05 May 2011, 11:32
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ބައެއް ކެންޑިޑޭޓުންނަށް ކެމްޕޭނު ކޮށްދެއްވުމުގެ ތުހުމަތުގައި ސަސްޕެންޑްކޮށްފައިވާ އެމްޑީޕީގެ ސެކްރެޓެރީ ޖެނެރަލް ހަސަން ޝާހު އަލުން އަނބުރާ ވަޒީފާ އަށް ނުކުތުމުގެ ހުއްދަ ދެއްވައި އޭނާ ވަޒީފާ އަށް ނުކުންނަވަން ފައްޓަވައިފި އެވެ.
ޝާހު ވިދާޅުވީ، އޭނާ ސެކްރެޓެރީ ޖެނެރަލްގެ ވަޒީފާ އަށް ހޯމަ ދުވަހުން ފެށިގެން ނުކުންނަވަން ފެއްޓެވީ، ނިމިގެންދިޔަ އިންތިހާބުގައި ޗެއާޕާސަންގެ ނައިބު (އިދާރީ) އަކަށް ހޮވިވަޑައިގެންނެވި މުހައްމަދު އިމްތިޔާޒް ގުޅުއްވައިފައި އޮފީހަށް ނުކުންނެވުމަށް އެންގެވުމުން ކަމަށެވެ. އަދި އެކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމުގައި ޕާޓީގެ ޗެއާޕާސަން މާރިޔާ އަހްމަދު ދީދީ ވިދާޅުވެފައިވާ ކަމަށް ވެސް އިމްތިޔާޒާ ހަވާލާދީ ޝާހު ވިދާޅުވި އެވެ.
ޝާހުގެ މައްޗަށް ތުހުމަތުކުރެވުނީ ޕާޓީގެ ނައިބު ރައީސަކަށް ކުރިމަތިލެއްވި އަލްހާން ފަހުމީއަށް ކެމްޕޭނުކޮށްދެއްވި ކަމަށެވެ. ނަމަވެސް، އޭނާ ވިދާޅުވަނީ، އަލްހާނަށް ކެމްޕޭނުކޮށްނުދެއްވާ ކަމަށެވެ.
އަދި އިންތިހާބަށް އެއް ދުވަހަށް ވެފައިވަނިކޮށް އޭނާގެ ކިބައިން ސެކްރެޓެރީ ޖެނެރަލްގެ ހުރިހާ މަސްއޫލިއްޔަތުތައް ވަކިކުރުމަށް ނިންމި ނިންމުމާ މެދު މިއަދު އެއްވެސް މައްސަލައެއް ނެތް ކަމަށް ޝާހު ވިދާޅުވި އެވެ. އެއީ އޭނާގެ މައްޗަށް ވޯޓު އޮޅުވާލުމުގެ އެއްވެސް ތުހުމަތެއް ކުރުމުގެ ޖާގަ މިއަދު ނެތުމުން ކަމަށެވެ.