ދިވެހި ރާއްޖޭގައި ހުރި ކުރީގެ ހަ މިސްކިތެއް ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމަނާފައިވާ ކަމަށް ދިވެހި ރާއްޖޭގެ ތަރިކައާ ގުޅޭ މަސައްކަތްތައް ކުރަމުން އަންނަ އިދާރާ ނުވަތަ ޑިޕާޓްމަންޓް އޮފް ހެރިޓޭޖް އިން ބުނެފި އެވެ.

އެ އިދާރާގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ، ތަރިކަ ހިމާޔަތްކުރުމުގެ ގޮތުން އެ އިދާރާ އިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެންމެ ފާހަގަކުރެވޭ ކަމެއްގެ ގޮތުގައި، ދިވެހި ރާއްޖޭގެ ހަ މިސްކިތެއް ވަނީ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމަނާފައި ކަމަށެވެ.

އޮފިޝަލް ވިދާޅުވީ، އެ މިސްކިތްތަކަކީ އދ. ފެންފުށީގައި ހުންނަ އާސާރީ މިސްކިތާއި ހއ. އިހަވަންދޫގައި ހުންނަ އާސާރީ މިސްކިތާއި ލ. އިސްދޫގައި ހުންނަ އާސާރީ މިސްކިތާއި ރ. މީދޫގައި ހުންނަ އާސާރީ މިސްކިތް ނުވަތަ އެ ރަށު މީހުންގެ ބަހުން ނަމަ "ބާމިސްކިތް" އަދި މާލޭ ހުކުރު މިސްކިތާއި މާލޭ އީދު މިސްކިތް ކަމަށެވެ.

މާދަމާއަކީ ދުނިޔޭގެ ތަރިކައިގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެވެ.

އެ ދުވަހާ ގުޅިގެން ހެރިޓޭޖް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ، ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމަނާފައިވާ ހަ މިސްކިތަކީ ދިވެހިންގެ ފަންނުވެރިކަމާއި މަސައްކަތްތެރިކަން މަތީފެންވަރަކަށް ފެންނަން ހުރި މިސްކިތްތަކެއް ކަމަށެވެ.

އެކަމާ ގުޅިގެން ކަމާބެހޭ، ރާއްޖެ އިން ބޭރުގެ މާހިރުން ރާއްޖެއަށް އައިސް އެތަންތަން ދިރާސާކޮށް، ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އެ ޑިޕާޓްމަންޓުން މައުލޫމާތުދެ އެވެ.