ބޮޑު ކުރިއެރުމަކާއެކު އަނެއްކާ ވެސް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، 100 މީޓަރު ދުވުމުން ގައުމީ ރެކޯޑު އާކޮށްފި އެވެ.

ޖެމެއިކާގައި ތަމްރީނު ފުރިހަމަ ކުރަމުންދާ ސާއިދު، 100 މީޓަރު ދުވުމުން އޭނާ ކުރިން ހަދާފައިވާ ގައުމީ ރެކޯޑު އާކޮށްފައިވަނީ 0.8 ސިކުންތު ކުރިން ރޭސް ނިންމައިގެންނެވެ. ޖެމެއިކާގައި ކުރިއަށްދާ އެމްވީޕީ ޓްރެކް އެންޑް ފީލްޑް އިވެންޓުގައި ދުވެ، ސާއިދު ވަނީ އޭނާ ދުވި ހީޓުގެ އެއް ވަނަ ވެސް ހޯދައިފަ އެވެ.

ސާއިދު މިފަހަރު 10:33 ސިކުންތުން ރޭސް ނިންމައިގެން ގައުމީ ރެކޯޑު އާކޮށްފައިވާ އިރު، ކުރިން އޭނާ ރޭސް ނިންމައި ރެކޯޑު އާކޮށްފައިވަނީ 10:41 ސިކުންތުން ރޭސް ނިންމައިގެންނެވެ.

އޭގެ ކުރިން 10:41 އިން ރޭސް ނިންމައި، ސާއިދުގެ އަމިއްލަ ރެކޯޑު މުގުރާލާފައި ވަނީ މި އަހަރު އިންޑިއާގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައެވެ. އޭނާ ރިހި މެޑެއްޔެއް ހޯދައި، އެ ފަހަރު ރެކޯޑު އާކޮށްފައިވަނީ 0.1 ސިކުންތުގެ ކުރިއެރުމަކާއެކު އެވެ. އޭރު ސައުތު އޭޝިއަން ގޭމްސްގައި ރަން މެޑެއްޔެއް ހޯދައި، ސައުތު އޭޝިއާ ސަރަހައްދުގެ 100 މީޓަރު ދުވުމުގެ ރެކޯޑު މުގުރާލި ސްރީ ލަންކާގެ ހިމާޝާ އީޝާން ރޭޝް ނިންމާފައިވަނީ 10:28 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ސާއިދު އަކީ 100 މީޓަރު ދުވުމުގެ އިތުރުން 60 މީޓަރު ދުވުމާއި، 200 މީޓަރު ދުވުން އަދި 400 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު އޮންނަ ދުވުންތެރިޔާ އެވެ. އޭގެ އިތުރުން ހަތަރެއް ގުނަ 100 މީޓަރު އަދި ހަތަރެއް ގުނަ 400 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު އޮންނަ ރިލޭ ޓީމުގައި ވެސް ސާއިދު ހިމެނެ އެވެ.