ރާއްޖެ އަށް ޓެރަރިޒަމްގެ ބިރުވެރިކަމެއް އަދި ނެތް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އުދުވާނީ ހަމަލާއެއް ރާއްޖެއަށްދީފާނެ ކަމުގެ ބިރުވެރިކަމެއް ނެތްކަން މިހާތަނަށް އެ ސެންޓަރުން އެއްކުރި މައުލޫމާތުތަކުން އެނގޭ ކަމަށެވެ.

"މިހާތަނަށް އަޅުގަނޑުމެން އެއްކުރި މައުލޫމާތުން ދިވެހި ރާއްޖެއަކަށް އަދި މިވަގުތު ޓެރަރިޒަމްގެ އެއްވެސް ކަހަލަ ނުރައްކާތެރި އުދުވާނީ ހަމަލާއެއްދީފާނެ ކަމުގެ އެއްވެސް ބިރުވެރިކަމެއް ނެތް. އަދި އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ވެސް ރާއްޖޭގެ އެއްވެސް އިންޓެލިޖެންސަކަށް މިވަގުތަކު ލިބިފައެއް ނެތް،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ އެފަދަ ބިރުވެރިކަމެއް ރާއްޖެ އަށް އަދި ނެތްކަމުގައި ވިޔަސް މިއަދު ދުނިޔޭގައި ޓެރަރިޒަމްގެ އަމަލުތައް ހިނގަމުންދާގޮތަށް ބަލާއިރު، އެއްވެސް ގައުމަކީ ޓެރަރިޒަމްގެ ހަމަލާއެއް ނުދެވޭނެ ވަރުގެ ގައުމެއް ނޫން ކަމަށެވެ. ދުނިޔޭގެ ބައެއް ބޮޑެތި ބައެއް ގައުމުތަކަށް ދެމުން އަންނަ ހަމަލާލަތުން އެކަން އެނގޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެ އިން ބޭރުގައި ކުރަމުން އަންނަ ހަނގުރާމަތަކަށް ދިވެހީންދާ މައްސަލަ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ފަރާތުން ވަރަށްބޮޑަށް ބަލައި ދިރާސާ ކުރަމުން އަންނަ ކަމަށް ވެސް ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.

މިހާތަނަށް އެއްކުރެވުނު މައުލޫމާތުތަކަށް ބަލާ އިރު، ހަނގުރާމަތަކުގައި ބައިވެރިވުމަށް ގޮސްފައި ވަނީ ވަރަށް މަދު ބައެއް ކަމަށާއި އެ އަދަދު މަތިވެގެންނުދާ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

"މިކަމާ ބެހޭ ގޮތުން މިހާތަނަށް އެއްކުރެވުނު މައުލޫމާތައް ބަލާ އިރު ހިސާބުގެ ދެ އަދަދުން ގުނޭ ނަންބަރުތަކެއް އަދި މިހިރީ. އިރާދަކުރެއްވިއްޔާ އެއަށް ވުރެ މައްޗަކަށް އަދި ނުދޭ. ބޭރަށް ދާ މީހުންގެ ތެރެއިން ވެސް އެނބުރި އަންނަނީ މަދު ބައެއް،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިދާރާއެކެވެ. އެ ސެންޓަރުގެ ޑިރެކްޓަރު ޖެނެރަލް އަކީ ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރެވެ.