17 Apr 2016, 12:26
ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދައުވާއާ ގުޅިގެން ގާނޫނީ ވަކީލަކު ހަމަޖެއްސުމަށް ފަސް ދުވަހުގެ ފުރުސަތު އޭނާ އަށް މިއަދު ދީފި އެވެ.
ވިސާމްގެ މައްޗަށް ދައުލަތުން އުފުލި ދައުވާގައި ބުނެފައިވަނީ 25 މާޗް 2015 ވަނަ ދުވަހު މާލޭގައި އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމެއްގައި ފުލުހުން މީހަކު ހައްޔަރު ކުރަނިކޮށް އޭނާ ހައްޔަރުކުރަނީ ކީއްވެތޯ އަހައި ފުލުހުންގެ ދައުރު އަދާކުރުމަށް ވިސާމް ދަތިކޮށްފައިވާ ކަމަށެވެ.
އެ ދައުވާގެ އިތުރުން ވިސާމްގެ މައްޗަށް ދައުލަތުން ވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ދައުވާވެސް އުފުލާފަ އެވެ. އެއީ މިދިޔަ ނޮވެމްބަރު މަހުގެ ދެ ވަނަ ދުވަހުގެ ރޭ 7:45 އެހައިކަންހާއިރު ފުލުހުންނާއި ސިފައިން މާލޭގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މާފަންނު ސްޓޭޑިއަމް ސަރަހައްދު ބަންދުކޮށްފައި ވަނިކޮށް އިސްކަންދަރު ކޮށި ދޭއް ގައިރީގައި ތިބި މީހުން ދިޔުމަށް ފުލުހުން އެންގި ވަގުތު ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މީހަކު ހައްޔަރުކުރަން އުޅެނިކޮށް ޕޮލިސް ކޯޕްރަލް މުހައްމަދު ޝާހީންގެ ގައިގައި ވިސާމް ފަހަތުން ބައްދާލުމަށްފަހު ފަހަތައް ދަމާފައިވާކަމަށް ބުނެ އެވެ.
އެމައްސަލާގައިވެސް ވަކީލަކު އައްޔަންކުރަން ވިސާމްއަށް ވަނީ މިދިޔަ ހަފްތާގައި ފަސްދުވަސް ދީފަ އެވެ. ވިސާމްގެ މައްޗަށް އުފުލާފައިވާ ދައުވާތަލުގެ އިތުރުއަޑުއެހުމެއް މޭ 10 ވަނަ ދުވަހު ބޭއްވުމަށް ކޯޓުން ވަނީ ތާވަލުކޮށްފަ އެވެ.
ވިސާމްގެ އިތުރުން ރާއްޖޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ އާއީ ނޫސްވެރިޔާ ލީވާން އަލީ ނާސިރު އަދި ވީޑިއޯ ޖާނަލިސްޓް ޒަރީރުގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފަ އެވެ.