ރިޔާދް (އޭޕްރިލް 17): ގުއަންޓަނާމޯ ބޭގައި ތިބި ޔަމަނުގެ ނުވަ ގައިދީން ސައުދީ އަރަބިއާ އަށް ބަދަލުކޮށްފި އެވެ.

ދެހާސްއެގާރަ ވަނަ އަހަރު އަލްގައިދާ އިން އެމެރިކާއަށް ދިން ޓެރަރިސްޓު ހަމަލާތަކާ ގުޅިގެން، އެ ގައުމަށް ހަމަލާ ދޭ ބިދޭސީން ބޭތިއްބުމަށް އޭރުގެ ރައީސް، ޖޯޖް ބުޝް، ކިއުބާގައި ބިނާ ކުރެއްވި ގުއަންޓަނާމޯ ބޭގައި މިހާރު ތިބީ 80 ގައިދީންނެވެ. އޭގެ ތެރެއިން ގިނަ ގައިދީން ހައްޔަރުކޮށްފައި ވަނީ އެއްވެސް ދައުވާ އެއް ނުވަތަ ޝަރީއަތަކާ ނުލާ އެވެ.

އެމެރިކާގެ އޮފިޝަލުން ވިދާޅުވީ ސައުދީ އަރަބިއާ އިން ޔަމަނުގެ ގައިދީން އެ ގައުމަށް ގެންދިޔުމަށް އެއްބަސްވީ ޔަމަނުގެ ހާލަތު މިހާރު ހުރި ގޮތުން ކަމަށެވެ. އަދި ސައުދީއަށް ފޮނުވާލި ހުރިހާ ގައިދީން ސަރުކާރުގެ ރިހެބިލިޓޭޝަން ޕްރޮގްރާމެއްގައި ބައިވެރިކުރާނެ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

އެމެރިކާގެ ރައީސް، ބަރަކް އޮބާމާ ގެންދަވަނީ އޭނާގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން ގުއަންޓަނާމޯ ބޭ ބަންދު ކުރުމަށް މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން މިއަހަރުގެ ފެބްރުއަރީ މަހު ވައިޓް ހައުސް އިން ވަނީ ގުއަންޓަނާމޯ ބޭ ބަންދު ކުރާނެ ޕްލޭނެއް ކޮންގްރެސްއަށް ހުށަހަޅާފަ އެވެ. (ބީބީސީ)