17 Apr 2016, 18:22
ކުޅިވަރު އެސޯސިއޭޝަންތަކުން ސުކޫލްތަކަށް އަމާޒް ކޮށްގެން ކުރިއަށް ގެންދާ އިންޓާ ސްކޫލް ކުޅިވަރު މުބާރާތްތައް އަވަސް އަރުވާލައިގެން ހުރިހާ މުބާރާތްތަކެއް އެއްކޮށް ކުރި އަށް ގެންދިއުމުން ވާނެ ފައިދާއެއް ނެތް ކަމަށް ރާއްޖޭގެ އޮލިމްޕިކް ކޮމެޓީގެ ޖެނަރަލް ސެކެޓްރީ އަހުމަދު މަރުޒޫގު (މަރޭ) ވިދާޅުވެއްޖެއެވެ.
މަރޭ "ސަން"އަށް ވިދާޅުވީ ސުކޫލްތަކުގައި ހަރަކާތްތެރިވާ ކުދިންނަށް އެ ކުދިންގެ ހުނަރަ ދަށްކާލަން އިންޓާ ސްކޫލް ކުޅިވަރު މުބާރާތަކީ ވަރަށް މުހިންމު ހަރަކާތެއް ކަމަށާއި ނަމަވެސް މިހާރު އެ ހަރަކާތް ކުރިއަށް ގެންދަނީ ނަމެކަށް ކަމަށެވެ.
"ކަމަކަށް ކަމެއް ކުރާ އުސޫލުން މިހާރު އިންޓާ ސްކޫލް ކުޅިވަރު މުބާރާތް ކުރިއަށް ގެންދަނީ. ގާތްގަޑަކަށް ހަތަރު މަސް ތެރޭގައި ހުރިހާ އެސޯސިއޭޝަންތަކެއްގެ މުބާރާތްތަށް ބާއްވާ ނިންމާލާ. އެއަށް ފަހު ދެން ނޯވޭ އެއްވެސް ކަހަލަ ކުޅިވަރު ހަރަކާތެއް،" މަރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަހަރުގެ ފުރަތަމަ ހަތަރު މަހުގެ ތެރޭގައި ޒުވާން ކުދިންނަށް ބާއްވާ ކުޅިވަރު ހަރަކާތްތައް ނިންމާލުމުން އެކި ފަންނު ތަކުން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށް އެ ކުދިންގެ ހުނަރު ދައްކާލައި އެ ހުނަރު އިތުރަށް ތަރައްގީ ކުރުމުގެ ދޮރު މުޅިން ބަންދު ވެގެންދާ ކަމަށެވެ.
"އިތުރަށް ކުރިއަށް ދާން ބޭނުންވާ ދަރިވަރުން ޖެހެނީ ރުފިޔާ ޚަރަދު ކޮށްގެން ކޮންމެ ވެސް އެކަޑަމީ އަކާ ގުޅިގެން ކުރިއަށް ދާން. ނަމަވެސް ހުރީހާ ބެލެނިވެރިންނަކީ އެ ފަދަ ތަނަވަސަ ކަން ހުރި ދަރިވަރުންނެއް ނޫން. ހުނަރު ހުރި ނަމަވެސް އެ ކުދިންނަށް ކުރިއެރުމުގެ ދޮރު ބަންދުވީ އެ ހިސާބުން،" މަރޭ ވިދާޅުވިއެވެ.
ރާއްޖޭގެ ކުޅިވަރި އެސޯސިއޭޝަން ތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ އޮލިމްޕިކް ކޮމެޓީގެ ޖެނަރަލް ސެކެޓްރީ މަރޭ ވިދާޅުވީ ކުރިން އޮންނަ ގޮތުން އަހަރުގެ ފުރަތަމަ ކޮޅު އިންޓާ ކުލާސް ކުޅިވަރުތައް ބޭއްވުމަށް ފަހު އެންމެ މޮޅެތި ދަރިވަރުން އިންޓާ ސްކޫލް މުބާރާތަށް ނަގާ އިރު މިހާރު އަމަލު ކުރަނީ އެއާ މުޅިން އިދިކޮޅަށް ކަމަށެވެ.
"ކުރީ އަހަރުތަކަށް ވުރެން މިއަހަރު އަދިމާ ގޯސް. ފުޓްބޯޅަ، ބާސްކެޓްބޯޅަ، ރާޒުވާ، ޓެނިސް، ސުވިމިން، ކުރިކެޓް، ހޭންޑް ބޯލް އެއްކޮށް ކުރިއަށް ގެންދާތީވެ ދެ ކުޅިވަރެއްގައި އެއް ކުޅުންތެރިއަކަށް ބައިވެރިވުމުގެ ފުރުސަތު ވެސް ގެއްލޭ،" މަރޭ ވިދާޅުވި އެވެ.