05 May 2011, 10:58
ގަބޫލުކުރަން ދަތިވެދާނެ އެވެ. އެހެނަސް މިއީ ހަމަ ދިމާވެފައި ހުރި ކަންތައްތަކެވެ. އެއްދުވަހެއްގެ މެންދުރުކުރީގެ ވަގުތެވެ. ބޭރުގައި އުޅެފައި އަޅުގަނޑު ގެއަށް އައީ މުހިއްމު ބޭނުމަކު އެވެ. ސައިކަލު ޕާކުކޮށްފައި ގެއާދިމާއަށް ހިނގައިގެންފީމެވެ. އެޅުނީ ދެތިން ފިޔަވަޅެކެވެ. މަތިން ބަޔަކު ހަޅޭއްލަވައިގަތް އަޑާއެކު، ކޮންމެވެސް އެއްޗެއް އައިސް ފައިބުޑަށް ޖެހިއްޖެ އެވެ. ވަގުތުން ފިޔަވަޅަށް ހުއްޓުން އަރައިފި އެވެ. ފެނުނު މަންޒަރެއްގެ ސަބަބުން ކުޑަ ހިނދުކޮޅަކަށް މޭގަނޑު އޮތީ އަތުތެރޭގަ އެވެ. ގާތްގަނޑަކަށް ފޫޓަކަށްވުރެ ވެސް ކައިރީގައި އެ އޮތީ ބޮޑު ބިއްލޫރިގަނޑެއް ވެއްޓި ކުދި ކުދިވެފަ އެވެ. އެކި ދިމަ ދިމާއަށް ބުރައިގެން ދިޔަ ބިއްލޫރިކޮޅުތަކުން ބައެއް އެތި ކޮޅު ކޮޅު ގަޔާދިމާއަށް ވެސް އައެވެ. ޒަޚަމަކާ ނުލައި ސަލާމަތް ވެވުނީތީ އުފާކުރި ނަމަވެސް، މޭގެ ތެޅުމަކަށް ބަދަލެއް ނާދެ އެވެ.
މީހުންތައް އެތަނަށް ފުނި ޖެހެމުން ދިޔައިރު އަޅުގަނޑަށް ހުރެވުނީ ބިރުން އަވަދިވެފަ އެވެ. ހިތަށް އެރި އެވެ. ކުރިއަށް އެންމެ ފިޔަވަޅެއްވެސް އެޅުނު ނަމަ، އެ ބޮޑު ބިއްލޫރިގަނޑު ވެއްޓުނީހީ އަޅުގަނޑުގެ މިހިރަ ނާޒުކު ބޮލަށެވެ. އެހެން ހިތަށް އެރުމާއެކު ބޮލުގައި އަތްފިރުމާ ވެސް ލެވުނެވެ. ވީގޮތް އެނގުނީ ފަހުންނެވެ. މަގަށް ހުރި ކުޑަދޮރެއްގެ ދޮރުފަތް، ހުރިގޮތަށް ބަހައްޓައިގެން އެ ދޮރުފަތުގެ ބިއްލޫރި ބަދަލުކުރަން އުޅނީ އެވެ.
އެހެން ދުވަހެކެވެ. ސްކޫލަށް ދިޔުމަށްޓަކައި ތިއްތިވެލައިގެން ނިކުމެއްޖައީމެވެ. ތަންކޮޅަކަށް ދެވުނުތަނާ މަތިން އެއްޗެހިތަކެއް ފައިބައިގެންފި އެވެ. ގަޔަށެވެ. އަވަސް އަވަހަށް ގަޔަށް ބަލައިލެވުނެވެ. ސަހަރޯ އެވެ. މުޅި ގަމީހާއި ފަޓުލޫނު ޚަރާބެވެ. ދިޔާ ސިމެންތިން ގަމީހާއި ފަޓުލޫނުގައި އޮތީ ކުރެހުން އަޅާލާފަ އެވެ. ބަޔަކު ގެއެއްގެ ތިންވަނަބުރީގައި ސިމެންތީގެ މަސައްކަތެއް ކުރަނީ އެވެ. އެމީހުންނަކާ ވާކަމެއް ވެސް ނޫނެކެވެ. މީހަކު ތިރީގައި ހުރެގެން އެމީހުން ބޮޑު އަގުގައި ގަނެގެން އައިސް އުޅޭ ސިމެންތިން "ފެންވަރަމުން" ގެންދާކަމެއް ކުޑަކޮށް ވެސް ނޭނގެ އެވެ.
