17 Apr 2016, 11:59
ޖަރުމަނު ލީގުގައި ރޭ ބަޔާން މިއުނިކުގެ ރޮބަޓް ލެވެންޑޯސްކީ ޖެހި ދެ ގޯލާއި އެކު 3-0ގެ ނަތީޖާ އަކުން ޝާލްކޭގެ މައްޗަށް ކުރި ހޯދައި ތާވަލުގެ އެއްވަނައިގަ 10 ޕޮއިންޓްގެ ލީޑެއް ބަޔާނުން ނަގައިފިއެވެ.
އެ މޮޅާއެކީ ބަޔާން އޮތީ، ކުޅުނު 30 މެޗުން 78 ޕޮއިންޓް ލިބިގެން ތާވަލުގެ އެއް ވަނައިގައެވެ. ބަޔާނަށް ވުރެ އެއް މެޗު މަދުން ކުޅެ 68 ޕޮއިންޓާއި އެކު ބޮރޫޝިއާ ޑޯޓްމަންޑް ލީގުގެ ދެވަނައިގައި އޮތް އިރު ތިންވަނައިގައި 51 ޕޮއިންޓާއެކީ އޮތީ، ބަޔާ ލެވަކޫސަންއެވެ. ބަޔާން އަތުން ރޭ ބަލިވި ޝާލްކޭ އޮތީ 45 ޕޮއިންޓާއި އެކު ތާވަލުގެ ހަތް ވަނައިގައެވެ.

ޖަރުމަނު ލީގްގައި ރޭ ބަޔާން އާއި ޝާލްކޭ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީބަޔާންގެ އެލިއަންޒް އެރީނާގައި ކުޅުނު އެ މެޗުގެ ފެށިގެން، ދެ ޓީމުގެ ފަރާތުން ވެސް ދާދި އެއްވަރުގެ ކުޅުމެއް ފެނިގެންދިޔައިރު ފުރަތަމަ ހާފް ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބް ނުކުރެވިއެވެ.
ނަމަވެސް ދެވަަނަ ހާފް ފެށިގެން 54 ވަނަ މިނެޓްގައި އާޓޫރޯ ވިޑާލް ގެ އެހީތެރިކަމާއި އެކު ލެވެންޑޯސްކީ ވަނީ ބަޔާން އަށް މެޗުގެ ލީޑް ނަގައިދީފައެވެ.
ދެވަނަ ހާފްގައި ބަޔާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގެ 65 ވަނަ މިނެޓްގައި، ރަފިންހާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ލެވެންޑޯސްކީ ވަނީ ބަޔާންގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީފައެވެ. އެ ދެ ގޯލާއި އެކު ޖުމްލަ 27 ގޯލް ކާމިޔާބްކޮށް ލަނޑު ލިސްޓްގެ އެންމެ ކުރީގައި އޮތީ ލެވެންޑޯސްކީ އެވެ.
އެ މެޗުގައި ބަޔާންއިން ކާމިޔާބް ކުރި ތިން ވަނަ ގޯލު މެޗުގެ 73 ވަނަ މިނެޓްގައި ވިޑާލް ކާމިޔާބް ކުރީ ފްރޭންކް ރިބަރީ ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ.

ޖަރުމަނު ލީގްގައި ރޭ ބަޔާން އާއި ޝާލްކޭ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
ރޭގެ މޮޅާއެކީ ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ޖަރުމަނު ލީގު ހޯދުމަށް، ކެތްމަދުވެފައިވާ ބަޔާނަށް މިހާރު ބޭނުންވަނީ އެންމެ ހަ ޕޮއިންޓެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ބަޔާންގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ޗެމްޕިއަންސް ލީގްގެ މެޗަކަށް ފަހު ރެސްޓެއް ނެތި ރޭގެ މެޗަށް ނިކުންނަން ޖެހުމުން ހިތްހަމަ ނުޖެހުން ފާޅު ކޮށްފައެވެ.
"ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފަހުރި މީހެއްގެ ގޮތުން އަހަރެން މި ބުނަނީ ޗެމްޕިއަންސް ލީގްގައި ވާދަވެރި މެޗެއް ކުޅުމަށް ފަހު ތިން ދުވަސް ފަހުން މި ނިކުންނަށް ޖެހުނީ ލީގްގައި. އެއީ ދިމާވި ވަރަށް ބޮޑު މައްސަލައެއް،" ގާޑިއޯލާ ބުންޏެވެ.
އޭނާ ބުނީ މެޗުގެ ފުރަތަމަ ހާފްގައި އޭނާގެ ޓީމަށް ރަނގަޅު ކުޅުމެއް ނުދެއްކުމުގެ މައިގަނޑު އެއް ސަބަބަކީ ވެސް ކައިރި ކައިރީގައި މެޗުތަކެއް ކުޅެން ޖެހި ޓީމް ވަރުބަލި ވެފައިވާތީ ކަމަށާއި ނަމަވެސް އެއީ ދައްކާނެ ބަހަނާއެއް ނޫން ކަމަށެވެ.