17 Apr 2016, 15:41
އިންޑިއާ ކަނޑުގައި އުޅޭ ރީނދޫ އުރަހަ ކަންނެލި (ޔެލޯ ފިން ޓޫނާ)ގެ ސްޓޮކު މަދުވަމުން ދާތީ، ރާއްޖޭގައި ބާނާ ރީނދޫ އުރަހަ ކަންނެއްޔަށް މެރިން ސްޓިވަޑްޝިޕް ކައުންސިލުން ދޭ ސެޓްފިކޭޓް ދިނުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
ފިޝަރީޒް މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އިންޑިއާ ކަނޑުގައި އުޅޭ ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކު މަދުވަމުން ދަނީ، ބޮޑު ދަލުގައި ކުރާ މަސްވެރިކަމުގައި، ފުރާވަރަށް ނާރާ ކުދި ކަންނެލި ހިފެމުން ދާތީ ކަމަށާއި އެގޮތަށް ކަންތައް ދިމާވަނީ އެކަމުގެ ތެރެއިން، އޮޔާ ދާ ގޮތަށް ދޫކުރެވޭ އޮއިވާލި ކަނދުފަތީގެ އަދަދު އިތުރުވަމުން ދާތީ ކަމަށެވެ.
އަދި އިންޑިއާ ކަނޑުގައި ގާނޫނުތަކާއި ގަވައިދާ ޚިލާފަށް، ބެލެހެއްޓުމެއް ނެތި ކުރާ މަސްވެރިކަމުގައި ވެސް ގިނަ އަދަދަކަށް ރީނދޫ އުރަހަ ކަންނެލި ހިފާކަން ފާހަގަވެފައިވާ ކަމަށާއި، ގާނޫނާއި ގަވައިދާ ޚިލާފަށް ކުރެވޭ މަސްވެރިކަމުގައި އަހަރަކު 1.3 ބިލިޔަން ޑޮލަރުގެ މަސް އެ ކަނޑުން ނަގާކަމަށް ލަފާ ކުރެވޭ ކަމަށް ފިޝަރީޒް މިނިސްޓްރީ އިން ބުނެ އެވެ.
އެހެން ނަމަވެސް ރާއްޖޭގައި ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަން ބޭނުންކުރަނީ ދޮށި ބޭނުންކޮށްގެންނެވެ. އަދި ރީނދޫ އުރަހަ ކަންނެއްޔަށް ސެޓްފިކޭޓް ދިނުން ވަގުތީ ގޮތުން މެދުކަނޑާލީ، ރާއްޖޭގެ މަސްވެރިންގެ އަމަލުތަކެއް ހުރި ގޮތަކުން ނޫން ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
ފިޝަރީޒް މިނިސްޓްރީގެ ބަޔާނުގައި ބުނީ، މިއަހަރުގެ މެއި މަހު އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނުގެ އަހަރީ ޖަލްސާގައި، ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކު އިއާދަ ކުރުމަށް ފިޔަވަޅު އެޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށާއި ގޮތެއް ނިންމުމަށް ތާވަލު ކޮށްފައިވާ ކަމަށެވެ.
އަދި ސެޓްފިކެޓު ލިބުމަކީ ރާއްޖޭގެ މަސްވެރިންނަށާއި މަސްވެރިކަމުގެ ސިނާއަތަށް ވެސް މުހިންމު ކަމަކަށް ވީހިނދު، ސެޓްފިކޭޓް ދެމެހެއްޓުމަށް ކުރަން ޖެހޭ މަސައްކަތްތައް މިނިސްޓްރީން ކުރަމުންދާ ކަމަށާއި، ކަންނެލި ސްޓޮކު އިތުުރު ކުރުމަށް ރީބިލްޑިންގް ޕްލޭނެއް ވެސް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނުގެ އަހަރީ ޖަލްސާއަށް ހުށަހެޅުމަށް ތައްޔާރު ވަމުންދާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
"އެހެން ނަމަވެސް ސްޓޮކް އިތުރުކުރުމަށް ފިޔަވަޅެއް އެޅޭނީ އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނުގެ 32 ގައުމު އެކަމަށް އެއްބަސްވުމުން،" ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.
ރީނދޫ އުރަހަ ކަންނެއްޔާއި އެ މަހުގެ ބާވަތްތަކަކީ ރާއްޖެ އިން ބޭރުގެ ގައުމުތަކަށް އެންމެ ގިނައިން އެކްސްޕޯޓު ކުރާ މުދަލެވެ. ކަސްޓަމްސްގެ މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ވެސް، މިދިޔަ މަހު ރާއްޖޭގެ އެކްސްޕޯޓުގެ 59 ޕަސެންޓް ހިއްސާ ކުރަނީ ރީނދޫ އުރަހަ ކަންނެއްޔާއި އެމަހުގެ ބާވަތްތަކެވެ.
ނިމިދިޔަ މާޗު މަހު ރާއްޖެ އިން ވަނީ 103 މިލިޔަން ރުފިޔާގެ ރީނދޫ އުރަހަ ކަންނެއްޔާއި ކަންނެލީގެ ބާވަތްތައް އެކްސްޕޯޓު ކޮށްފަ އެވެ.