17 Apr 2016, 17:19
ރާއްޖެ ޓީވީގެ ވީޑިއޯ ޖާނަލިސްޓް އާދަމް ޒަރީރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރި ކަމުގެ ދައުވާއާ ގުޅިގެން ވަކީލަކު އައްޔަން ކުރުމަށް ފަސް ދުވަހުގެ މުއްދަތެއް ކޯޓުން ދީފި އެވެ.
އެ މައްސަލާގައި މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ މާޗު، 25، 2015 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހުންގެ ސަފު ފަހަނައަޅައި ގޮސް ބެރިކޭޑްތަކުގައި ތަޅައި ފުލުހުންގެ ދައުރު އަދާކުރަން ދަތިކޮށްފައިވާ ކަމަށެވެ.
ދައުލަތުން ޒަރީރުގެ މައްޗަށް ކުރި ދައުވާގައި ބުނެފައި ވަނީ ޒަރީރު އެ ދުވަހުގެ މުޒާހަރާގައި އަމަލުކޮށްފައި ވަނީ މުޒާހަރާގެ ބައިވެރިއެއް ގޮތަށް ކަމަށެވެ.
ޒަރީރުގެ އިތުރުން ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ އާއީ ނޫސްވެރިޔާ ލީވާން އަލީ ނާސިރު އަދި މުހައްމަދު ވިސާމްގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ އުފުލާފަ އެވެ. އެ ދައުވާތަކާއި ގުޅިގެން ވަކީލުން އައްޔަން ކުރުމަށް ލީވާންއާ ވިސާމްއަށް ފުރުސަތުދީފައިވާއިރު ފިޔާޒުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް އަދި ބާއްވާފައެއް ނުވެ އެވެ.