ޗެކް ބައުންސް މައްސަލަތަކުގައި ޗެކުގައިވާ އަދަދަށް ފައިސާ ދެއްކުމަށް ދޭ ހަތް ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައި ފަަހުގެ މަރުހަލާއެއްގައި ފައިސާދެއްކިޔަސް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވަން ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފް ނިންމަވައިފި އެވެ.

ސީޕީ އަރީފް އެގޮތަށް ނިންމެވީ ފައިސާ ލިބެންޖެހޭ ފަރާތުގެ ކުށެއް ނެތި އިންސާފު ލިބުން ވެސް ލަސްވަމުންދާތީ ކަމަށް ފުލުހުން ބުންޏެވެ. މީގެ ކުރިން ޗެކްބައުސް މައްސަލަތަކުގައި ފުލުހުން އަމަލުކުރާ ގޮތުން ބައެއް ފަރާތްތަކުން ގަސްތުގައި ޗެކްގެ ބޭނުންކުރުމަށްފަހު ޗެކް ބައުންސްވިކަން އަންގާ ލިޔުމާއި ހަވާލުވާން އިންކާރު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

"އެކައުންޓްގައި ފައިސާ ނެތި ތަކުރާރުކޮށް އެކި ފަރާތްތަކަށް ޗެކް ދޫކުރާ ފަރާތްތަކުން، އެ ފަރާތަށް ފައިސާ ދެއްކުމަށް ދެވޭ ހަތް ދުވަސް ތެރޭ ފައިސާ ނުދައްކައި ފަހުގެ މަރުހަލާއެއްގައި ޗެކްގައިވާ އަދަދަށް ފައިސާ ދެއްކި ނަމަވެސް އެ ފަރާތުގެ މައްޗަށް ޖިނާޢީ ކުށުގެ ދައުވާ ކޮށްދެއްވުން އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ވަނީ ނިންމާފައި" ފުލުހުންގެ ބަޔާޏުގައި ބުނެފައިވެ އެވެ.

މިހާރު ފުލުހުން ގެނައި ބަދަލާ ގުޅިގެން ޗެކް ދޫކުރި ފަރާތަށް އެޗެކު ބައުންސްވިކަން އެންގުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައިވާނަމަ ފުލުހުން މައްސަލަ ބަލައިގަންނާނެ އެވެ. އެއީ ޗެކް ބައުންސްވިކަން އަންގަން ކުރާ މަސައްކަތަށް ޗެކް ދޫކުރި ފަރާތުން އެއްވެސް ބާވަތެއްގެ ހުރަހެއް އަޅައިފިނަމަ ނުވަތަ ޗެކް ދޫކުރުމަށްފަހު ޗެކް ދޫކުރި ފަރާތުން ފިލައިގެން އުޅޭކަމަށް ބެެލެވޭ ނަމަވެސް ކަން ހިނގާނެ އުސޫލުކަމަށް ފުލުހުން ބުންޏެވެ.

"މިގޮތުން ބަލައިގަނެވޭ މައްސަލަަތަކުގައި، ޗެކް ދޫކުރި ފަރާތަށް މައްސަލަ ހުށަހެޅި ފަރާތުން އަންގަންޖެހޭ އެންގުން އެންގުމުގައި ފުލުހުން މެދުވެރިއެއްގެ ދައުރު އަދާކުރާނެ،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޗެކް ބައުންސް މައްސަލަތައް ތަހުގީގުކުރުމުގެ ސިޔާސަތަށް ބަދަލުގެންނަން ޖެހުނީ، ޗެކްބައުންސް މައްސަލަތަކުގައި ފައިސާ ލިބެންވާ ފަރާތުން ފައިސާ ހޯދަން ކުރަންޖެހޭ މަސައްކަތްތައް ދިގުލައިގެންގޮސް، އެފަދަ މީހުންގެ ހައްގުތައް ގެއްލި ބޮޑެތި ގެއްލުންތައް ލިބެމުންދާތީ ކަމަށް ފުލުހުން ބުންޏެވެ.

ޗެކް ބައުންސް މައްސަލަތަކާއި ގުޅިގެން ފުލުހުން ގާއިމް ކުރި އުސޫލަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.