17 Apr 2016, 15:32
ހައްޖަށް ގެންގޮސްދޭނެ ކަމަށްބުނެ ބަޔަކަށް އޮޅުވާލައިގެން ފައިސާ ހޯދި މައްސަލައިގައި އެސްބީޓީ ހައްޖު އުމުރާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ އަބްދުﷲ ބާގިރު އަހުމަދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ހިޔާނާތްތެރިވުމުގެ ދައުވާ ސާބިތުވެ އޭނާ އެއް އަހަރާއި ހަތްމަހާއި ހަ ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އެސްބީޓީ ހައްޖު ގުރޫޕޫ މެދުވެރިކޮށް ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ މ. ވެންކޫވަރު އަލީ ރަޝީދުއާއި މ. ލޭންޑްއޮފްގާޑްން ޒުލްފާގެ އިތުރުން މ. ވެންކޫވަރު މަރިޔަމް ސަމާ ހައްޖަށް ދިއުމަށް ޓަކައި ފައިސާދެއްކި ނަމަވެސް ހައްޖަށް ދެވޭނެ ގޮތް ހަމަޖައްސައި ނުދީ ދެއްކި ފައިސާގެ ތެރެއިން އެއްބައި އެމީހުންނާ ހަވާލު ނުކުރާ ކަމަށް ބުނެ ފުލުހުންނަށް މައްސަލަ ހުށަހެޅީ 25 ޖޫން 2013 ވަނަ ދުވަހު އެވެ.
އެމައްސަލަ ބަލައި މިއަދު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ މައްސަލަ ހުށަހެޅި ފަރާތްތަކުގެ ތެރެއިން މ. ވެންކޫވަރު އަލީ ރަޝީދު ހައްޖަށް ދިއުމަށްޓަކައި ބާގިރުއާ 208000 ރުފިޔާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ހައްޖަށް ގެންގޮސްނުދީ އޭގެތެރެއިން 138000 ރުފިޔާ އަނބުރާ ރަޝީދުއާ ހަވާލުކޮށްފައި ނުވާކަމަށް ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާ ތަކުން ޝަރީއަތަށް ސާބިތުވާކަމަށްވެސް ހުކުމުގައި ބުނެފައިވެ އެވެ.
ބާގިރުގެ މައްޗަށް ހިޔާނާތުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ހުކުމްކޮށްފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 210 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ އެ ގާނޫނުގެ 1002 ވަނަ މާއްދާގެ ދަށުންނެވެ.
އެމައްސަލައިގައި ހިމެނޭ ބަދަލުގެ ބައި ހޯދުމަށް މަދަނީ މައްސަލައެއްގެ ގޮތުގައި ހުށަހެޅުމަށް މިއަދު ކުރި ހުކުމުގައި ވަނީ ބުނެފަ އެވެ.