17 Apr 2016, 21:34
ރާމަﷲ (އެޕްރީލް 17) : އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ ހަތްހާހަށް ވުރެ ގިނަ މީހުން އެބަތިބިކަމަށާ މިއެންމެންނަކީ ވެސް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާތީ ޖަލަށްލާފައިވާ ބައެއްކަމަށް ފަލަސްތީނުން ހާމަކޮށްފި އެވެ.
ފަލަސްތީނުގެ އަސީރުންގެ ނާދީން ބުނީ އިސްރާއީލުގެ ޖަލުތަކުގައިވާ ފަލަސްތީނުގެ އަސީރުންގެ ތެރޭގައި 400 އަންހެނުންނާއި 69 ކުޑަކުދިން އެބަތިބި ކަމަށާ މީގެތެރެއިން ބައެއް އަންހެނުންނަކީ ކެންސަރު ފަދަ ބޮޑެތި ބަލިތައް ތަހައްމަލް ކުރަމުން ގެންދާ މީހުން ކަމުގަ އެވެ. ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި ފަލަސްތީނުން ކުރާ ޖިހާދަކީ ޓެރަރިޒަމްގެ އަމަލެއްކަމަށް އިސްރާއީލުން ދެކެއެވެ. ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި އިސްރާއީލު ސިފައިންނާ ކުރިމަތިލާ މީހުންގެ ތެރެއިން ގިނަބައެއްގެ ގަޔަށް އިސްރާއީލު ސިފައިން ގެންދަނީ ބަޑިޖަހައި އެމީހުން މަރަމުންނެވެ. ނަމަވެސް ޝަރީއަތަކާނުލައި ފަލަސްތީނު ރައްޔިތުން ހައްޔަރުކޮށް އަދި ބާތިލްދައުވާތައްކޮށް ފަލަސްތީނު މީހުންގެ މައްޗަށް ދިގުމުއްދަތުގެ ހުކުމްތައް ކުރުމަކީ ވެސް އިސްރާއީލުން ވަރަށް އާންމުކޮށް ހިންގަމުން ގެންދާ ޖަރީމާއެކެވެ.
ފަލަސްތީނުގެ އަސީރުންގެ ނާދީން ނެރުނު ރިޕޯޓެއް ބުނާގޮތުން އިސްރާއީލުގެ 22 ޖަލެއްގައި ފަލަސްތީނުގެ ހަތްހާހަށް ވުރެ ގިނަ އަސީރުން ހައްޔަރުކޮށްފައިވެ އެވެ. އަދި އިސްރާއީލުން ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާ ހިފިފަހުން ފާއިތުވި 39 އަހަރު ތެރޭގައި ފަލަސްތީނުގެ މިލިޔަނަކަށް ވުރެ ގިނަމީހުން އެމީހުންގެ ހަޔާތުގެ ކޮންމެވެސް ދުވަސްވަރެއް އިސްރާއީލުގެ ޖަލުތަކުގައި ހޭދަކޮށްފައިވާކަން ވެސް މިރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ 7000 އަށް ވުރެ ގިނަ މީހުންގެ ތެރޭގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ޖަލުގައި ހޭދަކޮށްފައިވާ އަސީރުންވެސް ހިމެނެ އެވެ. ނަމަވެސް އިސްރާއީލުގެ މިއަނިޔާވެރި ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ބައިނަލްއަގްވާމީ އެއްވެސް މުއައްސަސާއަކުން ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. (އަލްޖަޒީރާ)