ރާއްޖޭގެ ކޯޓުތަކުގައި ތިއްބެވި ފަނޑިޔާރުންނާ މެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ގއ. ކަނޑުހުޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޔާމީން މިއަދު ވިދާޅުވީ ރާއްޖޭގެ ބައެއް ފަނޑިޔާރުންނަކީ ފަސްޓް ޑިގްރީ ނެތް ބައެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލަކު ބައިނަލްއަގުވާމީ މީޑިއާގައި ވިދާޅުވެފައިވާ ކަމަށެވެ. އަދި ކަނޑުހުޅުދޫ ފަދަ ރަށްރަށުގެ ރައްޔިތުންނަށް އަދުލުއިންސާފު ރަނގަޅު ކަމުގައިވާއިރު، އެހެންމީހުންނަށް އަދުއިންސާފު ރަނގަޅުނުވެގެން އުޅެނީ ކީއްވެތޯ ވިދާޅެ ރައީސް ވަނީ ސުވާލު އުފައްދަވާފައެވެ.

"ހަމަގައިމުވެސް ކަނޑުހުޅުދޫގަ ބިމުގެ މައްސަލަތައް މިތަނުގައި ހުރި މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާނެ. އަޅުގަނޑުމެންގެ ދަރަނީގެ މައްސަލަތައް ހުށަހަޅާނެ. އަޅުގަނޑުމެން ދޭދޭ މީހުންނަށް އެލިބޭ އިންސާފު ރަނގަޅު ކަމަށް ވަންޏާ ކީއްވެގެންތޯ އިންސާފު އެހެން މީހުންނަށް ގަބޫލު ނުކުރެވިގެން މިއުޅެނީ. އެހެންވީމަ އަޅުގަނޑުމެންގެ ރާއްޖޭގައި ތިބޭ ފަނޑިޔާރުންނާ މެދު އަޅުގަނޑު ފަރުޚުރުވެރިވަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، ރައީސް ނަޝީދަށް ވެސް އިންސާފު ލިބިވަޑައިގަންނަވާނީ އެމަނިކުފާނު މާލެ ވަޑައިގެން އަދުލުގެ ނިޒާމު ގަބޫލުކޮށް އިންސާފާހަމައަށް ވަޑައިގަތުމުން ކަމަށެވެ.

"އެހެންވީމަ ރާއްޖޭގެ ފަނޑިޔާރުންގެ ފަސްޓް ޑިގްރީ ނެތްވާހަކަ ދައްކާފަ ކިހިނެތްތޯ ރައީސް ނަޝީދަށް އިންސާފު ލިބިވަޑައިގަންނަވާނީ. ނޫން. ރައީސް ނަޝީދަށް ވެސް އިންސާފު ލިބިވަޑައިގަންނަވާނީ ރައީސް ނަޝީދު ވެސް މާލެ ވަޑައިގެން އަޅުގަނޑުމެންގެ އަދުލުގެ ނިޒާމް ގަބޫލުކުރައްވައިގެން އަދުލުގެ ނިޒާމް ދައްކައިދޭ މަގުން ހިންގަވައިގެން އިންސާފާ ހަމައަށް ވަޑައިގަތީމަ،" ރައީސް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ މައްސަލަ މިހާރު ސުޕްރީމް ކޯޓުގައި އޮތްއިރު ދިފާއުގައި ވާހަކަދައްކަން ބޭނުންވާނަމަ އެމަނިކުފާނު އެވާހަކަތައް ދައްކަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމަށްޓަކައި ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވާފަދަ މޭރުމަކުން ރައީސް ޔާމީން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.