އަދިވެސް އެހެން ދުވަހެއްގެ ވާހަކަ އެވެ. ރައްޓެއްސަކާ ބައްދަލުކޮށްލަން ގެއަކަށް ގޮސް ވާހަކަ ދައްކާލަން އިރުކޮޅަކު އިނދެފައި ނިކުމެއްޖައީމެވެ. ފެނުނު މަންޒަރަކުން ދެލޯ ނިތްކުރިއަށް އެރި އެވެ. އަޅުގަނޑުގެ އެއޮތްފަދަ ސައިކަލަށް ޖެހިފައި ހުރި ނިކަމެތި ހާލު ފެނިފަ އެވެ. އެއީ އޭގެ ކުރީ ދުވަހު، ބަޔަކު ކީ އަގެއް ދީފައި އޮފު އަރުވާލި ސައިކަލެކެވެ. ސައިކަލު އެހުރީ އަޅުގަނޑު ބެހެއްޓި ތަނުގަ އެވެ. ޕާކިން ޒޯނުގެ ހިމާޔަތުގަ އެވެ. އެކަމަކު އޭގެ ކަވަރެއް، ހުންގާނެއް، މަޑިއެއް، ފުރޮޅެއް، ކުލައަކުން މިހާރު ތަފާތެއް ނުވެއެވެ. ބަޔަކު ލޮރީއަކުން ސިމެންތި ބޭލީޔޯލަ އެވެ. އެމީހުން ޖެހުނުތާ ލަކުނުވެސް ނެތެވެ. ބޭލި ސިމެންތި ބަސްތާތައް އެތަނުގައި "ހެވި ދިލިފައި" ހުއްޓެވެ. އަޅުގަނޑަށް ޖެހުނީ އެކުވެރިޔާއަށް "އުނދަގޫ" ކޮށްގެން ފޮތިގަނޑެއް ހޯދާށެވެ! އިށީނދެލެވޭވަރު ކޮށްލެވޭތޯ އެވެ.
ލިޔަންޏާ ލިޔާނެ މިފަދަ ކިތަންމެ ވާހަކައެއް އަދިވެސް އެބަހުއްޓެވެ. ފުރަތަމަ ފަންގިފިލާގެ ކުޑަދޮރު ކައިރީގައި ހުރެފައި ކަރުކެހިލާފައި ބޭރުކޮށްލި "އޮލަގަނޑު" ކޮނޑުމައްޗަށް ތިރިކޮށްލި ދުވަހަކީވެސް ފިސާރި ދުވަހެކެވެ. އެކަމަކު އެވާހަކައެއް ނުދައްކާނަމެވެ.
ކޮންމެއަކަސް މިއީ ނިކަމެތި އަޅުގަނޑަށް އެކި ދުވަސް މަތިން ކުރިމަތިލާން ޖެހިފައި ހުރި ތަފާތު ހާދިސާ ތަކެވެ. މިފަދަ ކަންކަން ތަޖުރިބާ ކޮށްފައި ތިބި ކިތައް މީހުން، މި ހަލަބޮލި ފަސްގަނޑުގައި އުޅޭނެބާވަ އެވެ؟ މަދުވާނެއެކޭ ހިތެއް ނުބުނެ އެވެ.
