ކޮމަންވެލްތްގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) އިން ރާއްޖެއާ މެދު ވިޔާ ނުދާ ގޮތެއް ނުނިންމާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ގއ. ގެމަނަފުށީގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ކުރިއަށް އޮތް ދެތިން ދުވަސްތެރޭގައި ސީމެގުން ރާއްޖެއާ ދޭތެރޭ ގޮތްތަކެއް ނިންމާނެ ކަމަށެވެ.

"މިއީ އުފާވެރި ވާހަކައެއްވެސް ނޫން ދައްކާކަށް. ސީމެގްގެ ފަރާތުން ކޮމަންވެލްތުގެ ފަރާތުން އަޅުގަނޑުމެންގެ ރާއްޖޭގައި ހިނގަމުން މިދާ ކަންތަތަކާ ބެހޭ ގޮތުން ގޮތްތަކެއް ނިންމާނެ. ﷲ އިރާދަ ކުރެއްވިއްޔާ އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެބަ އޮތް މި ގޮތްތަކަކީ ވިޔާ ނުދާ ގޮތްތަކަކަށް ވެގެން ނުދާނެ ކަމަށް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ނުފޫޒު ގަދަ ދިވެހިންގެ ބަޔަކު ތިބެގެން ނުފޫޒު ގަދަ ގައުމުތަކެއްގެ ސަރުކާރު މެދުވެރިވެގެން ރާއްޖެއާ ދޭތެރޭ ދަތި ކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އެކިއެކި ބޭފުޅުންގެ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅުން ރާއްޖެއަށް ނިކަމެތިކަން ގެނައުމަށްޓަކައި އިންސާނީ ހައްގުތަކުގެ ފަންނުން ކިޔަވާ ވިދާޅުވެގެން ތިބޭ ވަކީލުން ވެސް މި ކުރައްވާ މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ މުޅި ރައްޔިތުންގެ އިންސާނީ ހައްގެއް އޮތް ކަމަށް ހިޔާލުފުޅަށް ނާންނަނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމްޑީޕީގެ ލީޑާޝިޕްގެ ހުރިހާ މެމްބަރުން ތިބީ އަމިއްލައަކަށް އަރުވާލެވިގެން ރާއްޖެއިން ބޭރުގައި ކަމަށެވެ. މިސާލެއްގެ ގޮތުގައި ރައީސް ވިދާޅުވީ އެ ލަޝްކަރުގެ ހުރިހާ ޖެނެރަލުން ތިބީ ރާއްޖެއިން ބޭރުގައި ކަމަށެވެ.

"މި ގޮތަށް ހަނގުރާމައެއް ނުހިނގާނެ. ކޮމާންޑު ކުރާނެ މީހަކު ނެތް. ގާތުން ކަންތައް ކުރަންވީ ގޮތް ބުނެދޭނެ މީހަކު ނެތް. އެހެންވީމަ އަޅުގަނޑުގެ އިލްތިމާސްއަކީ ވަޑައިގަންނަވާށޭ މިތަނަށް. ވަޑައިގެން މިތަނުގެ ހާލަތު ބަދަލު ކުރުމަށް މަސައްކަތް ކުރަމާ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ހުކުމް ތަންފީޒު ވެގެން އަންނަ އިރު ރައްޔިތުންގެ ތެރޭގައި ޖިނާއީ އަދުލުގެ ތަަފާތު ހުންނަ ކަމަށް ގަބޫލު ކުރެވޭނަމަ އިންސާފުވެރި ވެރިކަމެއް ނުކުރެވޭނެ ކަމަށެވެ.

"ޖިނާއީ އަދުލުގެ ކުރިމަތީގައި ރައްޔިތުންނަކީ ހަމަހަމަ ބައެއް. އަޅުގަނޑުމެންގެ ކުރިއެރުން އޮތީ އެ މީހަކު ކުރާ މަސައްކަތް ކިހިނެއްތީ ރައްޔިތުން ބަލައި ގަންނަނީ އެކަން ގަބޫލު ކުރެވުނީމަ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފިކުރީ ގޮތުން ތަފާތު ވިސްނުމުގައި ތިބޭ މީހުން ކުރާ މަސައްކަތަކީ ރާއްޖޭގެ ޑިމޮކްރަސީ ނެތް މިންވަރު ދައްކައި ދިނުން ކަމަށެވެ. ނަމަވެސް ރާއްޖޭގެ ޑިމޮކްރަސީ ނެތް މިންވަރު ދައްކައި ދެވެން ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

މިދިޔަ ފެބްރުއަރީ މަހު ކޮމަންވެލްތުން ބޭއްވި އެކްސްޓްރާ އޯޑިނަރީ ބައްދަލުވުން ނިންމުމަށްފަހު ނެރުނު ބަޔާނުގައި ވަނީ، ސިޔާސީ ލީޑަރުން މިނިވަން ކުރުމާއެކު އިތުރު ހަ ކަމެއް ރާއްޖެ އަށް ހުށަހަޅާފަ އެވެ.

އެގޮތުން ސިޔާސީ ލީޑަރުން މިނިވަން ކުރުމާއި ސަރުކާރުން އިސްވެ ޕާޓީ މަޝްވަރާތައް ފެށުން އަދި ސިޔާސީ ލީޑަރުންގެ ޝަރީއަތް ކުރިއަށް ދިޔަ އިޖުރާއަތްތަކާމެދު ހުރި ކަންބޮޑުވުންތަކަށް އިޖާބަދިނުމަށް ވެސް އެ ސީމެގުން ހުށަހަޅާފައިވެ އެވެ.

ހަމައެއާއެކު، ހިޔާލުފާޅު ކުރުން ހުއްޓުވަން ޓެރަރިޒަމްގެ ގާނޫނު ބޭނުން ނުކުރުމާއި ރާއްޖޭގެ ޝަރުއީ ނިޒާމު ހަރުދަނާ ކުރުމަށް ކޮމަންވެލްތުން ކުރިން ހުށަހަޅާފައިވާ ކަންތައްތަކަށް އަލުން ރިއާޔަތްކުރުމުގެ އިތުރުން ސިވިލް ސޮސައިޓީތަކުގެ މިނިވަންކަން ކުރިއަރުވަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ވެސް ހުށަހަޅާފައިވެ އެވެ.

ރާއްޖޭގެ ގާނޫނުތައް އިތުރަށް ކުރިއެރުވުމަށް ރާއްޖެއަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ކޮމަންވެލްތު ސެކްރެޓޭރިއަޓުން ދިނުމަށާއި ކޮމަންވެލްތުން ހުށަހެޅި ކަންތައްތަކާ މެދު ރާއްޖޭން އަމަލުކޮށްފައިވާ ގޮތް މި މަހު ބާއްވާ ބައްދަލުވުމުގައި ބަލާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.