އަޑިސް އަބާބާ (އޭޕްރިލް 17): ހަތިޔާރު އަޅައިގެން ތިބި ދެކުނު ސޫދާނުގެ ބަޔަކު، ސޫދާނާއި އިތިއޯޕިއާއާ ގުޅޭ ސަރަހައްދުގައި އޮންނަ އިތިއޯޕިއާއަށް ނިސްބަތްވާ ރަށެއްގެ 140 އާއްމުން މަރާލައި، މަދުވެގެން 39 ކުޑަކުއްޖަކު ވަގަށް ނަގައިފި ކަމަށް އިތިއޯޕިއާ އިން ބުނެފި އެވެ.

އިތިއޯޕިއާގެ ކޮމިއުނިކޭޝަންސް މިނިސްޓަރު، ގެޓަޗިއު ރެޑާ ވިދާޅުވީ ހަމަލާ ދިނީ ދެކުނު ސޫދާނުގެ މުރުލޭ ގަބީލާ އިން ކަމަށެވެ. އަދި ހަމަލާ ދިން މީހުން ހޯދުމުގެ މަސައްކަތް ސަލާމަތީ ފައުޖުތަކުން މިހާރު ކުރަމުންދާ ކަމަށާއި، އޭގެ ތެރެއިން 60 މީހަކު މަރާލާފައިވާ ކަމަށް ވެސް ރެޑާ ވިދާޅުވި އެވެ.

ދެކުނު ސޫދާނާއި އިތިއޯޕިއާއާ ދެމެދު އޮންނަ ބޯޑަރު ހުރަސް ކުރުމަށް ފަހު ދެގައުމުގެ ރައްޔިތުން އެއްގައުމުން އަނެއް ގައުމަށް ދަތުރު ކުރުމަކީ އާއްމު ކަމެއް ކަމަށް އިންޓަނޭޝަނަލް ރިލޭޝަންސްގެ ޕްރޮޕެސަރެއް ކަމަށްވާ ޑޭވިޑް ޝިން ވިދާޅުވި އެވެ. ނަމަވެސް، ނަސްލީ ތަފާތު ކުރުންތަކާ ހެދި ދެގައުމުގެ މެދުގައި ހަމަނުޖެހުންތައް އުފެދުމަކީ އާއްމު ކަމެއް ކަމަށްވެސް ޝިން ވިދާޅުވި އެވެ.

އެހަމަލާއާ ބެހޭ ގޮތުން ދެކުނު ސޫދާނުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ. (ބީބީސީ)