުމަށް ބާއްވާ ޖަލްސާ މާދަމާ ހެނދުނު 10:00 ގައި ހެންވޭރު ބޯޅަގޭގައި ބޭއްވުމަށް އެ އެސޯސިއޭޝަންގެ އެކްޒެކެޓިވް ކޮމިޓީގެ އަގުލަބިއްޔަތުން ނިންމާފައިވާ ކަމަށެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުގެ އިންތިހާބު ބާއްވާނެ ތާރީހެއް ފުރަތަމަ އިއުލާންކުރުމަށްފަހު އެ އިންތިހާބު ފަސްކުރީ އެ އެސޯސިއޭޝަންގެ ހިންގާ ގަވައިދާ ހިލާފަށް އަތޮޅު ތަކުގައި ހަރަކާތްތެރިވަމުން އަންނަ ބެޑްމިންޓަން ކޮމިޓީތަކަށް ވޯޓު ދިނުމުގެ ހައްގު ގެއްލޭ ގޮތަށް އިންތިހާބު ބާއްވަން އުޅޭކަމުގެ ޝަކުވާ ހޯމް މިނިސްޓްރީއަށް ލިބުމާ ގުޅުގެން އެ މިނިސްޓްރީގެ އެދުމުގެ މަތިންނެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުގެ އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ ފާއިތުވި އަހަރުގައި ހިންގާފައިވާ ހުރިހާ ހަރަކާތްތަކުގެ ރިޕޯޓް މިދިޔަ މަހުގެ ތިން ވަނަ ދުވަހުގެ ކުރިން އެ އެސޯސިއޭޝަނަށް ހުށަހަޅައި 2016 ވަނަ އަހަރާ ހަމައަށް ފީދައްކާފައިވާ އެސޯސިއޭޝަންގެ މެމްބަރުންނަށް އެކަންޏެވެ.

އެ އިންތިހާބު ދެވަނަ ފަހަރަށް އިއުލާންކޮށް، ލަސްކުރަން ޖެހުނީ ހޯމް މިނިސްޓްރީން އޮބްޒާވަރުން ހަމަޖެހިފައި ނެތުމުންނެވެ.

މާދަމާ ބޭއްވުމަށް ތައްޔާރުވަމުންދާ ބެޑްމިންޓަން އެސޯސިއޭޝަނުގެ އިންތިހާބުގައި ކުރިއަށް އޮތް ހަތަރު އަހަރު އެ އެސޯސިއޭޝަނުގެ ރައީސްކަމަށް ވާދަކުރައްވަނީ މިހާރުގެ ވެސް ރައީސް މޫސާ ނާޝިދު އާއި ހަސަން ރިޔާޒެވެ. ނައިބް ރައީސްކަމަށް ކުރިމަތިލާފައި ވަނީ އަހްމަދު ޝާކިރު އާއި މަމްދޫން ރަޝީދު އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުގެ ހަޒާންދާރަކަށް ކުރިމަތިލާފައި ވަނީ މުހައްމަދު ސައީދު އާއި މޫސާ ރަމީޒެވެ. ހަޒާންދާރުގެ މަގާމަށް މުޙައްމަދު ސައީދު އާއި މުސާ ރަމީޒް ކުރިމަތިލިއިރު އެގްޒެކްޓިވް ކޮމެޓީއަށް ކުރިމަތިލާފައި ވަނީ ހުސައިން އާތިފް އާއި ހާރިޘް މުޙައްމަދު އާއި އަލީ އަބްދުލް ކަރީމް އާއި އިބްރާހީމް އާސިފްއެވެ. އެގްޒެކްޓިވް ކޮމެޓީގެ އަންހެން މެންބަރުން ތަމްސީލްކުރާ މެންބަރު ކަމަށް ކުރިމަތިލާފައި ވަނީ ޒެނީޝާ ޝާހިދު އާއި ރަހީމާ އާދަމެވެ.