17 Apr 2016, 20:20
އެކްވެޑޯގެ ދެކުނު އައްސޭރިއަށް އައި ބާރުގަދަ ބިންހެލުމެއްގައި ގިނަ ބަޔަކު މަރުވެ، މުދަލާއި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ އެކަމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެގައުމުގެ ރައީސް ރަފައެލް ކޮރިއާ އަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ.
ރައީސް ޔާމީން ފޮނުއްވި މެސެޖުގައި، ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެކްވެޑޯގެ ރައީސާއި ސަރުކާރު އަދި ރައްޔިތުންނަށް ވަރަށް އިހުލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.
ހަމައެހެންމެ، އެ ހާދިސާގެ ސަބަބުން ދިމާވި ގެއްލުުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތައް ކާމިޔާބު ވާނެ ކަމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވެ އެވެ.
ރައީސްގެ މެސެޖުގައި، އެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައިވެ އެވެ.
އެންމެ ފަހުގެ ހަބަރުތައް ބުނާގޮތުން، އެކްވެޑޯއަށް މިއަދު ހެނދުނު 7.8 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގައި 233 މީހުން މަރުވެ 588 މީހުން ޒަހަމްވެފައިވެއެވެ. އަދި މިހާރު އެ ގައުމުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާންކޮށްފަ އެވެ.