ފޮޓޯގްރަފީގެ ރޮނގުންނާއި ކޭޝިއަރުންގެ ރޮނގުން ވަޒީފާއަދާކުރަން ބޭނުންވާ ފަރާތްތަކަށް ނުވަތަ އެ މަސައްކަތްކޮށްގެން އާމްދަނީ ހޯދަން ބޭނުންވާ ފަރާތްތަކަށް ތަމްރީނުވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެއްހާސް ފޮޓޯގުރާފަރުންނާއި ކޭޝިއަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ސަރުކާރުން އިފްތިތާހްކޮށްފައި ވަނީ، މިމަހުގެ ފަސް ވަނަ ދުވަހު އެވެ.

އެ ދެ ޕްރޮގްރާމުގެ ތެރެއިން ނެޝަނަލް ސެޓްފިކެޓް ތިނެއްގެ ކޯހުގެ މުއްދަތަކީ ހަ މަސް ދުވަހެވެ. އަދި އެ ކޯހަށް ވަނުމުގެ ފުރުސަތަކީ ގްރޭޑް އަށެއް ނިންމާފައިވުމެވެ.

އަނެއް ކޯހަކީ ނެޝަނަލް ސެޓްފިކެޓް ހަތަރެއްގެ ކޯހެވެ. އެ ކޯހުގެ މުއްދަތެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އެއް އަހަރެވެ. އަދި ޝަރުތަކީ ސާނަވީ ނިންމާ އިމްތިހާނަކުން ތިން މާއްދާއިން "ސީ" ފާސް ލިބިފައިވުން ނުވަތަ ސެޓްފިކެޓް ލެވެލް ތިނެއްގެ ކޯސް ފުރިހަމަކޮށްފައިވުމެވެ.

އެ ދެ ޕްރޮގްރާމަކީ ވެސް ސްޕޮންސާ ކޮށްފައިވާ ކޯސްތަކަކަށްވާތީ، ކޯހުގެ ފީ ދައްކާކަށް ނުޖެހޭނެ އެވެ.

ފޮޓޯގުރާފަރުން ތަމްރީން ކުރުމުގެ ކޯހުގެ ބައިވެރިވާ ކޮންމެ ބައިވެރިއަކަށް އެއް އަހަރު ތެރޭގައި ފައިސާ އަނބުރާ ދައްކާގޮތަށް ކެމެރާއެއް ލިބޭނެ ޕެކޭޖެއް އެކޮނޮމިކް މިނިސްޓްރީން ވަނީ ހަމަޖައްސައިފަ އެވެ. އަދި އެ ކޯހުގެ ބައިވެރިންނަށް ޕްރޮފެޝަނަލް ފޮޓޯގްރާފަރަކާ އެކު އިންޓާންޝިޕް ފުރިހަމަކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އެ ކޯސްތަކަށް އެދި ހުށަހަޅަންޖެހޭ ފޯމް، އެޑިއުކޭޝަން މިނިސްޓްރީ އިންނާއި ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރޭނިން އޮތޯރިޓީ (ޓިވެޓް އޮތޯރިޓީ) އިން ލިބޭނެ އެވެ.

އެ ކޯސްތަކަށް އެދި ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ މަހުގެ ފަސް ވަނަ ދުވަހެވެ. ފޯމް ހުށަހަޅެން ޖެހޭނީ ޣާޒީ ބިންލްޑިންގުގެ ތިރީ ފަންގިފިލާގައި ހުންނަ ޓިވެޓް އޮތޯރިޓީ އަށެވެ.

ސަރުކާރުން ވަނީ ފޮޓޯގުރާފަރުންނާއި ކޭޝިއަރުންގެ ދާއިރާއަކީ ދިވެހިންނަށް ހާއްސަ ދެ ދާއިރާއެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ. މިއަދު އިފްތިތާހު ކުރި ޕްރޮގްރާމުގެ ދަށުން ތަމްރީންތައް ކުރިއަށް ދާނީ އެޑިއުކޭޝަން މިނިސްޓްރީއާ އެކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ޓިވެޓް އޮތޯރިޓީންނެވެ.