17 Apr 2016, 13:22
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލު މަހުފޫޒު ސައީދު މަރާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާކޮށްފައިވާ މީހުންގެ ޝަރީއަތުގެ އަޑުއެހުން މިއަދު 10:00 ޖަހާއިރަށް ތާވަލު ކުރުމަށް ފަހު ކެންސަލްކޮށްފި އެވެ.
މިއަދު އެ މައްސަލަ ކެންސަލްކޮށްފައި ވަނީ މައްސަލާގައި ދައުވާ ލިބޭ މީހުންނާއި ވަކީލުން އަދި ނޫސްވެރިން ވެސް ކޯޓު ރޫމަށް ވެއްދުމަށް ފަހު އެވެ. ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ކެންސަލްކުރީ މައްސަލަ ބަލާނެ ސެކްޝަނަކާއި ގާޒީއެއް ހަމަ ނުޖެހޭތީ ކަމަށެވެ.
މަހުފޫޒަށް ހަމަލާދިން މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ އަހުމަދު ރާއިދު އާއި ޚާލިދު ނަފީއު އާއި ފިރާޒު ޖައުފަރުގެ މައްޗަށެވެ.
އެ ތިން މީހުންގެ ތެރެއިން ރާއިދުގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރަން އުޅުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ އުފުލާފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ބ) ގެ ދަށުންނެވެ.
އެ މާއްދާގައި ބުނެފައި ވަނީ ތޫނުއެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މީހަކު މަރަން އުޅުމަކީ ނުވަތަ މަރަން އެހީތެރިވެދިނުމަކީ ނުވަތަ އެއްވެސް ސިފައެއްގައި އެކަމުގައި ބައިވެރިވުމަކީ ކުށެއް ކަމަށެވެ.
ޚާލިދު ނަފީއު އާއި ފިރާޒު ޖައުފަރުގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލަން އުޅުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
އެ މައްސަލާގައި ތުހުމަތު ކުރެވޭ ހަތަރު ވަނަ މީހާ ކަމުގައިވާ ރ. އިނގުރައިދޫ، ކަރަންކާގޭ އުމުރުން 23 އަހަރުގެ ޝަފްރާޒު އިބްރާހީމް ހޯދުމަށް އިންޓަޕޯލުން ވަނީ ރެޑްނޯޓިސް ނެރެފަ އެވެ. ނަމަވެސް އަދިވެސް އޭނާ ނުފެންނަ ކަމަށް ފުލުހުން ބުންޏެވެ.
މަހުފޫޒުގެ ބޮލުގެ އަރިމައްޗަށް ވަޅި ހެރުމުގެ ސަބަބުން ލިބުނު ސީރިއަސް ޒަޚަމްތަކަށް އައިޖީއެމްއެޗާއި ސްރީލަންކާގެ ހޮސްޕިޓަލަކުން ވަނީ ފަރުވާ ހޯދާފަ އެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު މަހުފޫޒުގެ ބޮލުގެ އަރިމައްޗަށް ހެރި ވަޅި ވަނީ ދެ އިންޗި ފުންމިނަށް ވަދެފަ އެވެ. އެވަޅި ނަގާފައި ވަނީ ތިން ގަޑިއިރުގެ އޮޕަރޭޝަނަކުންނެވެ.