17 Apr 2016, 19:57
މިއަހަރުގެ މަސްވެރިންގެ ދުވަސް ގއ. ގެމަނަފުށީގައި ފާހަގަ ކުރާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި އެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަސް ގެމަނަފުށީގައި ފާހަގަ ކުރަން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރެއްވީ އެ ރަށުގެ ބަނދަރު ހުޅުވުމަށް މިއަދު ހަވީރު ގެމަނަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ ގެމަނަފުށީގެ ބަނދަރަކީ، ގަދަ ކަނޑުގެ ހިމާޔާތް ހޯދަން މަސްވެރި އުޅަނދުތައް ވަންނާނެ ބަނދަރެއް ކަމަށެވެ.
"މިއީ މަސްވެރި ބަނދަރެއް. މިތަނަށް މަސްދޯނިތައް ވަންނާނެ. ގަދަކަނޑުން ހިމާޔަތް ހޯދަން މިރަށު ބަނދަރަށް މަސްވެރިން ވަންނާނެ ބަނދަރެއް މިއީ. އެހެންވީމަ އަޅުގަނޑު ދެކެނީ މިއަހަރު މަސްވެރިންގެ ދުވަސް އޮންނާނީ ގއ. ގެމަނަފުށީގައި ކަމަށް،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިންގު މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ގެމަނަފުށްޓަކީ ރާއްޖޭގެ ނިސްބަތުން ބަލާއިރު ވެސް މަސްވެރިކަމުގެ އެންމެ ކުރީގައި އުޅޭ އެއް ރަށް ކަމަށެވެ.
"މި ރަށުގެ އެކި ހިސާބުތަކަށް ބަލާއިރުގައި ވެސް ފެންނާނީ މަހުގެ އެކިއެކި މަސައްކަތްތައް ކުރެވެމުންދާތަން. މުޅި ރަށަކީ ވެސް މަސް ފެކްޓްރީއެކޭ ދެންނެވިޔަސް ދޮގަކަށް ނުވާނެ،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ގެމަނަފުށީގައި ގާއިމު ކުރެވުނު ބަނދަރުގެ ސަބަބުން އެ ރަށުގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީ އަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
"މަސްވެރި ކަމަށް މި ރަށާއި މި އަތޮޅާއި އަދި ރާއްޖޭގެ އެކިކަންކޮޅުތަކުން މި ރަށަށް އަންނަ ފަރާތްތަކަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.
ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރަން ފެށީ 1981 ވަނަ އަހަރުން ފެށިގެންނެވެ. ކޮންމެ އަހަރެއްގެ ވެސް މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ޑިސެމްބަރު 10 ވަނަ ދުވަހެވެ.