ކްލަބު މޯލްޑިވްސް ކަޕްގެ ސެމީ ފައިނަލަށް ކްލަބު އެމްއާރްޑީސީ އާއި، ޓީމް ފެނަކަ އާއި، މޯލްޑިވިއަން އަދި ޔުނައިޓެޑް ބީއެމްއެލް ދަތުރުކޮށްފި އެވެ.

ޓްރެފިކް ޕޮލިސް ކުރިމަތީ އޮންނަ މާފަންނު ސްޓޭޑިއަމް ވެލިދަނޑުގައި ކުރިއަށްދާ އެ މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަތައް އެ ހަތަރު ޓީމުން ކަށަވަރުކޮށްފައިވަނީ އިއްޔެ ކުޅުނު ކުއާޓާ ފައިނަލުގެ މެޗުތަކުން މޮޅުވެގެންނެވެ.

ސެމީގެ ޖާގައެއް އެމްއާރްޑީސީން ހޯދީ ޕެނަލްޓީ ޖަހައިގެން ވަރުގަދަ އެމްޕީއެލްގެ މައްޗަށް 3-1 ލަނޑުން ކުރި ހޯދައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ނިމުނުއިރު، ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެ އެވެ. އެމްއާރުޑީސީގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ އިސްމާއިލް އީސަ އާއި، އަހްމަދު ރައްޔާން އަދި އަލީ މަލާޝް އެވެ. އެމްޕީއެލްއިން ކާމިޔާބުކުރި ހަމައެކަނި ޕެނަލްޓީ ޖަހައިދިނީ ހަސަން އިބްރާހިމް އެވެ.

ސެމީއިން ޓީމު ފެނަކަ ޖާގަ ހޯދީ ފަސޭހަކަމާއެކު ހައުސިން މިނިސްޓްރީ އަތުން 5-0 ލަނޑުން މޮޅުވެގެންނެވެ. ފެނަކައިން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު އަބްދުﷲ ޝައްފާން ކާމިޔާބުކޮށްދިން އިރު، ޔަޝްފާދު ހަބީބު އާއި، ސަފްވާން ރަމްޒީ އަދި ހުސައިން ޝަރީފް، ކޮންމެ ކުޅުންތެރިޔަކު ލަނޑެއް ކާމިޔާބުކޮށްދިނެވެ.

ސެމީއިން މޯލްޑިވިއަން ޖާގަ ހޯދީ ކުއާޓާގައި ކްލަބު އެޗްޑީސީ އަތުން 3-2 ލަނޑުން މޮޅުވެގެންނެވެ. މޯލްޑިވިއަން އަށް އަފުއާލް އަބްދުﷲ ދެ ލަނޑު ކާމިޔާބުކޮށްދިން އިރު، އަނެއް ލަނޑަކީ އެޗްޑީސީގެ ޔާމީން މުހައްމަދު އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އެޗްޑީސީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަބްދުﷲ ޝަމީމް މުހައްމަދު އާއި އަލީ ފަރީދެވެ.

ސެމީގެ ޖާގައެއް ޔުނައިޓެޑް ބީއެމްއެލް ހޯދީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވުމުން، ޕެނަލްޓީގައި ކްލަބު އިމިގްރޭޝަންގެ މައްޗަށް 2-1 ލަނޑުން ކުރި ހޯދައިގެންނެވެ. މެޗުގައި އިމިގްރޭޝަންގެ ލަނޑު އަލީ ހައިޝަމް ކާމިޔާބުކޮށްދިން އިރު، ބީއެމްއެލްގެ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ހަމްދާން އެވެ. ބީއެމްއެލްގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ މުހައްމަދު ނާޝިދު، އަހްމަދު ނަސީމް އާއި އިބްރާހިމް ހަސަން އެވެ. އިމިގްރޭޝަންގެ ހަމައެކަނި ޕެނަލްޓީ ކާމިޔާބުކޮށްދިނީ އަހްމަދު އަޝްފާން (އަޝްކޮ) އެވެ.

ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އެމްއާރްޑީސީއާ ދެކޮޅަށް ފެނަކަ ނުކުންނަ އިރު، ސެމީގެ ދެވަނަ މެޗުގައި މޯލްޑިވިއަންއާ ދެކޮޅަށް ނުކުންނަން ޖެހޭނީ ބީއެމްއެލް އެވެ. އެ މުބާރާތުގެ ސެމީގެ ދެ މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހު އެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.