މާލޭގައި އެންމެ ފުރަތަމަ ހުޅުވުނު ސިޓީ ހޮޓާ ކަމުގައިވާ "ސެންޓްރަލް ހޮޓެލް" ޗަމްޕާ ބްރަދާސް އިން ގަނެ، އެތަން މަރާމާތު ކުރުމަށް 2012 ވަނަ އަހަރު ބަންދު ކުރި އެވެ. އޭގެ ތިން އަހަރު ފަހުން، މިއަދު އެ ހޮޓާ މިވަނީ، ހަނދާންތަކަކުން ފުރިފައިވާ، މުޅިން އާ، ފުރިހަމަ ތަނަކަށް ބަދަލުކޮށްފަ އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގެ ނަމުގައި، ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން އިއްޔެ ސެންޓްރަލް ހޮޓެލް އަލުން ހުޅުވި އިރު، ފެންނަ ފެނުމަށް ވަރަށް ތަފާތެވެ. އެތަނުގައި އެންމެ ކުރީއްސުރެ ހުންނަ އިމާރާތަކާ ވިދިގެން މިހާރު ވަނީ އިތުރު އިމާރާތެއް ހަދައި، ދެ އިމާރާތް "ގުޅުވާލައިފަ" އެވެ. އެހެންކަމުން، ހޮޓަލުގެ ބޮޑުމިނާއި ލޭންޑް އޭރިއާ ވެސް ވަނީ ބޮޑުވެފަ އެވެ. އަދި 10 ބުރީގެ ދެ އިމާރާތުގެ ވެސް ޓެރަސް ވަނީ އެއްކޮށްލައިފަ އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގެ ޓެރަސް -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން

އެހެން ނަމަވެސް، އެންމެ ބޮޑު ތަފާތެއް ފެންނާނެ ކަމަށް ބެލެވެނީ މި ހޮޓެލުން ފޯރުކޮށްދޭން ތައްޔާރުވެފައިވާ ޚިދުމަތްތަކުންނެވެ. ހޮޓެލްގެ މެނޭޖްމެންޓުގެ އެންމެ ބޮޑު އިތުބާރާއި ވައުދަކީ ވެސް އެއީ އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގެ ޖެނެރަލް މެނޭޖާ ތޯހާ ރަޝީދު ވިދާޅުވީ، މާލޭގެ ހޮޓެލް އިންޑަސްޓްރީ އަށް ޗަމްޕާ ސެންޓްރަލް ހޮޓެލް ނުކުންނަނީ، ޓުއަރިޒަމް އިންޑަސްޓްރީގައި ލިބެން ހުރި އެންމެ އަގުހުރި އެކައްޗާ އެކުގައި ކަމަށެވެ.

"އެއީ އަޅުގަނޑުމެންގެ އެކްސްޕީރިއެންސް. ރީބްރޭންޑް ވެފައި ރިނޮވޭޓް ކޮށްފައި އަލުން މި ހުޅުވަނީ. އެންމެ ބޮޑު ތަފާތެއް ފެންނާނީ ސާވިސް އިން. އަޅުގަނޑުމެންގެ ޓާގެޓަކީ ހޮޓެލްގެ ސްޓޭންޑަޑެއް ހިފެހެއްޓުން،" ތޯހާ ވިދާޅުވި އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގެ ޖެނެރަލް މެނޭޖާ ތޯހާ ރަޝީދު -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން

ބައެއް މީހުން ބުނާނެ އެތަން އެއީ ރަނގަޅަށް ހިންގާ ހޮޓެލެކޭ، އެތަން ހިންގާ ގޮތަށް ހިންގަބަލާށޭ. އެގޮތަށް ދައްކާފައި ބުނާ ވަރުގެ ތަނަކަށް މި ހޮޓެލް ހެދުން އަމާޒަކީ

ސެންޓްރަލް ހޮޓެލްގެ ހަނދާންތައް އާންމުންނާ އެންމެ ބޮޑަށް ގުޅިފައި އޮންނަނީ، ގިނަ ވެޑިންގް ޕާޓީތަކަކާއި އެހެނިހެން މުނާސަބާތަކާ ގުޅިގެން ހަފްލާތައް ބާއްވަމުން އައި އެތަނުގެ ޝަޚުސީ ހޯލް، މާލަމެވެ. ނަމަވެސް ޗަމްޕާ ސެންޓްރަލް ހޮޓެލް އެނބުރި އައީ، ޕާޓީ އާއި ކޮންފެރެންސްތައް ބޭއްވޭ ފަދަ ބޮޑު ދެ މާލަމާ އެކުގަ އެވެ. އެ ހޮޓެލްގެ ފުރަތަމަ ފަންގިފިލަ އާއި ދެވަނަ ފަންގިފިލާގައި ވެސް ހަދާފައި ހުންނަ ދެ ކޮންފެރެންސް ހޯލަކީ ވެސް އެކި ފަރާތްތަކުގެ ހަރަކާތްތަކާއި ބައްދަލުވުންތައް ބޭއްވުމަށް ކުއްޔަށް ދޫކުރާ ތަންތަނެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގެ މީޓިންގް ރޫމެއް -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން

މީޓިންގް ރޫމެއްގެ ގޮތުގައި ވެސް ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ ޗަމްޕާ ސެންޓްރަލް ހޮޓެލްގެ ކޮފީ ޝޮޕް -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން

