ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުއްޓައި ހ. ހަންޑްރެޑް ފްލާވާސް ހުސައިން ރަޒީން (ރަބަރޭ) މަރާލި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ އޭނާ މަރާލަން ހަރަދު ކުރި ދިވެއްސެއް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރަބަރޭ މަރާލީ މާލޭގައި ހުރި ދިވެއްސަކު ފައިސާދޭން އެއްބަސްވެގެން ކަމަށް ފުލުހުންގެ ތަހުގީގަށް ކަށަވަރުވެފައިވާ ކަމަށެވެ. އެ މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ ކާކުކަމެއް ހާމައެއް ނުކުރެ އެވެ. ނަމަވެސް އެއީ 28 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ހައްޔަރުކޮށްފައިވާ އެމީހާގެ ފޯނަށް ރަބަރޭ މަރާލުމަށް ފަހު ވޭން ތެރޭގައި ނަގާފައިވާ ފޮޓޯތައް ވަގުތުން ފޮނުވާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި ޖެހިގެން އައި ދުވަހު ހެނދު ފޮޓޯ އަލުން ފޮނުވުމުން، ކުޑައިރުކޮޅެއްގެ ތެރޭގައި ރަބަރޭ މަރާލިކަމުގެ ތުހުމަތުގައި ސްރީލަންކާގައި ހައްޔަރުކޮށްފައިވާ ފިރިހެން މީހާގެ ބޭންކް އެކައުންޓަށް މާލެއިން ހައްޔަރު މީހާ މީހާ ފައިސާ ޓްރާންސްފާ ކޮށްފައިވާކަން ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

"އެމައްސަލާގައި މިހާތަނަށް ސްރީލަންކާގެ ފުލުހުން ވެސް މީގެ ކުރިން ގިނަ މަޢުލޫމާތުތަކެއް ހާމަކޮށްފައިވާ ކަމަށާއި މައްސަލަ ތަޙްގީގު ކުރުމުގައި ދިވެހި ފުލުހުންގެ ފުރިހަމަ އެހީތެރިކަން ސްރީލަންކާގެ ފުލުހުންނަށް ދަނީ ދެމުން،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ރަބަރޭގެ މަރާގުޅިގެން މީގެކުރިން ސްރީލަންކާ ފުލުހުން ވެސް ވަނީ ގިނަ މައުލޫމާތުތަކެއް އާންމުކޮށްފަ އެވެ. އެގޮތުން ރަބަރޭގެ މަރާގުޅިގެން ލަންކާ އިން ހައްޔަރުކުރި ބިލާލުއާ އިތުރަށް ސުވާލުކުރުމުން އެނގުނު ގޮތުގައި، އެ ވިޔަފާރިވެރިޔާ ރަބަރޭ މަރާލަން ބޭނުންވީ، އޭނާ އެވިޔަފާރިވެރިޔާގެ ކޮއްކޮ އަކު މަރާލާފައިވާ ކަމުގެ ތުހުމަތުގަ އެވެ. އަދި ރަބަރޭ މަރާލަން އެންމެ ފުރަތަމަ މަސައްކަތްކުރީ ވިޔަފާރިވެރިޔާ އަމިއްލަ އަށް ކަމަށާއި އެކަން ކާމިޔާބު ނުވުމުން ފައިސާދީގެން އެކަންކުރާން އޭނާ ނިންމީ ކަމަށް ލަންކާ ފުލުހުން ބުނެފައިވެ އެވެ.

"ބިލާލުއާ ސުވާލުކުރުމުން، ރަޒީން މަރާލުމަށް ބޭނުންކުރި ވަޅި، އޭނާގެ ކާފަ ދިރިއުޅޭ ގެއިން ވަނީ ހޯދިފައި. މީގެ އިތުރުން ބިލާލަށް އެހީތެރިވެދިން ވޭން ޑްރައިވަރު ވަނީ ހައްޔަރުކުރެވިފައި،" ލަންކާ ފުލުހުން ބުނެފައިވެ އެވެ.

ލަންކާ ފުލުހުންނާ ހަވާލާދީ، އެ ގައުމުގެ އޮންލައިން ނޫހެއް ކަމަށްވާ 'ސަންޑޭޓައިމްސް'ގައި ބުނެފައި ވަނީ، މިދިއަ އަހަރުގެ ނޮވެމްބަރު ފަސް ވަނަ ދުވަހު ޕިލިއަންދަލާގެ ތަމްބޯވިލާ ބްރިޖް ކައިރީގައިވާ ދަނޑެއްގެ ތެރެއަށް މަރާލުމަށް ފަހު އެއްލާލާފައި އޮއްވައި ފެނުނު ރަބަރޭ މަރާގުޅިގެން ހައްޔަރުކޮށްފައިވާ އޭނާގެ ގާތް ރަހްމަތްތެރިއެއް ކަމަށްވާ ބިލާލް ނަމަކަށް ކިޔާ ދިވެއްސެއްގެ ފަރާތުން އެގުނު ގޮތުގައި، ރަބަރޭ މަރާލުމަށް ދިވެހި ވިޔަފާރިވެރިއަކު އޭނާ އަށް 14 މިލިއަން ރުޕީސް ވަނީ ހުށަހަޅާފައި ކަމަށެވެ.

ހ. ހަންޑްރެޑް ފްލާވާސް ހުސެއިން ރަޒީން (ރަބަރޭ) އަކީ، ހ. ކުބްރާ އަލީ އިޝާރު މަރާލުމުގެ ތުހުމަތުގައި ތަހުގީގަށް ފުލުހުން ހޯދަމުންދިޔަ މީހެކެވެ. އަދި އޭރު ފުލުހުން އޭނާ ހޯދަން އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުވި އެވެ.