17 Apr 2016, 19:06
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލް"ގެ މަސައްކަތަކީ ނޫސްވެރިންގެ ހައްގުތައް ގެއްލުވާލަން ކުރާ މަސައްކަތެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ގއ. ގެމަނަފުށީ ބަނދަރު ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ހުށަހަޅާފައިވާ އަނބުރު ރައްކާތެރި ކުރުމުގެ ބިލާ ގުޅޭ ގޮތުން ނޫސްވެރިން ކަންބޮޑުވުންތައް އަޑު އަހައި، އޭގައިވާ އަދަބުތައް ލުއި ކުރުމަށް ސަރުކާރުން އެއްބަސްވެފައިވާނެ ކަމަށެވެ.
އެގޮތުން އަބުރާ ބެހުމުން ބަދަލުގެ ގޮތުގައި ކޯޓުން ނަގައިދޭ ފައިސާގެ އަދަދު ކުޑަކުރުމާއި އެ ފައިސާ ނުދެއްކިއްޖެ ހާލަތެއްގައި ޖަލުގައި ހޭދަ ކުރަންޖެހޭ މުއްދަތު ކުޑަކުރުން ހިމެނޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"ނޫސްވެރިން އެ ދެއްކެވި ވާހަކަތައް އަޑުއަހާފައި ނިހާނު ހުށަހަޅުއްވާފައި އޮތް ބިލަށް ބަދަލުތަކެއް ގެންނަން، އިސްލާހުތަކެއް ގެންނަން އަޅުގަނޑުމެން އެއްބަސްވީމު. އެ އެއްބަސްވީ އިސްލާހުތަކުގެ ތެރޭގައި މިހާރު ހުރި އަދަބުތައް އެބަ ލުއިކުރަން. އެއް އަހަރުގެ ބަންދުގެ ހުކުމް އެއަށްވުރެ ކުރު ކުރަން. އަދި ޖޫރިމަނާގެ އަދަދުތައް ވެސް އެއަށްވުރެ ކުޑަ ކުރަން،" ރައީސް ވިދާޅުވި އެވެ.
އަަޅުގަނޑުގެ މައްސަލައެއް ނޯންނާނެ އަޅުގަނޑުގެ ސަރުކާރުން ކުރާ ކަމަކާ ދޭތެރޭގަ ނޫސްވެރިން ދުވާލަކު 10 ގޮތަށް ޖެއްސެވި ނަމަވެސް،ރައީސް ޔާމީން
އެ ބިލުގައި މިހާރު ބުނެފައިވާ ގޮތުން އަބުރާ ބެހިއްޖެނަމަ ބަދަލުގެ ގޮތުގައި ނަގައިދޭންޖެހޭ ފައިސާގެ އަދަދު ފަސް މިލިއަނަށް ވުރެ ބޮޑުވެގެން ނުވާނެ ކަމަށެވެ. އަދި އެ ފައިސާ ނުދެއްކިއްޖެ ހާލަތެއްގައި އެއް އަހަރު ދުވަހަށް ވުރެ ދިގު ނޫން މުއްދަތެއް ޖަލުގައި ހޭދަކުރަންޖެހޭނެ ކަމަށް ބިލުގައި ބުނެ އެވެ.
އެ ބިލު ފަރުމާކޮށްފައިވާ ގޮތުން މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅޭނެތީ މޯލްޑިވްސް މީޑީއާ ކައުންސިލް (އެމްއެމްސީ)އިން ވަނީ އެ ބިލު މަޖިލީހަށް ހުށަހެޅުއްވި ނިހާންއާ ބައްދަލު ކުރައްވާފަ އެވެ. އަދި ބިލުގައިވާ ކަންބޮޑުވުންތައް އެޓާނީ ޖެނަރަލް މުހައްމަދު އަނިލްއާ ހިއްސާކޮށްފަ އެވެ. ނިހާން އާއި އަނިލް ބުނެފައި ވަނީ އެ ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވާއިދެއްވާނެ ކަމަށެވެ.
ނޫސްވެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް ހިމަނައިގެން، ރާއްޖޭގެ 11 މީޑިއާ ގްރޫޕަކުން 183 ނޫސްވެރިން ސޮއިކޮށްފައިވާ ޕެޓިޝަނެއް ވަނީ ސަރުކާރަށް ހުށަހަޅާފަ އެވެ.
ރާއްޖޭގެ ބައެއް މީޑިއާތަކުން މީސް މީހުންގެ އަނބުރަށް އަރައިގަންނަމުންދާ ކަމަށް އިޝާރާތްކޮށް ރައީސް ޔާމީން މިއަދު ވިދާޅުވީ ނޫސް ވިކެނީ މީހުންގެ އަބުރާ ބެހުމުގެ މިންވަރަށްކަމުގައި ހަމައެކަނި ދެކޭނަމަ އެއީ ވަރަށް ދެރަކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ ވަލިއްޔުލްއަމްރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ އަބުރު ރައްކާތެރިކުރުމަކީ އެމަނިކުފާނުގެ ޒިންމާއެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރޭގައި އޮންނަ އުސޫލުތަކުގެ ތެރޭގައި މީހުންގެ އަބުރުގެ ހައްގަށް އިހުތިރާމް ކުރަން އެބަޖެހޭ. އެހެންވީމަ މިފަހަރު ވެސް ނޫސްވެރިންގެ މިނިވަންކަމާ ދޭތެރޭގައި މިކުރެވޭ މަސައްކަތަކީ ހަގީގަތުގައި ނޫސްވެރިކަމުގެ މިނިވަންކަން ގެއްލުވާލުމެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ "އެހެން ފަރުދުންގެ އަބުރާ ބެހެވެމުންދާއިރު" ބައެއްގެ ހައްގުތަކެއް ގެއްލެމުން އަންނަކަން ކޮންމެ މީހަކު ވެސް ޒިންމާދާރުކަމާއެކު ހިޔާލަށް ގެންނަންޖެހޭ ކަމަށެވެ.
"އެހެންވީމަ ލިޔުއްވާ އެއްޗެއް ލިޔުއްވާ އިރު އަޅުގަނޑުމެން މި ދަންނަވަނީ ބައްލަވާލައްވާފަ ލިޔުއްވާށޭ. އެހެންނޫން ކަމުގައިވާނަމަ އަދަބުތަކެއް އެބަހުއްޓޭ. އެކައުންޓެބަލް ކުރުވަން އެބަޖެހެއޭ،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުން ގާނޫނުގެ އިމުން ބޭރުން ކަމެއް ކުރުމުންނާއި ރައްޔިތުންގެ މަސްލަހަތައް ގެއްލުމެއް ލިބޭ ކަމެއް ސަރުކާރުން ކުރާނަމަ އެކަމެއް ރައްޔިތުންގެ އަދި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މީޑިއާއިން މަސައްކަތް ކުރުމަކީ ވަރަށް ރަނގަޅުކަމެއް ކަމަށެވެ. އަދި އެ ގޮތަށް މީޑިއާގެ މަސައްކަތް ކުރިއަށް ގެންދެވުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވި އެވެ.