މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ކުދި ޓީމުތައް އަތުން ގިނަ ޕޮއިންޓުތަކެއް ގެއްލުވާލި ކަމަށް އެ ކްލަބުގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

ޕްރިމިއާ ލީގުގައި މިއަދު އާސެނަލްއިން ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމު އޮތީ ލީގުގެ ހަތަރު ވަނައިގަ އެވެ. ލީގުގެ އެއްވަނާގައި އޮތް ލެސްޓާ ސިޓީ އާއި އާސެނަލްއާ ދެމެދު 13 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

މި ސީޒަނުގެ ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސްގެ ދަނޑުގައި ކުރިން ކުޅުނު މެޗުން އާސެނަލް ވަނީ 2-1 ލަނޑުން މޮޅުވެފަ އެވެ.

"އަހަރެމެންގެ ސީޒަނަށް ބަލާއިރު، އަހަރެމެން ވާނީ ބޮޑެތި ޓީމުތަކާ ދެކޮޅަށް ނުކުމެ، އެހެން އެއްވެސް ޓީމަކަށްވުރެ ރަނގަޅު ނަތީޖާތަކެއް ހޯދާފައި. އެކަމަކު ޕްރެޝަރެއް ނެތި ކުޅެމުންދިޔަ އިރު، އަހަރެމެންނަށް ކުދި ޓީމުތައް އަތުން ގިނަ ޕޮއިންޓްތަކެއް ގެއްލުނު،" އާސެނަލްގެ ކޯޗު ވެންގާ ބުންޏެވެ.

ވެންގާ ބުނީ، ކޮންމެ މެޗެއްގައި ވެސް ކުޅުންތެރިން ކައިރީ ރަނގަޅު ކުޅުމެއް ދައްކައި، އެންމެ ފަހު ވަގުތާ ޖެހެންދެން މޮޅުވާން މަސައްކަތް ކުރުމަށް ނަސޭހަތްތެރިވާ ކަމަށެވެ.

އެންމެ ފަހުން ޕްރިމިއާ ލީގުގެ ތަށްޓެއް އާސެނަލްއިން އުފުލާލާފައި ވަނީ 2004 ވަނަ އަހަރު އެވެ.