މީގެ އިތުރުން، އެ ހޮޓެލްގެ ނުވަ ވަނަ ފަންގިފިލާގައި ހަދާފައި ހުންނަ ކޮފީ ޝޮޕަކީ ވެސް އެ ބީދައިން، ޕާޓީ ނުވަތަ އެކަހަލަ ހަފްލާއެއް ބޭއްވުމަށް އޮތް ވެނިއު އެކެވެ. އަދި ދިހަ ވަނަ ފަންގިފިލާ ނުވަތަ ޓެރަހަކީ ވެސް އެފަދައިން ދޫކުރެވޭނެ ތަނެކެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ތިން ރެސްޓޯރަންޓެއް ހުރެ އެވެ. ހޮޓެލް ހުޅުވުމާ އެކު، މިހާތަނަށް ޚިދުމަތް ލިބެނީ އެތަނުގައި ހުންނަ "ފަރިވަޅު" ރެސްޓޯރަންޓުން އެކަންޏެވެ. ނުވަވަނަ ފަންގިފިލާގައި ހަދާ ކޮފީ ޝޮޕާއި ޓެރަހުގައި ހަދާ ރޫފް ޓޮޕް ރެސްޓޯރަންޓު ދާދި އަވަހަށް ހުޅުވިގެން ދާނެ އެވެ.

ޖެނެރަލް މެނޭޖާ ތޯހާ ވިދާޅުވީ، އެ ރެސްޓޯރަންޓުގެ އިންޑިއަން އަދި އޭޝިއަން ކުއިޒީން ވަރަށް ޚާއްސަ ވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ސެންޓްރަލް ހޮޓެލްގައި ކުރީގައި ހުންނަ އިންޑިއަން ރެސްޓޯރަންޓަކީ ލޯޔަލް، ރެގިއުލާ ކަސްޓަމަރުންގެ މެދުގައި ވަރަށް މަގުބޫލު ތަނެއް ކަމަށެވެ. އަދި ރަނގަޅަށް ކުރެވިފައި އޮތް ކަމެއް އަބަދު ވެސް ދަމަހައްޓަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެކަހަލަ ޚިދުމަތެއް ދިނުމަށް ޓަކައި، ރަނގަޅު އިންޑިއަން ފުޑް ފޯރުކޮށްދޭ ރެސްޓޯރަންޓެއް ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ވެސް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގެ ކޮޓަރިއެއް -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން

ޗަމްޕާ ސެންޓްރަލް ހޮޓެލްގެ ކޮޓަރިއެއް -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ތަފާތު ތިން ގިންތިއެއްގެ، ޖުމްލަ 74 ކޮޓަރި ހުރެ އެވެ. ފުރަތަމަ ގިންތި ނުވަތަ "ސުޕީރިއާ ރޫމްސް"ގެ 46 ކޮޓަރި ހުންނަ އިރު، ދެވަނަ ގިންތި "ޑިލަކްސް ރޫމްސް"ގެ 24 ކޮޓަރި ހުރެ އެވެ. އަދި އެންމެ މަތީ ގިންތި ކަމުގައިވާ އެކްޒެކެޓިވް ރޫމްސްގެ ތިން ކޮޓަރި ހުރެ އެވެ. މި ހުރިހާ ކޮޓަރިތަކުގެ ފެންވަރާއި ޚިދުމަތްތައް، ގިންތިއާއި އަގާއި އެކަށޭނަ ގޮތެއްގައި ތަފާތުވި ނަމަވެސް، ފެންވަރު ރަނގަޅެވެ.

ހޮޓެލް ހުޅުވުމާ ގުޅިގެން ޗަމްޕާ ސެންޓްރަލް ހޮޓެލް އިން ވަނީ ޚާއްސަ އިނޯގަރަލް ޕެކޭޖެއް ވެސް ތައާރަފު ކޮށްފަ އެވެ. މި ޕެކޭޖުގެ ދަށުން އެންމެ ދަށްވެގެން 85 ޑޮލަރަށް އެއް ރެޔަށް ބެޑް އެންޑް ބްރެކްފަސްޓް ލިބެ އެވެ. މި މައުލޫމާތުތައް އެ ހޮޓެލްގެވެބްސައިޓުންލިބެން ހުންނާނެ އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގެ މުވައްޒަފުންތަކެއް -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން

"ރިއަލިޓީ"ގައި ތިން ތަރީގެ ފެންވަރުގެ ހޮޓެލެއްގެ ގޮތުގައި ޗަމްޕާ ސެންޓްރަލް ހޮޓެލް ހުޅުވިގެން ދިޔަ ނަމަވެސް، ގިނަ މުވައްޒަފުންތަކެއްގެ ޓީމަކާ އެކު، ހޮޓެލްގެ ޖެނެރަލް މެނޭޖަރު ހުންނެވީ އެންމެ ފެންވަރު ރަނގަޅު ޚިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ތައްޔާރަށެވެ.

"ސްޓޭންޑަޑުގެ ގޮތުގައި ބަލަނީ ތިން ތަރި ކަމަށް. އެއީ ރިއަލިޓީއަކީ. އެކަމަކު ބައެއް ބޭފުޅުންނަށް ފެނިދާނެ މިތަން ހަތަރު ތަރީގެ ތަނެއްގެ ގޮތުގައި ވެސް. ޚިދުމަތުގެ ގޮތުން ހަތަރެއް ނުވަތަ ފަސް ތަރީގެ ވެސް ޚިދުމަތް އަޅުގަނޑުމެން ދޭނަން،" ޗަމްޕާ ސެންޓްރަލް ހޮޓެލްގެ ޖެނެރަލް މެނޭޖާ ތޯހާ ރަޝީދު ވިދާޅުވި އެވެ.