ތަކެތީގެ އަގު ތިރިކުރުމަށް ގޮވާލައި ޒުވާނުން މާލޭގައި ކުރާ މުޒާހަރާތަކުގައި ފުލުހުންނަށް ހަމަލަދީ ހަމަނުޖެހުން އުފެއްދި މީހުންގެ ތެރެއިން 14 މީހެއްގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފި އެވެ.

އެޕްރީލް 30، 2011 އިން ފެށިގެން ކޮންމެ ރެއަކުން ފެށިގެން، މާލޭގައި ކުރަމުންދާ މުޒާހާތަކުގައި ހައްޔަރު ކުރި މީހުންނާ ބެހޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ މި މަހުގެ ދެ ވަނަ ދުވަހު މަޖީދީ މަގާއި ޗާންދަނީމަގުގެ ހަތަރު އަގޮޅި ކަންމަތީގައި ކުރި މުޒާހަރާގައި ފުލުހުންނަށް ހަމަލަދީ، އަލިފާން ރޯކޮށް ހެދި 14 މީހެއްގެ ބަންދުގެ މުއްދަތު ތިން ދުވަހަށް ކޯޓުން އިތުރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންގެ ބަންދުގެ މުއްދަތު މާދަމާއަށް ހަމަވާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

"އަލިފާން ރޯކޮށް، ހަމަނުޖެހުން އުފެއްދި މީހުން ތެރެއިން 14 މީހެއްގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައި. އެ މީހުން މުއްދަތު މާދަމާއަށް ހަމަވާނެ،" ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރޭގެ މުޒާހަރާގައި ހައްޔަރު ކުރި މީހުންގެ ތެރެއިން 10 މީހަކު އަދި ފުލުހުންގެ ހައްޔަރުގައިވާ ކަމަށާއި އެ މީހުން ބަންދުގެ މުއްދަތު އަދި ކޯޓުން އިތުރުކޮށްދީފައި ނުވާ ކަމަށެވެ. އެ މީހުން ދޫނޮކޮށް ފުލުހުން ހިފަހައްޓާފައި ވަނީ މުޒާހަރާތަކުގައި ހަމަނުޖެހުން އުފައްދާ ކަމުގެ ތުހުމަތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިދިޔަ އަންގާރަ ދުވަހު އިސްކަންދަރު ކޮށީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޝްވާން ވިދާޅުވީ މުޒާހަރާތަކުގައި ހަމަނުޖެހުން އުފައްދައި އަލިފާން ރޯކޮށް ފުލުހުންނަށް ހަމަލަދެނީ ކުށުގެ ރެކޯޑު އޮންނަ ގޭންގުތަކުގެ މީހުން ކަމަށެވެ. އަދި އެ މީހުން ތެރެއިން 13 މީހެއްގެ ބަންދުގެ މައްދަތު ކޯޓުން އިތުރުކޮށްފައިވާ ކަމަށް ވެސް ރިޝްވާން ވަނީ ވިދާޅުވެފަ އެވެ.