ރެއާލް މެޑްރިޑުގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ރެސްޓު ދިނުމުގެ ބޭނުމެއް ނެތް ކަމަށް އެކްލަބުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ޖަރުމަނުގެ ވުލްފްސްބާގު އަތުން 2-0 ލަނޑުން ބަލިވެފައި ވަނިކޮށް، ސެމީ ފައިނަލަށް ރެއާލް ދަތުރުކުރީ ކުއާޓާގެ ދެވަނަ ލެގުގައި ރޮނާލްޑޯ ކާމިޔާބުކުރި ހެޓްރިކާއެކު މޮޅުވެ، 3-2 ލަނޑުގެ އެގްރިގޭޓުންނެވެ.

ސްޕެނިޝް ލަލީގާގައި ގެޓާފޭއާ ދެކޮޅަށް ކުޅެ، 5-1 ލަނޑުން މޮޅުވި މެޗުގައި ވޭލްސް ތަރި ގެރެތު ބޭލް އާއި، ފްރާންސް ފޯވަޑް ކަރިމް ބެންޒެމާ އަށް ރެސްޓު ދިނުމުގެ ގޮތުން ބޭލި ނަމަވެސް، ރޮނާލްޑޯއަށް ރެސްޓު ދިނުމަށް ނުވިސްނާ ކަމަށް ޒިދާން ބުނެ އެވެ.

"އަހަރެމެން ބެންޒެމާ އަދި ބޭލް އަށް ރެސްޓް ދިނިން. އެކަމަކު ރޮނާލްޑޯއަކަށް ރެސްޓެއް ނުދެން. އޭނާ ރަނގަޅަށް ކުޅެމުންދިޔައީ. އެހެންކަމުން އޭނާ އަށް ރެސްޓު ދިނުމުގެ ބޭނުމެއް ނެތް،" ޒިދާން ބުންޏެވެ.

ރެއާލް އިން ދަނީ ސްޕެނިޝް ލަލީގާ އާއި ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް މަސައްކަތް ކުރަމުންނެވެ. ގެޓާފޭ އަތުން އިއްޔެ މޮޅުވެ، ސްޕެނިޝް ލަލީގާގައި ރެއާލްއިން ވަނީ ބާސެލޯނާއާ ދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްފައެވެ. ނަމަވެސް ރެއާލް އިން ވަނީ ބާސާއަށް ވުރެ، އެއް މެޗު އިތުރަށް ކުޅެފަ އެވެ.