މިހިރީ ހަމަ ކޮންމެ މީހަކުވެސް ވިސްނާ ފިކުރު ކުރަން ޖެހިފައި ހުރި ކަންކަމެވެ. ތިމާގެ ބޭނުން ތިމާއަށް ފުއްދާލެވުނީމާ އެހިސާބުން ނިމުނީކަމަށް ބެލުމަކީ ގޯހެކެވެ. އަނެކާއަށް ވެސް މިނިވަންކަމެއް އޮންނަން ވާނެ އެވެ. ހައްގެއްވެސް އޮންނަންވާނެ އެވެ. ފިކުރުކޮށްލަބަލާށެވެ.
ކަމެއް ދިމާވާނީ ބުނެފައެއް ނޫނެވެ. މަސައްކަތުގެ މާޙައުލުގައި ފަރުވާ ކުޑަކޮށްލެވިއްޖެ ނަމަ ކިތަންމެ ނުރައްކާތެރި ކަމަކާވެސް ކުރިމަތި ވެދާނެ އެވެ. ދިމާވެފައި ވެސް އެބަ ހުއްޓެވެ. ކަމެއްގައި ކޮށްލެވޭ ކުޑަކުޑަ ފަރުވާ ކުޑަކޮށްލުމަކުން، އެކަމާ ގުޅުމެއް ނެތް މީހެއްގެ ފުރާނައާވެސް ކުޅެލެވިދާނޭކަން އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ. މިފަދަ ކަންކަމާމެދު ފިކުރުކޮށް، ހޭއަރާނީ، އެފަދަކަމެއް ތަޖުރިބާ ކޮށްފަ އެއް ނޫނެވެ. އެއަށްވުރެ ކުރިންނެވެ.
ގަބޫލުކުރަމެވެ. މިއަދު މާލޭގައި މަސައްކަތަކަށް ވާކަހަލަ މަސައްކަތެއް ކުރާކަމަށް ވަންޏާ އެކަމެއްގެ އެއްކޮޅުގައި ތިބޭނީ ބިދޭސީންނެވެ. އެމީހުގެ ތެރެއިން ތަހުޒީބުގެ ސިފައެއް ފެންނާނީ މަދު މީހެއްގެ ކިބައިންނެވެ. އެހެންކަމުން އެމީހުން ލައްވާ މަސައްކަތް ކުރުވާ ފަރާތްތަކުން މިފަދަ ކަންކަމާމެދު ވިސްނާ، އެމީހުންނަށް ފިލާވަޅު ދަސްކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. ކޮންމެ މަސައްކަތެއް ކުރިނަމަވެސް އެކަމުގައި ގެންގުޅެންޖެހޭ ރައްކާތެރި ގޮތްތަކާއި، ރީތި އުޞޫލުތަކާއި، ތިމާއާއި އަނެކާގެ ސަލާމަތަށްޓަކައި ކަންކުރަން ޖެހޭ ޒިންމާދާރު ގޮތްތައް އޮންނަންވާނީ ރަނގަޅަށް ދަސްކޮށްދެވިފަ އެވެ. ކަންކުރަނީ އެ އުޞޫލުންތޯ ބެލުމަކީ ވެސް ވާޖިބެއް ކަމުގައި ދެކެން ޖެހެ އެވެ.
މިފަދައިން ކަން ކުރެވިއްޖެނަމަ، މަތިން ފުންމާލަން ބޭނުންވާ ބިއްލޫރިޝީޓަކަށް އެފުރުޞަތެއް ނޯންނާނެ އެވެ. ދުއްވާފައި ދާ މީހާއަކަށް ސިމެންތިން ފެންވަރާކަށް ނުޖެހޭނެ ވެވެ. ޒޯނުގައި ހުންނަ ސައިކަލަކަށް ވެސް މާބޮޑު ނިކަމެތިކަމެއް ނާންނާނެ އެވެ. ބޭނުންވަނީ ހަމަ އެންމެ ކަމެކެވެ. ކުރާ ކޮންމެ ކަމެއް ޒިންމާދާރުކަމާއެކު ކުރުމެވެ. އަދި ކުރުވުމެެވ.