05 May 2011, 11:46
މާލޭގައި ސިލްސިލާކޮށް މުޒާހަރާ ކުރަމުންދާ ފަރާތްތަކުން މިހާރު ގޮސްފައިވާ ހިސާބަށް ކަންކަން ގެންދިއުމުގެ ކުރިން ސަރުކާރާ ވާހަކަ ދެއްކުމަށް ޑިޕިއުޓީ ކޮމިޝަނާ މުހައްމަދު ރިޝްވާން ވިދާޅުވެއްޖެ އެވެ.
ދި ޓީވީ އަށް ރޭ ދެއްވި އިންޓަވިއުއެއްގައި ރިޝްވާން ވިދާޅުވީ ފުރަތަމަ ސަރުކާރާ ވާހަކަ ދައްކައިގެން ހައްލު ހޯދަން ޖެހޭ ކަމަށާއި އެގޮތުން ހައްލެއް ނުހޯދިއްޖެ ނަމަ، އެ އަށް ފަހު މުޒާހަރާ ކުރެވިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ސަރުކާރުން އަޑު ނާހައިފި ނަމަ ރަށުތެރެ އަށް އަރައިގެން ދުވަން ވެސް ދުވެވިދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ނަމަވެސް މިހާރު ކަންތައް ވަމުން މިދަނީ އެހެނެއް ނޫން. މިހާރު މިއީ ޕަބްލިކް ޑިސް އޯޑާއެއް،"
ރިޝްވާން ވިދާޅުވީ ރައްޔިތުންނަށް ގާނޫނީ ގޮތުން ލިބިފައިވާ މިނިވަންކަން ބޭނުން ވަރަކަށް އެކްސަސައިޒް ކުރުމަކީ ފުލުހުން އެދޭ ކަމެއް ކަމަށާއި ހާމަ ތަންތަނުގައި އެއްވުންތައް ބާއްވާ ނަމަ ޝުއޫރު ފާޅުކުރަން ނުކުންނަ ރައްޔިތުންނަށް ހިމާޔަތް ވެސް ދެއްވާނެ ކަމަށެވެ.
"އަޅުގަނޑުމެން މިދަންނަވަނީ ހަމަ އެބޭފުޅުން އެބޭފުޅުންނަށް ގާނޫނުން ލިބިފައި އޮންނަ މިނިވަންކަން ހަމަ ބޭނުން ވަރަކަށް އެކްސެސައިޒް ކުރައްވާށޭ،" ރިޝްވާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހެދިގޮނޑުދޮށް ފަދަ ހާމަ ތަންތަނުގައި ތިބެގެން ކިތަންމެ އިރަކު ތިބި ނަމަވެސް މުޒާހަރާ ކުރާ މީހުންނަށް ސެކިއުރިޓީ ދޭނެ ކަމަށާއި ނަމަވެސް ރަށުތެރެއަށް އަރައި ތަންތާ އަލިފާން ރޯކޮށް ރައްޔިތުންގެ މުދަލަށް ގެއްލުންދޭ ނަމަ ފުލުހުން އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށެވެ.
ވޭތުވެ ދިޔަ ފަސްރޭ މަތީން މާލޭގައި ޒުވާނުން މަގުތައް މައްޗަށް ނުކުމެ މުޒާހަރާކުރަމުން އަންނަނީ ޑޮލަރުގެ އަގުބޮޑުވެ، ކާބޯތަކެތީގެ އަގުތައް އަތްފޯރާ ފަށަށްވުރެ މައްޗަށް އުފުލޭތީ ކަމަށް ބުނެ އެވެ.