17 Apr 2016, 16:44
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތުގައި ބޭސްފަރުވާ ކުރުމުގެ މުއްދަތު 30 ދުވަހަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު އިތުރުކޮށްދީފި އެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް މުހައްމަދު ހުޝާމް މިއަދު ސަން އަށް ވިދާޅުވީ ރައީސް ނަޝީދު އިނގިރޭސިވިލާތުގައި ބޭސްފަރުވާ ކުރުމުގެ މުއްދަތު 30 ދުވަހަށް އިތުރުކުރީ ގަވާއިދުގައި ބުނެފައިވާގޮތުގެމަތިން ބޭސްފަރުވާގެ ލިޔުންތައް އެމަނިކުފާނު ހުށަހެޅުއްވުމުން ކަމަށެވެ.
ހުޝާމް ވިދާޅުވީ ބޭސްފަރުވާގެ ލިޔުންތައް ހޮސްޕިޓަލްގެ މެއިލް އެޑްރެހުން ރައީސް ނަޝީދު ކަރެކްޝަންސް އަށް ފޮނުއްވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
އޭނާ ވިދާޅުވީ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް ރައީސް ނަޝީދުގެ ގާނޫނީ ވަކީލުން މީގެ ކުރިން އެތައްފަހަރަކު އެދުނު ކަމަށާއި ނަމަވެސް އެ ހުއްދަ ކުރިން ނުދިނީ ގަވާއިދުގައި ބުނެފައިވާ ލިޔުންތައް ހުށަނޭޅުމުން ކަމަށެވެ.
ރައީސް ނަޝީދުގެ ބޭސްފަރުވާގެ މުއްދަތު 30 ދުވަހަށް މިއަދު އިތުރުކޮށްފައިވާއިރު، މިމަހުގެ ހަ ވަނަ ދުވަހު ކަރެކްޝަންސް އިން ވަނީ އެމަނިކުފާނަށް ރާއްޖެ ވަޑައިގަތުމަށް އަންގާފައެވެ. އެފަހަރު އެގޮތަށް އެންގީ ބޭސްފަރުވާގެ ލިޔުންތައް ގަވާއިދުގައި ބުނެފައިވާގޮތަށް ހުށަނޭޅުމުންނެވެ.
ސްރީލަންކާގެ ކޮލަމްބޯ އިން ރައީސް ނަޝީދު އިނގިރޭސިވިލާތައް ފުރާވަޑައިގަތީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.