މަޖިލީހުގެ މެމްބަރުންނަށް މަޖިލީހުގައި ހިޔާލުފާޅު ކުރުމަށް ލިބިފައިވާ އިމްތިޔާޒުގެ ނަހަމަ ބޭނުން ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގޮވާލައްވައިފި އެވެ.

ގއ. ގެމަނަފުށީގެ ބަނދަރު ހުޅުވުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން އިލްތިމާސް ކުރެއްވީ މެމްބަރުން މަޖިލީހުގައި ވާހަކަފުޅު ދައްކަވާއިރު ހިމާޔަތުގައި އެއްޗެއް ބުނެވެން ނެތް ފަރާތްތަކާމެދު އިހްސާންތެރިކަމާއެކު ވާހަކަފުޅު ދެއްކުމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މި ލިބިވަޑައިގަންނަވާ މި އިހްތިޔާރުގެ ދަށުން އަޅުގަނޑު އިލްތިމާސް ކުރަނީ ރާއްޖެއަކީ އެއް ނަސްލެއްގެ ވަރަށް ތިމާގެ މީހުން ވަރަށް ގާތް ބަޔަކު އުޅޭ ތަނެއް. އެ މީހެއްގެ ހިމާޔާތް އެ މަޖިލީހުގެ ޖަލްސާއެއްގައި އެ ވަގުތު ހިނގަމުންދާއިރު އެ މީހުންގެ ހިމާޔަތުގައި އެއްޗެއް ބުނެވެން ނެތް ފަރާތްތަކާ ދޭތެރޭގައި އިހުސާންތެރިކަމާއެކީ ވާހަކަފުޅު ދައްކަވާށޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ގާނޫނު އަސާސީގެ 90 ވަނަ މާއްދާގައި ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ ކޮމިޓީއެއްގައި މަޖިލީހުގެ މެމްބަރަކު ނުވަތަ އެ ނޫން ވެސް މީހަކު އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތުގެ މަތީން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށައެޅުމެއްގެ ސަބަބުން ނުވަތަ ވޯޓް ދިނުމުގައި އަމަލުކުރި ގޮތެއްގެ ސަބަބުން ކޯޓަކަށް އެ މީހަކު ހާޒިރުކޮށް ނުވަތަ އެމީހަކާމެދު އެއްވެސް ތަހުގީގެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެ މީހަކާމެދު ދައުވާއެއްކޮށް ހަދައިގެނެއް ނުވާނެ އެވެ.

ރައީސް ވިދާޅުވީ، ކޮންމެ މީހަކަށް ވެސް ޖަވާބުދާރީވުމަށާއި އަމިއްލަ ހައްގު ދިފާއު ކުރުމުގެ ހައްގު ގާނޫނު އަސާސީން ލިބިދީފައިވާ ކަމަށެވެ.

"ގާނޫނު ހަދާ ރައްޔިތުންގެ މަންދޫބުންނަކީ ގާނޫނަށް އެންމެ އިހުތިރާމް ކުރާ މީހުންނަށް އެބަ ވާންޖެހޭ. އެ ރިވެތި އުސޫލު އަޅުގަނޑުމެން ދަމަހައްޓަން ބޭނުން ކަމުގައި ވީ ނަމަވެސް މިކަންކަމާ ދޭތެރޭ ވިސްނާ ވަޑައިގަންނަވާށޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިމްތިޔާޒެއް އޮވެ ނުހައްގު ގޮތުގައި ބޭނުން ކުރުމުން އޭގެ ދެރަ އުފުލަން ޖެހޭ ކަމަށާއި ދިވެހިންގެ ތެރޭގައި އެއްވެސް ތަފާތެއް ނެތް ކަމަށާއި ދިވެހިންނަކީ އެއް ބައެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި އޮންނަ އުސޫލުތަކުގެ ތެރޭގައި މީހުންގެ އަބުރުގެ ހައްގަށް އިހުތިރާމް ކުރަން އެބަ ޖެހޭ. އެހެންވީމާ މިފަހަރުވެސް ނޫސްވެރިކަމުގެ މިނިވަންކަމާ ދޭތެރޭވެސް މި ކުރެވޭ މަަސައްކަތްތަކަކީ ހަގީގަތުގައި ނޫސްވެރިކަމުގެ މިނިވަންކަން ގެއްލުވާލުމެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން ކުރާ ކަމަކާ ދޭތެރޭ ނޫސްވެރިން ދުވާލަކު 10 ގޮތަށް ލިޔުނު ނަމަވެސް އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

"އަޅުގަނޑަކީ މީގެ ވަރަށް ގިނަ ކަންތައްތައް ތަހައްމަލު ކޮށްފައި ހުރި މީހެއް. އެހެންނަމަވެސް އެހެން ފަރުދުންގެ އަބުރާ ބެހެވެމުންދާއިރު ބައެއްގެ ހައްގުތަކެއް ގެއްލޭކަން ހަމަ ކޮންމެ މީހަކުވެސް ޒިންމާދާރު ކަމާއެކު ހިޔާލަށް ގެންނަން ޖެހޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރު ވަނަ ބާރު ކަމަށް ބުނާއިރު ދައުލަތުގެ ކޮންމެ ބާރަކީވެސް ޒިންމާތަކެއް އުފުލަން ޖެހޭ ބައެއްކަން ހިޔާލަށް ގެންނަން ޖެހޭ ކަމަށެވެ. ޒިންމާތައް އުފުލާނަމަ އެ ބާރު ސައްހަ ގޮތުގައި އުފުލޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.